"ނަޒާން...." އެ އިވުނީ އޭނާގެ ހިތުގެ ހަމަޖެހުމުގެ އަޑެވެ. ހީވީ އޭނާގެ މޭގައި މަންޝާގެ ދެއަތުން ފިރުމާލަދިންހެންނެވެ.
ޝައިހާން ގޭތެރެއަށް ވަންނަން ހިނގައިގަތުމާއެކު ނަޒާން މުއްގަނޑު ފެލާލިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ޝައިހާން ގޭތެރެއަށް ވަނުމާއެކު އެދިމާލަށް ނަޒާން ސައިކަލު ދުއްވާލިއެވެ.
*****
ޝައިހާން ބަލައިލީ މީހަކު ފަހަތުން ވަންހެން ހީވެގެންނެވެ. ފަހަތުގައި ހުރި ނަޒާން ފެނި ފުރަތަމަ ޝާއިހާން ޖެހިލުންވިއެވެ. މަންޝާ މަތިން ހަނދާންވުމުން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ދެން އޭނާގެ އަތުގައި ޝައްކުކުރެވޭ އެއްވެސް އެއްޗެއް ނޯންނާނޭ ބުނާ ފަދައިން ދެއަތް މައްޗަށް ހިއްލާލުމަށްފަހު ތަޅުވާލިއެވެ.
"މިގެއަށް ކޮޕެއް ވަންނަން ޖެހޭ ވަރުގެ ކަމެއް ނުކުރަން. މިގޭގަ އުޅެނީ މަށާ މަގޭ އަނބިމީހާ" ޝައިހާން ބުންޏެވެ.
"ކޮބާ މަންޝާ؟" ނަޒާން ބުންޏެވެ. އެތެރެހަށީގައި އަނދަމުންދިޔަ އަލިފާންގަނޑު ހުޅުފެޅިޔަ ނުދިނުމަށް ނަޒާން މަސައްކަތް ކުރިއެވެ.
"އޯވް. ތިއީ ލޯބިވެރިޔާއޭ މަގޭ އަންހެނުން ބުނި. ނުކުމޭ މިގެއިން. މީހުންގެ ގޭގެއަށް ހުއްދައެއްނެތި ތިހެނެއް ނުވަދެވޭނެ" ޝައިހާން ބުންޏެވެ.
ކުރިއަށް ޖެހުނު ނަޒާން އެދިޔަގޮތަށް ޝައިހާނުގެ ގަމީހުގެ ގިރުވާނުގައި ހިފައި އަތަށް އޮޅާލިއެވެ. ޝައިހާންވެސް ހަމައިން ނެއްޓީ އެވަގުތުއެވެ. ހަމަހޭގައި ހުރި ވަގުތެއްވެފައި ނަޒާންދެކެ އަރައިގަތް ރުޅިއެއްގެ ސަބަބުން އޭނާވެސް ނަޒާނަށް ހަމަލާދިނެވެ. އިސާހިތަކު ގޭތެރޭގައި ބޮޑު ހަނގުރާމައެއް ފެށުނު ކަހަލައެވެ. އެއްޗެހި ވެއްޓޭ އަޑު އިވެން ފެށުމުން ކޮޓަރީގައި ތިބި ހަމްރާ އާއި މަންޝާ އެކުގައި ނުކުތެވެ. ފެނުނު މަންޒަރަކުން ދެ އަންހެންކުދީން ފައިދަށުން ބިންގަނޑު ކެހިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ދެ ޒުވާނުންގެ ގައިންވެސް ލޭ ފައިބަމުން ދިޔައެވެ. މަންޝާގެ ލޮލުގައި އަޅައިގަތީ ޝައިހާންގެ ކަރުގައި ހިފައިގެން ހުރި ނަޒާންގެ ކަނާއަތުގެ މުލައްދަނޑީގައި ހުރި ފުން ޒަހަމެވެ. އަތުގައި ހުރި އެ ޒަހަމް ފޭވެފައި ހުރިގޮތުން އެތެރެއިން ނާރުތަކާއި ކަށިތައް ނުފެންނަ ކަމެއްވެސް މަންޝާއަށް ޔަގީނެއް ނުވިއެވެ. އެއްފަހަރާ އެތައް ބައިވަރު ލޭތަކެއް ފެނުމުން މަންޝާގެ މޭނުބައިކޮށް ބޮލަށް އެނބުރުން އެރިއެވެ.
"މާތްކަލާކޮ. ހެޔޮނުވާނެ ދޫކޮށްލާ" ހަމްރާ ގޮވަމުން ދިޔައެވެ. އޭނާވެސް ހުރީ ބިރުގެންފައެވެ.
މަންޝާ ކުރިއަށްޖެހުނެވެ. އެކަކު އަތުން އަނެކަކުގެ ފުރާނަ ނުދަނިސް އެކަން ހުއްޓުވަންޖެހޭނެކަން އޭނާގެ ހަވަނަ ހިއްސު އޭނާއަށް ހަނދާންކޮށްދިނެވެ. މަންޝާއަށް ދެވުނީ ނަޒާނާ ދިމާލަށެވެ.
