މަގުމަތިންދިޔަ ކާރެއް ހުއްޓުވާފައި އެ އަށް އެރީ ނަޒާނާ މަންޝާ އެކުގައެވެ. ރޭގަނޑު ބާރަޖަހަން ފަސްމިނިޓަށް ވިއިރު މަންޝާ އެކަނި މަގަށް ދޫކޮށްލަން ނަޒާން ބޭނުމެއް ނުވިއެވެ.
*****
ދިލްޝާދު ކޮޓަރިއަށް ވަނީ ވިސްނުންތަކެއްގައި ހުރެއެވެ. މިހާދު އޮތީ އެނދުގައި އަނެއްފަރާތަށް އެނބުރިގެންނެވެ. ގަޑިން ބާރަޖަހައި ބޮޑުވެއްޖެއެވެ. ހީވާގޮތުން މިހާދު މިހާރު އޮންނާނީ ނިދާފައެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ދިލްޝާދު އިށީނީ މިހާދު ބޮލާ ވީ ފަޅީގައެވެ. ހިތުގައި އެނބުރެމުންދިޔަ ވަސްވާސްގަނޑު ފިރިމީހާ އާ ހިއްސާނުކޮށް ދިލްޝާދަށް ނުހުރެވުނެވެ.
"މިހާދު... އޭތް. ނިދާފަތަ؟" ދިލްޝާދު ވާހަކަދެއްކިއެވެ. ވަގުތުން މިހާދު އެނބުރުނެވެ.
"އަދި ނުނިދޭ" މިހާދު ބުންޏެވެ.
"ގުޅާބަލަ މަންޝާއަށް. އަހަރެން ގުޅީމަ ފޯނެއް ނުނަގާ" ދިލްޝާދު ބުންޏެވެ. މިހާދު ހައިރާންވިއެވެ. ދަންވަރު ބާރައިގެފަސްވުމުން އެއްވެސް ސަބަބަކާނުލާ އަންހެންދަރިފުޅަށް ގުޅަން ދިލްޝާދު އުޅުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.
"ކިހިނެއްވީ އަނެއްކާ؟" ހެޑްބޯޑުމަތީގައި އޮތް ފޯނު ނަގަމުން މިހާދު ބުންޏެވެ.
"ގުޅާބަލަ ނިކަން އަވަހަށް" ދިލްޝާދު ބުންޏެވެ.
މިހާދު ހިތްބިރުގަތެވެ. ދަރީންދެކެ ލޯބިވާކަން އެކުދީންނަށް އަންގައިގެން މިހާދު ނޫޅެއެވެ. އެހެންވިޔަސް އޭނާގެ ދެ ދަރީންނަކީ އޭނާގެ މުޅި ދުނިޔެއެވެ. އެކުދީން ނެތިފައި އޭނާ ދުނިޔެ ބޭނުމެއް ނުވެއެވެ. މިހާދު މަންޝާގެ ނަންބަރަށް ގުޅިއެވެ. ދެތިންފަހަރަށް ރިންގުވީތަނާ މަންޝާ ފޯނު ނަގައިފިއެވެ. މިހާދު ވަގުތުން ސްޕީކަރަށްލިއެވެ.
"ލައްބަ ބައްޕާ" މަންޝާގެ އަޑު އިވުނެވެ.
"ދަރިފުޅު ކޮންތާކު؟" މިހާދު އެހިއެވެ.
"ގޭގަ. ނިދަން މިއުޅެނީ. ބައްޕަ ކަމަކުތަ؟" މަންޝާ ބުންޏެވެ.
"އުނހު. ދަރިފުޅު ކޮބައިތޯ ބަލައިލީ. މިރޭ މާ އަވަހަށް ދިޔައިމަ. ދަރިފުޅު އަވަހަށް ނިދާލާ އިނގޭ. ޝައިހާނަށް ބައްޕަގެ ސަލާމް ރައްދުކޮށްދޭތި"
ފޯނު ކަނޑާލާފައި މިހާދު ބަލައިލީ ކައިރީގައި އިން ދިލްޝާދަށެވެ. ދިލްޝާދު ކުއްލިއަކަށް މަންޝާ އާ ގުޅަން ބުނި ސަބަބަކާ ގުޅޭގޮތުން ސުވާލުކުރީ ފޯނު އޮތްތަނުގައި ބާއްވާފައެވެ.
