ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާނީ ހަމައެކަނި ދިވެހީންނަށް ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އިއުލާންކުރައްވައިފައެވެ. އަދި ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މުސާރަ ބޮޑުކުރާ ހުރިހާ އަދަދުތަކެއް ވެސް އިއުލާންކޮށްފައެވެ.

އެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ ޕޭ ފްރޭމްވޯކަށް ސިއްހީ ފަރުވާދޭ ސަރުކާރުގެ ތަންތަނުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ބައެއް ފަންނުތަކާއި ހޯމް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ސްކޫލުތަކުގެ ސިއްހީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ބަދަލުވެގެންދާނެ ކަމަށެވެ.

މި އަންނަ ބަދަލަކީ ހަމައެކަނި ދިވެހިންނަށް އަންނަ ބަދަލެއް. ބިދޭސީންނެއް މީގެ ތެރޭގައި ނުހިމެނޭނެ. ޖުމުލަ 3710 މުވައްޒަފުން ޕޭ ފްރޭމްވޯކަށް ބަދަލުވެގެންދާނެ. އޭގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލުތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965، އައިޖީއެމްއެޗްގެ 1004، ހުޅުމާލެ ހޮސްޕިޓަލުގެ 298 އަދި މިނިސްޓްރީގެ ދަށުގައި ހިންގާ ތަންތަނާއި މިނިސްޓްރީގެ 452 މުވައްޒަފުން،" އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މުސާރަތައް ކަނޑައެޅުމުގައި އެލައިޑް ހެލްތު ފަންނުތަކަށް މިހާތަނަށް ދެމުން ގޮސްފައިވާ މުސާރަތަކަކީ އެ ފަންނުތަކާ ނުބައްދަލު ކުޑަ މުސާރަތަކަކަށްވާތީ، އެލައިޑް ހެލްތުގެ ފަންނުތަކަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ދިނުމަށް ބަލާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ހުރިހާ ފަންނުތަކުގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް ބާރު އެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށްޓަކައި މުސާރައިގެ ފަރަގުތަކެއް ގެންގުޅެފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ދެން ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިތައް ހުރި ކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ވެސް ހުންނާނެ ކަނޑައަޅާފައި. ދެން އޭގެ އިތުރަށް ކެންސަރު ފަރުވާ ފަދަ ހާއްސަ ފަރުވާތަކަށް ސްޕެޝަލައިޒްޑް ފަންނުވެރިން ބޭނުންވާތީވެ، އެ ފަންނުތަކަށް ރަނގަޅު މުސާރަތަކެއް ހުންނާނެ ކަނޑައަޅާފައި. އެންމެ ފަހު ކަމެއްގެ ގޮތުގައި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ހޮސްޕިޓަލުތަކަށް ސިއްހީ ދާއިރާގެ ފަންނުވެރިން ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ވެސް ޕޭ ފްރޭމްވޯކްގައި ހުންނާނެ މުސާރަ ކަނޑައަޅާފައި،" އޭނާ ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ހުރިހާ ފަންނުތަކަށް ވެސް ވަނީ މުސާރައިގެ ކުރިއެރުން ދޭ ގޮތަށް ނިންމައިފައެވެ. އޭގެ ތެރެއިން މުސާރައިގެ އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ފަންނުތަކުގެ ތެރޭގައި ނަރުހުންނާއި މެޑިކަލް އޮފިސަރުން ހިމެނެއެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށާއި މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައިިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން ސީނިއާ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ ކަމަށެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.