"ﷲ އަށްޓަކައި ތިކަން ހުއްޓާލާ" ނަޒާންގެ އަތުގައި މަންޝާ ހިފެހެއްޓިއެވެ. އެހިނދު ޝައިހާންގެ ރުޅިވެރިކަން އިންތިހާއަށް ދެގުނަވެގެން ދިޔައެވެ. ނަޒާން ދުރަށް ކޮށްޕާލާފައި ޝައިހާން އެތެރެއަށް ވަދެގެން ދިޔައެވެ. އެވަގުތު ނަޒާން އެނބުރިފައި މަންޝާ އޭނާގެ ދެއަތުގެ ތެރެއަށްލިއެވެ. މަންޝާގެ ގައިގައި ނަޒާން ބެއްދިއެވެ.
"ހިނގާ ދާން. ދެން މިތަނުގައި ހުންނާނެ ކަމެއް ނެތް" ނަޒާން ބުންޏެވެ.
"އެއީ ތެދެއް. މިކަހަލަ ފުރުސަތެއްދެން ނުލިބޭނެ" ހަމްރާ ބުންޏެވެ.
"މިއަންނަނީ ބޭގް ހިފައިގެން" މަންޝާ ކޮޓަރި އާ ދިމާލަށް ދުއްވައިގަތެވެ.
މަންޝާ އެތެރެއަށް ދަބަސް ބަލައި ވަންވަގުތު ނަޒާން ފުލުހުންނަށް ގުޅަން ފޯނު ނެގިއެވެ. އެގޭތެރެއިން ޝައިހާން ބޭރުނުވާކަން އޭނާއަށް ޔަގީނެވެ. ޝައިހާނު ހައްޔަރުކުރެވޭނެކަން ފުރިހަމަ ޔަގީންކަން އޭނާއަށް އޮތެވެ. އޭރުވެސް އޭނާ މައިނޭވާ އަޅަމުން ދިޔައެވެ.
*******
ގެއަށް ދިޔުމުގެ ކުރިން މިހާދު ގެއަށް ގުޅިއެވެ. މަންޝާ އުޅޭ ގެއަށް ދާން ދިލްޝާދު ކިޔާތާ ދެތިން ރޭ ވެއްޖެއެވެ. އެންމެފަހުން އަނބިމީހާގެ އުފަލަށްޓަކައި މިހާދު ރުހުނެވެ. މަންޝާ ދިރިއުޅޭ ގެ ހުންނަ ހިސާބެއް ދެމަފިރިންނަށް ނޭނގޭތީ ޒަވީ ކައިރީގައި އަހައިގެން އޮޅުންފިލުވިއެވެ. އެންމެފަހުން ޒަވީ ވެސް ޔަލާ ގޮވައިގެން އެގެއަށް ދާން ބުންޏެވެ. މުޅި އާއިލާ ތިބީ މަންޝާއަށް ސަޕްރައިޒެއްދޭން ތައްޔާރަށެވެ.
"މަންމާ،" މިހާދުގެ ފޯނު ބާއްވާފައި ޒަވީ ގޮވާލިއެވެ. ބަދިގެއިން ދިލްޝާދު 'ހޫމް' އެއް ލައްވާލި އަޑު އިވުނެވެ.
"ބައްޕަ މި ކައިރިކުރަނީ އޯ" ޒަވީ ބުންޏެވެ.
އިރުކޮޅަކުން ދިލްޝާދު ނުކުމެގެން އައިސް ސޯފާކައިރީގައި ހުއްޓުނެވެ.
"ކޮބާ ފޯނު؟ ކޮޓާރީގަ ކަންނޭނގެ. ދަރިފުޅު ދޭބަލަ މަންމަގެ ފޯނު ގެނެސްދޭން"
ޔަލާ ސިޑިން އަރައިގެން ދިޔުމުން ދިލްޝާދު އަތުގައި ހުރި ތަށިބަރި ކޮތަޅަށް ލާން އުޅުނެވެ.
"ތިއީ ކޯޗެއް މަންމާ" ޒަވީ އެހިއެވެ.
"އެގެއަށް މަންމަ ދާ ފުރަތަމަ ދުވަސް. ދެކުދިންނަށް އެއްޗެއް ނުލާ ދާކަށް ނުވާނެއްނު. އެހެންވެ ކާއެއްޗެއް ހަދާލީ. ބަނބުކެޔޮ ބޮނޑިބަތަކީ މަންޝާއަށް ވަރަށް މީރު އެއްޗެއް. ޝައިހާނުގެ ގޮތެއް ނޭނގެ. އުންމީދަކީ އޭނައަށްވެސް މި ކަމުދިޔުން"
މިހާދު ގޭތެރެއަށް ވަނީ ވެސް އެވަގުތުއެވެ. އާއިލާ ހަމަވުމާއެކު އެންމެން ނުކުންނަން ހިނގައިގަތެވެ. ޒަވީއަށް ފޯނު އައީ އެވަގުތުއެވެ.