"އަހަރެންގެ މަންޝާއަށް ދޮގުހަދާކަށް އަހަރެން ދަސްކޮށްނުދެން. އެކަމަކު އެކުއްޖާ ދޮގެއް އެބަހަދާ. އެކުއްޖާ ރަނގަޅެއްނޫން. އަހަރެންގެ ހިތް ދަރިއަކާ ގުޅޭގޮތުން ދޮގެއްނަހަދާނެ. މިހާދު... ހިނގާބަލަ މާދަމާ ކޮންމެސް ގަޑިއެއްގަ އެގެއަށް ގޮސްލަމާ" ދިލްޝާދު ބުންޏެވެ.
"އެންމެ ރަނގަޅު. މާދަމާއެއްނު. ދެން މިރޭ ހިނގާ ނިދަމާ" މިހާދު ބުންޏެވެ. ކައިރީގައި ދިލްޝާދު އޮށޯތުމުން މިހާދު ވިސްނާލިއެވެ. އެއްވެސް ސަބަބެއްނެތި ދިލްޝާދު އެވާހަކަ އަބަދު އަބަދު ނުދައްކާނެއެވެ. މަންޝާ އާ ކޮންމެހެންވެސް ވާހަކަދައްކަން ޖެހެއެވެ.
******
މަންޝާ ބުނި ހިސާބަށް ޓެކްސީ މަޑުކޮށްލިއެވެ. އެދަތުރަށް ޑްރައިވަރަށް ފައިސާ ދެއްކީ ނަޒާނެވެ. ދޮރުހުޅުވާފައި މަންޝާ ނިކުންނަން އުޅުނު ވަގުތު ނަޒާން މަންޝާގެ އަތުގައި ހިފެހެއްޓިއެވެ. މަންޝާ ބަލައިލިއެވެ.
"އައި ލަވް ޔޫ" ނަޒާން ބުންޏެވެ. މަންޝާ ހީލިއެވެ. މަޑުމަޑުން ނަޒާންގެ އަތުތެރެއިން އަތް ނެއްޓުވިއެވެ. ދެން ހިނގައިގަތެވެ. ނަޒާން ހިތް މާޔޫސްވިއެވެ. މަންޝާ ދިޔަނުދޭން ހިތް ބުންޏެވެ. މަންޝާ ގޭދޮރުން އެތެރެއަށް ވަންނަންދެން ނަޒާން ބަލަހައްޓައިގެން އިނެވެ.
ސޯފާގައި އިން ޝައިހާން ފުންމައިގެން ތެދުވިގޮތް ފެނި މަންޝާ ފިއްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ޝައިހާނަށް ސަމާލުކަންނުދީ ކޮޓަރިއަށް ދާން މަންޝާ އުޅުނެވެ. އެހެންނަމަވެސް ޝައިހާން އައިސް އަތުގައި ހިފުމުން މަންޝާ މަޑުޖެހުނެވެ.
"ކޮންތާކުން؟" ޝައިހާން އެހިއެވެ.
"ދޫކޮށްލާ އަތުން. ނުޖެހޭނެ ބަލާކަށް" މަންޝާ ބުންޏެވެ.
ޝައިހާނު ހީވީ ހުޅުގަނޑު ފަޅައިގެން ދިޔަހެންނެވެ. ބުރުގާ މަތިން މަންޝާގެ އިސްތަށިގަނޑު ހިފިގޮތަށް ދަމަމުން ކޮޓަރިއަށް ވެއްދިއެވެ. މަންޝާ އަޑުންއަޑުނަގާ ރޮމުން ދިޔައެވެ. އެ އަޑަށް ޖެހިގެން އޮތް ކޮޓަރީގައި އޮތް ސަމާހާ ނިކުމެގެން އައެވެ.
"މަންމަވެސް ދުރަށްދޭ. އެހެންނޫނީ މަގޭ އަތުން މަންމަވެސް މަރުވެދާނެ"
އެނދު ބުޑަށް ގުޅަޔަކަށް ޖެހިފައި އޮތް މަންޝާ އާ ދިމާލަށް ސަމާހާ ދާން އުޅުނެވެ. އެހެންނަމަވެސް ޝައިހާން އެ ފުރުސަތު ސަމާހާއަށް ނުދިނެވެ. ސަމާހާގެ އަތުގައި ހިފާ ދަމަމުން ގެންގޮސް ކޮޓަރިއަށް ވެއްދުމަށްފަހު ތަޅުލިއެވެ. ތަޅުދަނޑި ޖީބަށް ލައިގެން ދެން އައިސް ކޮޓަރިއަށް ވަންއިރު މަންޝާއެއް ނެތެވެ. ފާހާނާ ތަޅުލާފައި ހުރުމުން މަންޝާ ވީ އެތަނުގައި ކަން ޝައިހާނަށް އިނގުނެވެ.
****
ފަތިސް ނަމާދަށް ބަންގި ދިން އަޑު އިވުނުއިރު މަންޝާ އިނީ ކާގޭ މޭޒު ކައިރީގައެވެ. އޭނާގެ ދޮން އަތްތިލައިގައި ފިހިނގަނޑުން ތަޅާފައި ހުރުމުގެ ސަބަބުން ނޫފައިގަނެފައި ހުރި ތަންތަނުގައި އައިސް އަޅަމުން ދިޔައިރު ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޝައިހާނުގެ އަނިޔާވެރިކަން ރޭގައި ރަތްރޮނގު ހުރަސްކޮށްފިއެވެ. ފާހާނާގެ ދޮރު ހަލާކުކޮށްގެން ވަދެ މަންޝާ ނެރުނުގޮތަށް އެނދުމައްޗަށް ހޫރާލިއެވެ. ގަދަކަމުން ގުޅުން ހިނގަން މަސައްކަތް ކުރިއެވެ. އެހާ އަނިޔާ ލިބުނީ އެކަމަށް މަންޝާ އިންކާރުކުރީތީއެވެ. އެންމެފަހުން ނުބުނަން ހުރި އެއްޗެހިވެސް ޝައިހާނަށް ގޮވާލެވިއްޖެއެވެ.
'އާނ އެއީ އަހަރެންގެ ލޯބިވެރިޔާ. އަޑުއިވިއްޖެތަ. އަހަރެން ލޯބިވަނީ އޭނަދެކެ. ކަލެއަށް އަހަރެން ނަފްރަތުކުރަން. އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް އަހަރެން ކަލެ އާ އިނީ އޭނާގެ ހިތްހަލާކުކޮށްފަ. އަދިވެސް އޭނަ ހުރީ އަހަރެންނަށްޓަކައި. އަހަރެން ކަލޭގެ އަޅަކަށްވެގެން ނުހުންނާނަން. ހުރިހާ ވާހަކައެއް ކިޔައިދޭނަން ނަޒާނަށް. އޭނަ ކަލޭ ޖަލަށް ލާނެ. އަހަރެންގެ ގައިގައި ލެއްވި ކޮންމެ ލަކުނަކަށް ކަލޭގެ ގައިގައި ލަކުނު ލައްވާނެ. ދޫކުރޭ... އަހަރެން ދާންވެއްޖެ"
ކުއްލިއަކަށް މަންޝާ ސިހުނީ ނަޒާން އަޅުވާލި ބާރު އެތިފަހަރަކާއެކުގައެވެ. ނޭފަތުން ލޭވެސް އައެވެ. ތުންފަތަށް ދަތްވަދެފައި ހުރިތަން ހުރީ ދުޅަވެފައެވެ. އެ ހުރިހާ ވާހަކައެއް ޝައިހާނަށް ގޮވައިނުލެވުނު ނަމައޭ ހިތަށް އެރިއެވެ. އެހެންނޫނީ ނަޒާންގެ ފުރާނައަށް ގެއްލުމެއްދޭން ޝައިހާނު ނުވިސްނާނެއެވެ. ޝައިހާނުގެ ހަމަލައެއް އަތުވެދާނެކަމަށް ތައްޔާރުގައި ހުންނަން ނަޒާން ކައިރީގައި ބުނާނެ ގޮތެއްވެސް ނެތެވެ. ފޯނު އޮތީ ޝައިހާނު އަތުގައެވެ. ނުބައި ނުލަފާ އިންސާނެކެވެ.
*****
ފަތިސްނަމާދުން އައިސް ނަޒާން ގެއަށް ވަނެވެ. ބަދިގޭގައި އުޅުނު މާޝިތާ ބޯދިއްކޮށްލިއިރު ނަޒާން ސޯފާގައި އިށީނދެއްޖެއެވެ. ކޮފީތައްޓެއް ހިފައިގެން މާޝިތާ އައިސް ނަޒާނަށް ދިއްކޮށްލިއެވެ.
"ކޮބާ ބައްޕަ އާއި ނަވާލް؟" މާޝިތާ އެހިއެވެ.
"ބައްޕަ ގޮވައިގެން ސައިކަލުގަ ހިނގައްޖެ ކޮންމެސް ދިމާލަކަށް" ނަޒާން ބުންޏެވެ.
"މަންމާ، ތިއާ ނުނިކުމޭތަ؟" ނަޒާން އެހިއެވެ.
"އެހެރަ އަންނަނީ؟" ސިޑިން ފައިބައިގެން އައި ތިއާ ފެނުމުން މާޝިތާ ބުންޏެވެ.