"ވަޓް؟؟" ޒަވީގެ އަޑު ބާރެވެ. ހުރިހާ މީހުން އެއްފަހަރާ ޒަވީއަށް ބަލައިލިއެވެ. ކަމެއް ގޯސްވެއްޖެކަން ޒަވީ ހުރިގޮތުން ހުރިހާ މީހުންނަށް އެނގުނެވެ.
"ޒޭވް...؟" ޔަލާ ގޮވާލިއެވެ. ޒަވީ ހުރީ ހުއްޓުން އަރައިފައެވެ. ފޯނު ކަންފަތާ ދުރުކޮށްލި ގޮތަށް ހުރިތަނުގައި ޒަވީ ހުއްޓެވެ. އޭނާއަށް ހޭވެރިކަމެއްވީ ޔަލާ އޭނާގެ އަތުގައި ހިފައި ތަޅުވައިގަތުމުންނެވެ. އެ މަންޒަރު ބަލަންހުރި ދިލްޝާދުގެ ހިތަށް ނުބައިގޮތެއް ވިއެވެ. ލަސްލަހުން ހިނގާފައި އައިސް އޭނާ ޒަވީ ކައިރީގައި ހުއްޓުނެވެ.
"ކިހިނެއްވީ؟ ކާކުގެ ފޯނެއް؟" ދިލްޝާދު އެހިއެވެ. ދިލްޝާދުގެ ފަހަތުން އައި މިހާދުގެ ނަޒަރުވެސް ޒަވީއަށް ހުއްޓުނެވެ. ޒަވީ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. މަސްލަހަތަށްޓަކައި މައިންބަފައިންނަށް ސިއްރުކުރަންޖެހޭ ބައެއް ކަހަލަ ކަންކަން ދަރިންގެ ދިރިއުޅުމުގައި ހިނގާނެއެވެ. އެހެންނަމަވެސް ދަރިއަކު މަރުގެ ތުންފަތް މައްޗަށް ދިޔުމުން އެކަން މައިންބަފައިންނަށް ސިއްރުކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫނެވެ.
"މަންމާ، ހިނގާ ހޮސްޕިޓަލަށް" ޒަވީ ބުންޏެވެ.
ދެން ޒަވީ ވަރަށް ބާރަށް ހިނގައިގަތެވެ.
"ކިހިނެއްވީ މަގޭ މަންޝާއަށް" ދިލްޝާދު ވަރަށް ބާރަށް ގޮވާލިއެވެ.
"ޝައިހާނު ވަޅިޖެހީ" ދޮރާ ހަމައިން ހުއްޓިފައި ޒަވީ ބުންޏެވެ. މައިންބަފައިންނަށް ޝޮކެއް ލިބޭނެކަން އެނގޭއިރުވެސް ޒަވީ ތެދު ހާމަކުރިއެވެ.
ދިލްޝާދަށް ހީވީ އޭނާގެ ނޭވާގައި މީހަކު ހިފަހައްޓައި ނޭވާ ހާސްކުރުވަން މަސައްކަތް ކުރުވި ވަގުތު ކޮޅެއްހެންނެވެ. އޭނާގެ ނޭވާ ހަމަޔަކަށް ނޭޅިގެން ތެޅެން ފެށުމާއެކު ކައިރީގައި ހުރި ޔަލާ ހިފެހެއްޓިއެވެ. ދިލްޝާދުގެ އަތުގައި ހުރި ތަށިބަރި ތިރިއަށް ވެއްޓުނު ވަގުތާއި މިހާދު ބިމުން ކަނޑައި ވައްޓާލި ރުކެއްހެން މުށިތަކުގެ މަތީގައި ޖެހުނު ވަގުތުވީ އެއްވަގުތަކަށެވެ. ޒަވީ ޖެހުނީ މިހާދު ކައިރިއަށެވެ. އެހެންނަމަވެސް ޔަލާގެ އަތުގެ ތެރޭގައި ދިލްޝާދުވެސް އޮތީ ހެއަށް ގޮތްވެފައެވެ. ކުއްލިއަކަށް މުޅި ގޭތެރޭގައި ހީވީ ބޮމެއް ގޮވައިގެން ދިޔަހެންނެވެ.