އެނބުރި ބަދިގެ އާ ދިމާލަށް ދަމުން މާޝިތާ ތިއާ ކައިރީގައި އެއްޗެއް ބޯލަން އަންނަން ބުންޏެވެ. ބޯޖަހާލާފައި ތިއާ އިށީނީ ނަޒާން ކުރިމަތީގައި ހުރި ގޮނޑީގައެވެ.
"ކަންތައްތައް އެހާ ރަނގަޅެއްނޫން. މަން ވަރަށް ރުއި. އަހަރެން ބޭނުން މަން ސަލާމަތްކުރަން" ނަޒާން ބުންޏެވެ.
"ދޮންބެއަށް އިނގޭތަ. ރޭގަ އޭނަ އައި އެގެއަށް. ވަރަށް ރުޅިގަދަވެފަ ހުރީ. ހަމަޔަކު ނޫން ހުރީ. ދޮންބެ އާ ގުޅުވައިގެންވެސް ވަރަށް ކިއި. ބުނި މަން ހޭއަރުވާލާނެ ވާހަކަ. ގުޅާލަބަލަ މަންގެ ފޯނަށް. އަހަރެން ދެތިން ފަހަރަށް ގުޅިން. ފޯނަށް ޖަވާބެއްނުދޭ"
ނަޒާން ތެދުވިއެވެ. ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި ޖީބުގައި އޮތް ފޯނު ނެގިއެވެ. ޝައިހާން ހުރި ހާލަތާއި ދެއްކި ވާހަކަތައް ތިއާ ގެ ފަރާތުން އިނގުމުން ނަޒާންގެ ލޭ ކެކިގަނެއްޖެއެވެ. ރެއިން ފެށިގެން އޭނާ މަންޝާއަށް ނުގުޅާ ހުރީވެސް މަސްލަހަތަށްޓަކައެވެ. މަންޝާ ބަދުނާމުވާން ނޭދޭތީއެވެ. އެހެންނަމަވެސް އިތުރަށް މަންޝާގެ ހާލަތެއް ނުބަލާ ނަޒާނަށް ކެތެއްނުވާނެއެވެ. ކޮންމޮ ގޮތެއް ހަދާފައި ނަމަވެސް މަންޝާގެ ހާލު ބަލަން އެބަޖެހެއެވެ.
"ނިވާލާފަ" ނަޒާން ބުންޏެވެ. އެކިދިމާލަށް އޭނާގެ ކަޅި ހަރަކާތްކޮށްލި ގޮތުންވެސް ދެން ކަންތައްކުރަންވީ ގޮތް އަމިއްލަ ސިކުނޑިން އޭނާ ވިސްނާލިކަހަލައެވެ.
****
ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް މަންޝާ ނުބަލައެވެ. ރޭގައި އޭނާ ސަލާމަތްކުރަން ގަދަ ހިތްވަރު ދައްކާފައި އައި ނިކަމެތި މަންމަގެ ހާލަތެއް ނޭނގެއެވެ. މަންޝާ އުޅުނީ ސަމާހާއަށް ހެނދުނުގެ ސައި ތައްޔާރުކުރުމުގައެވެ. ފައިގެ ކަށިމަތީގައި ޝައިހާން ފިހިގަނޑުން ޖެހިތަނުގެ ދުޅަ އަދިވެސް ތިރިނުވެއެވެ. އެހެންކަމުން އޭނާ ހިނގެނީ ފާޑަކަށް އެ ފައި ދަމާފައެވެ. އާޓާ ފުށުން ރޮށި ފިހެ ނިންމާލާފައި މައްސުންޏެއް ހަދަން ފުރިޖު ކައިރިއަށް ދިޔަތަނާ ބަދިގޭ ދޮރުން ހިޔަންޏެއްވެގެން ބަލައިލިއެވެ. ސަމާހާ ފެނުމުން މަންޝާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އޭނާ ދިޔަގޮތަށް ސަމާހާގެ ގައިގައި ބައްދާލިއެވެ.
"ފަޔަށް ކިހިނެއްވެގެން؟ ޝައިހާނު އަނިޔާކުރީތަ؟" ސަމާހާ ބުންޏެވެ.
"އެވާހަކަނުދައްކާ. މަންމަ ރަނގަޅުތަ؟ ކިހިނެއް ކޮޓަރިން ނިކުތީ؟" މަންޝާ އެހިއެވެ.
"ކައިވެނިކޮށްގެން މިގެއަށް އައިސް އަހަރެން އެތައް ދުވަހެއް ހޭދަކުރިފަހުން ޝައިހާނު ދުނިޔެއަށް އައީ. ކޮޓަރި ތަޅުލާފަ ތަޅުދަނޑި އޭނައަށް ފޮރުވޭނީ. މަރުތޭލާއި ކައްޓާ ކޯރާޑި، ނަރުކެނޑި ބޭނުންކޮށްގެން ހަލާކުވެފަ ހުންނަ ތަންތަން ހަދައިގެން އެގޮތްމިގޮތުން އަހަރެން އޭނަ ބޮޑުކުރީ. އެވަރު އެ ފުރޭތައަށް ނުވިސްނުނު. ރޭގަ އަނެއްކާ އާ ވައްތަރެއްގެ އެއްޗެއް ބޮއެގެން އެހުރީ" ސަމާހާ ބުންޏެވެ.
މަންޝާ ގޮނޑީގައި ބައިންދާފައި ސަމާހާ އެތެރެއަށް ވަދެފައި ދެން އައިރު އަތުގައި ބޭސްފުޅިއެއް އޮތެވެ. މަންޝާގެ ފައިގެ ދުޅަވެފައި ހުރި ތަނުގައި ސަމާހާ ބޭސްހާކައިދިނެވެ. އަނގަ ކައިރިންނާއި އަތުގެ އެތަން މިތަނުގައި ނޫފައިގަނެފައި ހުރި ތަންތަނުގައި އައިސް އަޅައިދިނެވެ. ސަމާހާގެ ދެއަތުން ލޯތްބާ އޯގާތެރިކަމާއެކު މަންޝާގެ މުޅި ހަށިގަނޑުގައި ފިރުމައިދިނެވެ.
"މަންމާ، އަޅުގަނޑު ވިސްނައިފިން މިގެއިން ދާން. ޝައިހާން ކައިރިން ވަރިވާން. މިގޮތަށް އުޅޭކަށް ބޭނުމެއްނޫން" މަންޝާ ބުންޏެވެ.
"މާ ލަސްވެސްވެއްޖެ. ޝައިހާނަކީ މަންމަގެ ދަރިއަކަސް މަންމަ މިހުރީ ދަރިފުޅާއެކު. މަންމަވެސް ދަތުރަށް ހަދައިފިން. ދަރިފުޅަށް ދެވޭނެތަ މަންމަ ގެއަކަށް ގެންގޮސްދޭން. ހުންނާނީ ފޮށި ތައްޔާރުކޮށްފަ" ސަމާހާ ބުންޏެވެ.
މަންޝާ ހިތުގައި ސުވާލު އުފެދޭނެކަން އިނގޭތީ ސަމާހާ ވިސްނައިގެން ހުރި ގޮތް މަންޝާއަށް ކިޔައިދިނެވެ. އެއަށްފަހު މަންޝާ އެގެއިން ދާން ނަސޭހަތްތެރިވިއެވެ. ޝައިހާންގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދުނުކުރުމަށް ބުންޏެވެ.
******
ސަމާހާ އެދުނު ފަދައިން މަންޝާއަށް ކަންތައްކޮށް ނުދެވުނަސް ޓެކްސީއަށް ފޮށްޓާއެކު ސަމާހާ އެރުވިއެވެ. މަންޝާ ގެއަށް ވަނީ ސަމާހާ އިން ޓެކްސީ ކުރިއަށް ދުއްވާލުމުންނެވެ. ކޮޓަރިއަށް ވަންނަން ނުވަންނަން ހުރެފައި މަންޝާ ދޮރު ތަޅުގައި ހިފާފައި އަނބުރާލިއެވެ. ނަސީބަކުން އަދިވެސް ޝައިހާނަށް ހޭވެރިކަމެއް ނުވެއެވެ. ރޭގައި މަންޝާއަށް އެތައް އަނިޔާއެއް ކޮށްފައި އެނދުމައްޗަށް ވެއްޓި ޖެހުނުގޮތަށް އޭނާ އޮތެވެ. މަންޝާ ލަސްލަހުން ގޮސް އިށީނީ ޝައިހާނުގެ ކައިރީގައި އެނދުގައެވެ. ޝައިހާން ލައިގެން އޮތް ޖީންސުގެ ޖީބު މަންޝާ ޗެކް ކުރިއެވެ. އޭނާގެ ފޯނު އަތުނުޖެހުނެވެ ފޯނު އޮތްތަނެއް ހޯދަން ކޮޓަރީގެ އެތަން މިތަން މަންޝާ ބެލިއެވެ. އޭނާ މާޔޫސްވީ އެއްވެސް ތަނަކުން ފޯނު ނުފެނުމުންނެވެ.