******
އެމެޖެންސީ ރޫމަށް މަންޝާއަށް ފަރުވާދޭން ފެށުނެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް ހަށިގަނޑުން ގިނަ އަދަދަކަށް ލޭފައިބާފައި ވުމުން މަންޝާ ސީރިޔަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނަރުހުން ނަޒާނަށް އެންގިއެވެ. ޒަވީއަށް ފޯނުން ގުޅައި މައުލޫމާތު ދިނީ ނަޒާނެވެ. ލިބުނު ޝޮކްގައި އަދިވެސް ހަމްރާ އަނގައިން ނުބުނެއެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ނަޒާނަށް އެތަނުގައިވެސް މައިތިރިވެގެން ނުހުރެވުނެވެ. އިރުކޮޅަކާ އޭނާ އެތެރެއަށް ވަންނަން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އޭނާއަށް މަންޝާ އޮތް އެނދާ ހަމައަށް ދެވޭގޮތެއް ނުވިއެވެ. އެނދެއްގައި މިހާދު ވެއްދި އިރުވެސް ނަޒާން ހުރީ ބަލަހައްޓައިގެންނެވެ. ދިލްޝާދު ގޮވައިގެން އައީ ޔަލާ އާއި ތިއާ އެވެ. ނަސީބު ކަންދިމާކުރި ގޮތުން އެއީ ތިއާ ޑިއުޓީއަށް އައި ވަގުތެވެ. އެހެންކަމުން ހާއްސަ ހުއްދައެއް ލިބިގެން ތިއާ އަށް އެތެރެއަށް ވަދެވުނެވެ. ދިލްޝާދު ހުރި ހާލަތު ފެނުމުން ނަޒާންގެ ހިތުގައި ރިއްސާލިއެވެ. އެމީހުންނަށް ބަލަން އުނދަގުވިއެވެ. މަންޝާއަކީ އޭނާ އެމީހެއްދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. އެމީހަކާ ނުލާ އޭނާ އެންމެ ސިކުންތަކަށްވެސް ދުނިޔެ ބޭނުމެއް ނުވެއެވެ. ދަރިއަކު އެފަދަ ހާލަތެއްގައި އޮތުމުން އަދި މަޔަކަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ޔަލާ ދިލްޝާދު ބޭންދީ ހަމްރާ ކައިރީގައި ހުރި ހުސް ގޮނޑީގައެވެ. އެހިނދު ހަމްރާ ދިލްޝާދަށް ބަލައިލިއެވެ. ދިލްޝާދުގެ ދެލޮލުގައި ކަރުނައެއް ނެތެވެ. އަދިވެސް އޭނާ އިނީ ގަބުވެފައެވެ. މީހަކާ ބަހެއް ނުކިޔައެވެ. ހަމްރާ ދިލްޝާދުގެ ކޮނޑުގައި ބޯއެޅިއެވެ.
އިސާހިތަކު ފުލުހުންގެ ޓީމެއް ހޮސްޕިޓަލަށް ވަނެވެ. އެމީހުންގެ ތެރޭގައި ހައިކާ ހުއްޓެވެ. ހައިކާ އަކީ ތަހުގީގު ޓީމުގެ ބައިވެރިއެއް ނޫނެވެ. އޭނާ އައީ ނަޒާންގެ އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ނަޒާނާއި ފުލުހުންގެ ފަރާތުން މަންޝާގެ ހާލު އޮޅުންފިލުވިއެވެ. ކުށުގެ ވެށީގައި އެވަގުތު ތިބީ ނަޒާނާއި ހަމްރާއަށް ވުމުން ފުލުހުން އެ ދެ މީހުންނާ ވަކިން ވާހަކަ ދެއްކިއެވެ. ނަޒާނަކީ ފުލުހުންނަށް ގުޅި ފަރާތް ކަމަށް ވުމުން ބަޔާން ބޭނުންވާ ކަމަށް ބުނުމުން ނަޒާން އެއްބާރުލުން ދިނެވެ.
"ނަޒާން ވަރަށް ހިތްވަރު ގަދަ. އޭނައަށް ފުލުހުން އަންނަންދެން ޝައިހާން ހިފެހެއްޓެން އޮތް. އެކަމަކު އޭރު މަން މަރަށް ތެޅެނީ. އެހެންވެ ޝައިހާން ދޫކޮށްލާފައި ނަޒާން އުޅުނީ މަންގެ ފުރާނަ ސަލާމަތްކުރެވޭތޯ"
ކައިރީގައި އިށިން ހައިކާ ކުރި ސުވާލުގެ ޖަވާބުގައި ހަމްރާ ވާހަކަ ދެއްކިއެވެ. ހޮސްޕިޓަލަށް އައިފަހުން އެއީ ހަމްރާ ބަހެއް ކިއި ފުރަތަމަ ފަހަރެވެ. އެ އަޑު ދިލްޝާދަށް އިވުމާއެކު މޫނުގައި އަތް އެޅިއެވެ. ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ. ނުރޯން އޭނާ މަސައްކަތް ކުރިއެވެ.
*****
ފެންވަރައިގެން މާޝިތާ ނުކުތްއިރު އޭނާގެ އެއްވެސް ދަރިއެއް ގޭތެރެއިން ނުފެނެއެވެ. ބަދިގެއަށް ވަދެ ނަޒާން ބުނި ފަދައިން އޭނާ ހުރީ ހަވާދުލީ ބިސް ހަދާފައެވެ. މޭޒު މައްޗަށް ސައިހަދަން ތައްޔާރުކުރުމުގެ ކުރިން މާޝިތާ ދިޔައީ ނާޔާ ކޮބައިތޯ ބަލައިލަން އެކޮޓަރިއަށެވެ. ފޮތްތައް ހުޅުވާލައިގެން އެނދުގައި އިން ނާޔާއަށް މާޝިތާ ހިނިތުންވެލިއެވެ.
"ކޮބާ ތިއްތި؟ މަންމައަށް ހީވި ގެއަށް އައިހެން" އެތެރެއަށް ވަންނަމުން މާޝިތާ ބުންޏެވެ.
"އައި ގެއަށް. އަޅުގަނޑަށް ފިލާވަޅެއް ކިޔައިދޭން އިންދާ ފޯނެއް އައުމުން ވަރަށް ބާރަށް ހިނގައްޖެ. ކޮންމެސް މީހަކަށް ލޭ ދޭ ވާހަކައެއް ދެއްކިހެން ހީވީ" ނާޔާ ބުންޏެވެ. މާޝިތާ ހިނިތުންވެލިއެވެ. ހައިރާންވެސް ވިއެވެ. ނަވާލަކީ މީހުންނަށް ހެޔޮ ކުއްޖެކެވެ. އެހެންނަމަވެސް ލޭ ދިނުމަކީ އޭނާ ބިރު ގަންނަ ކަމެކެވެ. އަބަދުވެސް އެކަހަލަ ވާހަކައެއް ގޭތެރޭގައި ދެކެވިއްޖިއްޔާ ނަވާލް ބިރު ގަންނަ ވާހަކަ ބުނާނެއެވެ.
"ދޮންބެ އަންނާނެ އިރުކޮޅަކުން. ދަރިފުޅުވެސް އަންނާތި އިރުކޮޅަކުން ސައިބޯން ތިރިއަށް. މަންމަ މިދަނީ ބައްޕައަށް ގުޅަން"
އެނދުން މާޝިތާއަށް ރަނގަޅަށް ނުތެދުވެވެނީސް ކަންފަތުގައި ޖެހުނީ އެއްޗެހިތަކެއް ކުދިކުދިވެގެން ދިޔަފަދަ ބާރު އަޑުފަށްގަނޑެކެވެ. ނާޔާވެސް ބިރުގަނެފައި މާޝިތާގެ ގައިގައި ހިފައިގަތެވެ. އެ އަޑު އައީ ތިރިންކަން އެނގުމުން މާޝިތާ ދުއްވައިގަތެވެ. ސިޑިން ރަނގަޅަށް ނުފޭބެނިސް އޭނާއަށް ގޭތެރޭގައި ބުމަރެއްހެން އެނބުރެމުންދިޔަ ނަޒާން ފެނިއްޖެއެވެ. މާޝިތާއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ހިނދުކޮޅަކަށް ހީވީ އުމުރުން ފަސް އަހަރު، ހަ އަހަރުގެ ކުޑަ ދަރިފުޅު ފެނިލިހެންނެވެ. މާޝިތާގެ ފަހަތުން އައި ނާޔާވެސް ހުރީ ބިރުގެންފައެވެ. މާޝިތާ ތިރިއަށް ފޭބި އިރު ނާޔާއަށް ފައިބަން ނުކެރުނެވެ. ނަޒާންގެ އެފަދަ މަންޒަރެއް އޭނާއަށް ފެނުނީ އަލަށެވެ. ހީވީ ދޮންބެ ދުނިޔެއިން މޮޔަވެފައި ހުރި ހެންނެވެ. މާޝިތާއަށް އެކަނި ނަޒާން ނުހިފެހެއްޓޭނެކަން އެނގޭތީ ނާޔާ އަލުން ކޮޓަރިއަށް ދުއްވައިގަތީ އެ ހަބަރު އާމިރަށް ދިނުމަށެވެ.
"ދަރިފުޅާ... ދަރިފުޅާ... ކިހިނެއްތިވަނީ؟" ނަޒާން ހިފަހައްޓަން މާޝިތާ މަސައްކަތް ކުރިއެވެ.
އެހެންނަމަވެސް މާޝިތާއަށް ނަޒާން ނުހިފެހެއްޓުނެވެ. ނަޒާން ރޮނީ ކަމެއް ހަޅޭއްލަވަނީ ކަމެއް މާޝިތާއަށް ނޭނގުނެވެ. ނަޒާންގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ގޭތެރޭގައި ހުރި އެކި އެއްޗެހި އެކިތަނަށް އުކަމުން ދިޔައެވެ. ނަޒާން ހުރީ ހަމައިގައެއް ނޫނެވެ. އެންމެފަހުން މާޝިތާ ރޯންފެށިއެވެ. ލައްކަ ދުވަހު އެކުއްޖާ އިހުސާސްތައް ހިފަހައްޓަން މަސައްކަތްކޮށްފިއެވެ. ބިރުގެންފައި ދޮރާ ދިމާލަށް މާޝިތާ ޖެހެމުން ދަނިކޮށް ގޭތެރެއަށް ދުވެފައި ވަންނަން އައި އާމިރުގެ ގައިގައި ލައިގަނެއްޖެއެވެ. އެއީ ފިރިމީހާ ކަން އެނގުމުން އާމިރުގެ ގައިގައި މާޝިތާ އޮޅުލައިގަތެވެ.