ދެން މަންޝާ އަވަސްވީ ޝައިހާނަށް ހޭވެރިކަމެއްވުމުގެ ކުރިން އަވަހަށް ގެއިން ދާށެވެ. ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ މަންޝާ ހުއްޓުނީ ލޯގަނޑު ކައިރީގައެވެ. ޝޯލްއަޅަން ހުއްޓާ މަންޝާ ސިހުނީ ފަހަތުން ފެނުނު ޝައުހާނުގެ ރަތްވެފައިވާ ދެލޯ ފެނިފައެވެ. އެ ޖަނާވަރަށް ހޭވެރިކަމެއް އައީ އެންމެ ނުބައި ވަގުތުގައެވެ. މަންޝާ ހިންދިރުވާލިއެވެ. ޝައިހާންގެ ހަމަލާ އަމާޒުވާނީ ކޮންދިމާލަކަށް ކަން ނޭނގޭތީ މަންޝާ ޖެހިލުންވިއެވެ.
"ކޮންތާކަށް ދާން؟" ޝައިހާން އެހިއެވެ. ރެއާ ހިލާފަށް ޝައިހާންގެ އަޑުގައި ހަރުކަށިކަމެއް ނެތެވެ.
"މަންމަން ވެފަތަ؟ އަހަރެން މިއަހަނީ ކޮންތާކަށްދާންހޭ" ޝައިހާނު އެހިއެވެ.
"ވަ....ވަޒީފާއަށް" މަންޝާ ބުންޏެވެ.
"ނުދެވޭނެ. ކާއެއްޗެއް ހިފައިގެން އާދޭ" މަންޝާ ހިނގައިގަންނަން އުޅުނު ވަގުތު ޝައިހާނު ކުރިބެއްދިއެވެ.
"ތި ބުރުގާ ގަނޑު ބާލައިގެން ދޭ" ޝައިހާން ބުންޏެވެ. އެގޮތާވެސް މަންޝާ ރުހުނެވެ. ޝޯލް ބޮލުން ވަކިކޮށްލާފައި ކޮނޑުގައި އެޅުވިއެވެ. ގައިގައި ހުރި ޒަހަމްތަކުގެ ރިހުން އަދި ނުކެނޑެއެވެ. އިތުރު އަނިޔާތަކެއް ތަހައްމަލްކުރާނީ ކިހިނެއް ހެއްޔެވެ؟ ޝައިހާނު ކޮންމެ ބަހަކާ މަންޝާ ރުހިގެން ހުރީ އެހެންވެއެވެ.
******
ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. މަންޝާ ދިރިއުޅޭ ގޭ މަގުގެ ކަންމަތީގައި ހުރި ބޯކޮށާ ތަނުގެ ކަންމަތީގައި ހަމްރާ ހުންނަތާ އެތައް އިރެއް ވެއްޖެއެވެ. އޭނާއަށް ވުރެ ތަންކޮޅެއް ފަހަތުގައި ސައިކަލު މަތީގައި ނަޒާން އިނެވެ. ދެ ކަންފަތަށް ބްލޫޓޫތު ޖަހާފައެވެ. ދެއަތުން ސައިކަލުގެ މުއްގަނޑުގައި ހިފަހައްޓައިގެން އިންއިރު އޭނާ ހަމްރާ އާ ވާހަކަދައްކަމުން ދިޔައެވެ. ފާއިތުވެގެންދިޔަ ވަގުތުތަކުގައި ނަޒާން ހަމަ ނޭވާ ނުލައެވެ. އޭނާ އެތައް ގޮތަކަށް ވިސްނައިފިއެވެ. މަންޝާގެ މައިންބަފައިން މެދުވެރިކޮށް މަންޝާގެ ހާލު ބަލަން ހިތަށް އެރިއެވެ. އެއި އެހާ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ނުދެކުނީ ހާސްކަމެއްގެ ތެރެއަށް މަންޝާގެ އާއިލާ ވައްޓާނުލުމަށެވެ. އެންމެފަހުން އޭނާ ނިންމީ ހަމްރާ އާ ބައްދަލުކުރާށެވެ. ހަމްރާ އާ ގުޅޭނެ ނަންބަރެއް ނެތުމުން ނަޒާން ދިޔައީ ސީދާ ހަމްރާ ދިރިއުޅޭ ގެއަށެވެ. ނަސީބަކުން ހަމްރާ އާ ބައްދަލުވެ ވާހަކަދެކެވުނެވެ. ހަމްރާ ހުރިހާ ވާހަކައެއް ނަޒާނަށް ކިޔައިދިނެވެ. ކައިވެންޏަށްފަހު މަންޝާގެ ހަބަރެއް ނުވާ ވާހަކައެވެ. އެއީ މަންޝާގެ އުޅޭ ގެ ކަން ނޭނގި އެގެއަށް ދިޔަ ވާހަކައެވެ. ސަމާހާ ދެއްކި ވާހަކަތަކެވެ. މަންޝާ ކެތްތެރިވެގެން ހުރި ސަބަބެވެ. ފުރަން ދަމުން ސަމާހާ ބުނި ވާހަކައެއްވެސް ހަމްރާ ނަޒާނަށް ކިޔައިދިނެވެ.