"ޒާން ހިފަހައްޓާ. އެކުއްޖާ ބުއްދި ގޯސްވެދާނެ" މާޝިތާ ބުންޏެވެ.
މާޝިތާގެ ގައިގައި ހިފަހައްޓައިގެން އާމިރު ހުއްޓެވެ. ނަޒާން ހިފަހައްޓަން އޭނާ މަސައްކަތެއް ނުކުރެއެވެ. މަސައްކަތް ކުރުމަކީވެސް ބޭކާރު ކަމެކެވެ. އެންމެ ރަނގަޅު ވާނީ ނަޒާން އަމިއްލައަށް ހަމަޖެހެން ދޫކޮށްލުންކަން އެނގެތީ އާމިރު ހިޔާރުކުރީ ހިމޭންކަމެވެ. ހުދު އާމިރުގެ ދެލޮލުންވެސް ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. ނާޔާ ކައިރިއަށް އައިސް އަނެއް ފަރާތުން އާމިރުގެ ގައިގައި ލައްވެގަތެވެ. ނަޒާންގެ ގައިން ފެންނަން ހުރި ޒަހަމްތައް ފެނި ނާޔާއަށްވެސް ހުރީ ރޮވިފައެވެ.
"އެއި ކަމެއް ނޫން. ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް އެހުރިހާ ކަމެއް ފޫބައްދަން އަހަރެން މިހުރީ. އެއީ އަހަރެންގެ ދޮށީ ދަރިފުޅު. އެކުއްޖާއަކީ ކޮންކަލަ ކުއްޖެއްކަން އަހަރެމެންގެ ދެމަފިރިންނަށްވެސް އެނގެއެއްނު. ބަލަން ތިބެން ހިނގާ. އެކަމަށްވެސް ގިނައިރެއްނުވެ ނިމުން އައިސްދާނެ. މާޝި ދޭބަލަ މައްޗަށް ގޮސް އޭނަގެ ބޭސް ހިފައިގެން އަންނަން. އަހަރެން މިގުޅަނީ ޑޮކްޓަރ ފަހުދަށް"
މާޝިތާ ތިރިއަށް ފޭބި އިރު ކާގޭ މޭޒުކައިރީގައި ފުނޑުފުނޑުވެފައި ހުރި ބިއްލޫރިތަކުގެ ތެރޭގައި ނަޒާން އޮތެވެ. ޓައިލްތަކުގެ ތެރޭގައި ބޯއަޅައިގެން އޮތް އިރު އަދިވެސް ނަޒާންގެ ނޭވާ ހަމަޔަކަށް ނޭޅޭކަން މާޝިތާއަށް އެނގުނެވެ. މައިލަގޮނޑިއަށް ކެތްނުވެގެން އެދިމާލަށް މާޝިތާ ދުއްވައިގަތެވެ. ވީކަމެއް އެއިން އެއްވެސް މީހަކަށް ނޭނގެއެވެ. އެހެންނަމަވެސް މަންޝާއާ ގުޅޭގޮތުން ތިއާ ދެއްކި ވާހަކަތަކާ ކުއްލިއަކަށް ނަޒާނަށް އެ އައި ބަދަލާ މާޝިތާ ގުޅުވާލިއެވެ.
*******
"ބޮޑުމަންމާ، ހިތްވަރުކުރަންވާނެ. ރުއިމަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެއްނު. މިވަގުތު މަން އަށް ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ. އަޅުގަނޑު ނެތިން މަން ގެ އެއްވެސް ކަމެއް ބޮޑުމަންމައަށް ސިއްރުކުރާކަށް. މަންގެ އިންޓާނަލް ބްލީޑިން އެއް އެބައުޅޭ. ލިވާ އަށް ވަނީ ގެއްލުންވެފަ. އަދިވެސް ލޭ އެޅުން ނުހުއްޓޭ. އޮތީ ވެންޓިލޭޓަރުގަ. ހަތަރު ޑޯނަރުން ބޭނުންވޭ. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިއްޖެ. ބޮޑުބައްޕަގެ ހާލު ރަނގަޅު. ވަރަށް ބޮޑަށް ޕްރެޝަރު ހައިވެފަ ހުރީ. އެކަމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ގެއްލުންތަކެއްވެފަ ކަމަށް ޑޮކްޓަރ ބުނަނީ. އެހެންވެ ސައްވީސް ގަޑިއިރަށް އައިސީޔޫ އަށް ބަދަލުކުރީ. ބޮޑުބައްޕަ އޮތީ ކޯމާއެއްގައެއް ނޫން. ނިންދަވާފަ. އެކަމަކު...." ތިއާ ވާހަކަދެއްކުން ހުއްޓާލިއެވެ. މަޑުމަޑުން ގިސްލަމުންދިޔަ ދިލްޝާދު ތިއާ އަށް ބަލައިލިއެވެ.
"މަގޭ ދަރިފުޅު ރަނގަޅުނުވާނީތަ؟ އެކުއްޖާއަށް އާ ދިރިއުޅުމެއް ނުލިބޭނީތަ؟ އެހެންވެތަ ދަރިފުޅު ތިހުއްޓާލީ" އަސަރާ އެކު ދިލްޝާދު ބުންޏެވެ.
"އިރުކޮޅަކުން އަސުރަށް ގޮވާނެ. ހިނގާ ނަމާދުކޮށްލަން ދަމާ. މަންގެ ސާޖަރީ ފުރިހަމަވާން އަދި ވަރަށް ގިނައިރު ނަގާނެ"
ދިލްޝާދުގެ އަތުގައި ހިފައިގެން ތިއާ ހިނގައިގަތެވެ. އެންމެންގެ ހިތްވަރަކަށް ވާން ތިއާ މަސައްކަތް ކުރި ނަމަވެސް ހުދު ތިއާގެ ހިތަށް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. މަންޝާ އޮތް ހާލު ފެނި ތިއާގެ ހޭވެރިކަން ނުދިޔައީ ކިރިޔާއެވެ. މަންޝާގެ ހާލު ވަރަށް ސީރިޔަސް ކަމަށް ޑޮކްޓަރުން ތިއާ އަށް މައުލޫމާތު ދިނެވެ.
*****
މާޝިތާ ކޮޓަރިން ނުކުތީ ނަޒާނަށް ނިދުނު ފަހުންނެވެ. ބޮޑުކޮޓަރީގައި އާމިރާއި ޑރ. ފަހުދުގެ އިތުރުން ނަވާލްވެސް އިނެވެ. މާޝިތާ ބަދިގެއަށް ގޮސް ހުރިހާ މީހުންނަށް ކޮފީ ހެދިއެވެ. ނަޒާންގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަން ފެށުނީ ދެނެވެ.
"އޭނާގެ ސިކުނޑިއަށް ކެތްނުވީ. ބޭބެމެން އެހާވަރަށް ނުވިސްނާ. ހޭލެވޭއިރު ހުންނާނީ ހަމަޔަކަށް އެޅިފައި. އަހަރެން ބުނާނީ މިހާރު ކުރީގެ އެއްވެސް ކަމެއް ނެތޭ ކިޔާފަ ބޭސްކެއުން ހުއްޓާލިޔަ ނުދެއްޗޭ. އަސްލު އެހާވަރު ވަންޏާ އަމިއްލަ ނަފްސަށްވެސް ގެއްލުމެއްދީފާނެ. މިއަދު ހިނގި އެއްވެސް ކަމެއް އެކަކަށްވެސް އެނގޭތަ؟" ޑރ.ފަހުދު ވާހަކަދެއްކިއެވެ.
މާޝިތާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޑރ. ފަހުދު ހީލިއެވެ. އެއީ ސަމާސާކުރުން ބޮޑު އާއިލީގޮތުން އާމިރާ ގުޅުން އޮތް ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ. ނަޒާނަށް މީގެކުރިންވެސް ފަރުވާ ދީފައިވަނީ ފަހުދު ހިމެނޭ ޑޮކްޓަރުންގެ ޓީމަކުންނެވެ.
"ދައްތަމެން އަވަހަށް ޒާން އެ އަންހެންކުއްޖާ އާ މެރީކުރުވާ. ފަހަރެއްގަ އެކަން އެއްކޮށް ފިލައިގެން ހިނގައިދާނެ އެ އަންހެންކުއްޖާ އާ މެރީކުރުވާ ފަހުންވެސް" ޑރ. ފަހުދު ބުންޏެވެ.
"ތިކަން ކުރާނީ ކިހިނެއް. މިބުނީނު އެކުއްޖާ އުޅެނީ މީހަކާ އިނދެގެންނޭ. އަހަރެމެންގެ ދަރިފުޅުގެ އުފަލަށްޓަކައި ކިހިނެއް އެކުއްޖާގެ ދިރިއުޅުމުގެ ތެރެއަށް ވަންނާނީ. މިއަދުވެސް އެ އައީ ވަރުގަދަ ހަނގުރާމައެއްކޮށްފަ ކަން ޔަގީން. އެހެންނޫނީ އެކުއްޖާގެ ގައިން އެ ޒަހަމްތަކެއް ނުފެންނާނެ" މާޝިތާ ވާހަކަދެއްކިއެވެ.
ހުރިހާ މީހުންގެ މެދުގައި ވާހަކަދެކެވެމުން ދިޔައިރު ނަވާލް ހިމޭނުން އިންކަން މާޝިތާއަށް ފާހަގަވިއެވެ. ކޮފީތަށީގައި ވެސް ނަވާލް އަތް ނުލައެވެ.