"ސަމާހައްތަ ބުނި މިއަދު މަންޝާ ބުންޏޭ ކައިވެނިކޮށްގެން އުޅެން ބޭނުންނުވާ ވާހަކަ. އޭނަ ބޭނުންވޭ ޑިވޯސްވާން. އެކަމަކު އެ ޝައިހާނު އޭނަގެ އައިޑީ ކާޑާ ކައިވެނީގެ ސެޓްފިކެޓް ފޮރުވައިގެން އުޅެނީ"
އެވާހަކަތައް އަދިވެސް ނަޒާނަށް އިވޭ ކަހަލައެވެ. އިންސާނަކު މަރާލުމަކީ ބޮޑު ފާފައަކަށް ނުވާ ނަމަ އޭނާ ޝައިހާނު މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. މަންޝާގެ ގައިގައި ޝައިހާން ތަޅާ އަނިޔާކުރީތީ ޝައިހާނުގެ ކޮންމެ އިނގިއްޔެއް ކޮންމެ ބަދައަކުން ވަކިވަކިން ބުރިކުރަން ހިތަށް އަރަމުން ދިޔައެވެ.
"ސޮރީ ހަމްރާ. އަހަރެންގެ ސަބަބުން ތިހާ ތަކުލީފުތައް އުފުލާތީ"
ހަމްރާ ހީލިއެވެ. ދެކޮޅަށް ހިނގާލާފައި އޭނާ ނަޒާނަށް ޖަވާބުދިނެވެ.
"އެއީ އަހަރެންގެ ބެސްޓީ. އަހަރެމެން އެންމެންވެގެން މަން ސަލާމަތްކުރާނީ" ހަމްރާ ބުންޏެވެ.
ހަމްރާއާއި ނަޒާން ކުރި އިންތިޒާރަށް ނިމުމެއް އައީ ދޮޅުގަޑިއިރު ފަހުންނެވެ. އެގޭދޮރުން ޝައިހާން ނިކުތްތަން ފެނުނެވެ. މަގުގެ ދެފަރާތް ބަލައިލާފައި ޝައިހާން މަގުހުރަސްކޮށް ހަމްރާ މަޑުކޮށްގެން ހުރި ފަޅިއަށް އެރިއެވެ. ދެން ގޭ ދޮރުމައްޗަށް ވާހެން މަޑުކޮށްލާފައި ޖީބުގައި އޮތް ސިނގިރެޓް ފޮށި ނަގާފައި ރޮއެކޮށްލިއެވެ. ހަމަޖެހިގެން ޝައިހާން ސިނގިރެޓް ބޮމުން ދިޔައިރު ހަމްރާ ހުރީ އެތެރެއަށް ދެމިގަންނާނެ ގޮތެއް ނޭނގިފައެވެ.
"އޭނަ ހައްޔަރުކުރަންވީނުން. ކީއްވެ ނުކުރެވެންވީ" ހަމްރާ ބުންޏެވެ.
"ކުރާނަން. ހަމްރާ އެތެރެއަށް ވަދެ ބަލައިބަލަ މަންގެ ހަބަރެއް. ތިގެއިން އޭނަ ނެރެވުނިއްޔާ ގޮވައިގެން ދާނީ މައްސަލަ ކޭސްކުރަން. އަހަރެން ބުނިއްޔާ މަން ދެކޮޅެއް ނަހަދާނެ"
އަނެއްކާވެސް އަނެއް އިންތިޒާރެވެ. ފޯނުން ވާހަކަދައްކަމުން ޝައިހާން ތަންކޮޅެއް ދުރަށްޖެހުނު ވަގުތު ހަމްރާ ބާރަށް އެދިމާލަށް ހިނގައިގަތެވެ. ހިތްއަވަސްވެފައި ހުރިވަރުން ވަކި ހިސާބަކުން އޭނާ ދުއްވައިވެސްގަތެވެ. ނަޒާން ހުރީ ތައްޔާރަށެވެ. ގޭތެރޭގައި ތިބި ދެ އަންހެނުންގެ ޒިންމާ އޭނާގެ ބޮލުގައި އެޅިފައިވާކަން އޭނާގެ ހަނދާނުގައި ހުއްޓެވެ. ސައިކަލުގައި ކުޑަކޮށް ކައިރިއަށްވެސް އެނާ ޖެހުނެވެ. މަންޝާގެ ހަބަރެއްވާނެ އިރަކަށް ކެތްތެރިކަމެއްނެތި އޭނާ އިންތިޒާރުކުރިއެވެ. މަންޝާ އާ ބައްދަލުވުމާއެކު ހަމްރާ ގުޅާނެއެވެ. ނަޒާނާ މަންޝާ ބައްދަލުކޮށްދޭނެއެވެ.