"ނަވާލް. އަދި މިއުޅެނީ މިސޮރަށް ކޮންގްރާވެސް ނުކިޔާ. ބައްޕަ އޭ ކިޔާފަ ކުޑަކުއްޖަކު ގޮވާ އަޑު ދުސްވަކޮޅަކުން އިވޭނެ ދޯ" ކައިރީގައި އިން ނަވާލްގެ ކޮނޑަށް އަތް އެއްލަމުން ސަމާސާ ރާގެއްގައި ޑރ. ފަހުދު ބުންޏެވެ.
"ނާޔާ ބުނި ދަރިފުޅު ދިޔައީ މީހަކަށް ލޭ ދޭށޭ. ލޭ ދީފަތަ ތިއައީ" މާޝިތާ އެހިއެވެ. އާމިރު ހައިރާންވެފައި ނަވާލަށް ބަލައިލިއެވެ.
ނަވާލް ބޯޖަހާލިއެވެ.
"ކާކަށް ދަރިފުޅު ލޭ ދިނީ؟" އާމިރު އެހިއެވެ.
"މަންޝާއަށް" ނަވާލް ބުންޏެވެ.
މާޝިތާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. ހިތުގައި ސުވާލު އުފެދުނެވެ. ނަވާލް ކަންތައް ހިނގާދިޔަ ގޮތް އެނާއަށް އެނގޭ މިންވަރަކަށް އެންމެނަށް ކިޔައިދިނެވެ.
"ރަނގަޅެއް ނޫން. ވަރަށް ހާލު ދެރަ" ނަވާލް ބުންޏެވެ.
******
ދެލޯ ހުޅުވާލެވުމާއެކު ނަޒާން ފުންމައިގެން ތެދުވިއެވެ. ފޯނަށް ބަލައިލިތަނާ ފުރަތަމަވެސް އޭނާއަށް ފެނުނީ ހައިކާ ކޮށްފަ އޮތް މެސެޖެވެ. އެންމެ މިނިޓެއްވެސް ލަސްކުރަން އޭނާ ބޭނުމެއް ނުވިއެވެ. ގޭތެރޭގައި ކަންތައް ހިނގައި ދިޔަ ގޮތް އޭނާ ހަނދާނަށް އައެވެ. އެއިން އެއްވެސް ކަމެއް އޭނާއަށް މުހިންމެއް ނޫނެވެ. ފާހާނާއަށް ވަދެ ފެންވަރަންވެސް ބޭނުމެއް ނުވިއެވެ. އަލަމާރިން ޓީޝާޓެއް ދަމައިގަތް ގޮތަށް އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެކޮޓަރިއަށް ވަންނަން އައި މާޝިތާއަށް ނަޒާން ފެނުމާއެކު ފަހަތުން ދުއްވައިގަތެވެ.
"ދަރިފުޅާ، ކޮންތާކަށް؟" މާޝިތާ ނަޒާންގެ އަތުގައި ހިފެހެއްޓިއެވެ.
"ޕޮލިސް ސްޓޭޝަނަށް. ހެޔޮ ޖަލަން ވަންނަންޖެހުނަސް އެ ޝައިހާނެކޭ އެކިޔާ ޖަނަވާރު މަރާލާނަން" ނަޒާން ބުންޏެވެ.
މާޝިތާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެވަގުތު ނަޒާން ހިފަހައްޓަން އުޅެގެން އިއްޔެގައި ހިނގި ކަންތައް ތަކުރާރުވެދާނެކަމުގެ ބިރު އޭނާ ހީވިއެވެ. ނަޒާން އެ ރުޅިމަތީގައި ގެއިން ގޮސް ކޮށްފާނެ ކަމަކާ މެދުވެސް އެވަގުތު މާޝިތާ ކަންބޮޑުވިއެވެ. ގޭތެރޭގައި އާމިރުވެސް ނަވާލްވެސް ނެތެވެ. މާޝިތާގެ ސިކުނޑި ވަރަށް އަވަސް ހަރަކާތެއްކޮށްލިއެވެ.
"ހިނގާ އިހަށް މަންޝާ ކައިރިއަށްދާން. ދަރިފުޅު ބޭނުމެއްނުވޭތަ ހޮސްޕިޓަލަށްދާން. އެ ޝައިހާނު ބަހައްޓާ"
ނަޒާން ހިމޭންވިއެވެ. މަންޝާގެ ނަން ހިތަށް އެރުމާއެކު އެނާގެ ދެލޮލުން ރިހުމެއް ފާޅުވެލިއެވެ. އިސާހިތަކު ނަޒާންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާ މާޝިތާގެ ގައިގައި ބައްދައިގަތެވެ. ދެން ގިސްލާފައި ރޯންފެށިއެވެ. މާޝިތާ ދެލޯމަރައި ބާރުކޮށްލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު އޭނާ ނަޒާން ރޯން ފުރުސަތުދީގެން ނަޒާންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
(ނުނިމޭ)