*****
ތިއާ ކިޔައިދިން ވާހަކަތަކުން މާޝިތާއަށް އިނދެވުނީ އަނގައަށް ލާން ނެގި ބަތްސުވާ ހިފަހައްޓައިގެންނެވެ. އެއީ ހަގީގަތް ހެއްޔެވެ؟ މަންޝާ އެހާލުގައި ގަނަތެޅޭކަން ދިލްޝާދުގެ ދެމަފިރިންނަށް އިނގޭ ހެއްޔެވެ؟ އަންހެންދަރިއަކު ކައިވެނިކޮށްދީފައި ފޮނުވާލިއިރު އެއީ ކޮންކަހަލަ ފިރިހެނެއްތޯ ނުބެލީ ހެއްޔެވެ؟ ހަމަ އެހާ ފަރުވާކުޑަކޮށްލީ ހެއްޔެވެ؟ ނަޒާންގެ އަންދާޒާ ހާދަހާ ސީދަލެވެ.
"ތިއާ އަދިކިރިޔާތަ ތިވާހަކަ ތިބުނީ؟ ދޮންބެއަށް އިނގޭތަ އަނެއްކާ" ނަވާލް ބުންޏެވެ. ތިއާ ބޯޖަހާލިއެވެ.
"ދޮންބެ މަންޝާ އާ ބައްދަލުކުރި. އެވާހަކަތައް ސީދަލަށް މަންޝާ ކިޔައެއްނުދޭ. އެކަމަކު މިހާރު ހީވޭ ދޮންބެ ކަންތައްގަނޑެއް ހިންގާލަން އުޅޭހެން" ތިއާ ބުންޏެވެ.
"އެހެން ކީއްވެ ތިއާއަށް ހީވަނީ؟ އެކަހަލަ ވާހަކައެއް ނަޒާން ބުނީތަ؟" މާޝިތާ އެހިއެވެ.
"ދޮންބެ އުޅުނު މަންޝާގެ ފޯނަށް ގުޅައިގެން ހަބަރެއްނުވާތީ. މިހާހިސާބުން ކަންތައްތައް ސިއްރުކޮށްގެން ހުންނަން އަޅުގަނޑަށް ނުފެންނާތީ އެވާހަކަ މިދެއްކީ. އެ ޝައިހާނަކީ ޝައިތާނެއް. ބޯލައިގެން ހުންނައިރު މީހަކު ދެބުރިވެސް ކޮށްލަފާނެ. ދޮންބެ އެހެން އުޅޭތީ ބިރުވެސްގަނޭ" ތިއާ ވާހަކަދެއްކިއެވެ.
މާޝިތާ އިންތިހާއަށް ބިރުގަތެވެ. އޭނާ އަށް އިތުރަށް ކެއުން ކުރިއަށް ނުގެންދެވުނެވެ. ނަޒާން ހުރިތަނެއް ނުބަލާ ދެން އެންމެ ނޭވައެއްވެސް އޭނާއަށް ނުލެވޭނެއެވެ. ކުރިންވެސް ފިކުރުކުރެވުނީ ނަޒާނާ މެދުގައެވެ. މިހާރު އެ ފިކުރު ދެގުނަ އިތުރުވެއްޖެއެވެ.
"ނަވާލް، ދޭބަލަ މަންމަގެ ފޯނު ގެނެސްދޭން. އަވަސްކުރޭ" މާޝިތާ ބުންޏެވެ.
ނަވާލް މާޝިތާ އެދުނު ފަދައިން ކަންތައްކޮށްދިނެވެ. ފޯނު ގެނެސްދިނުމުން މާޝިތާ ނަޒާނަށް ގުޅިއެވެ. ނަސީބަކުން އެންމެ ރިންގަކާއެކު ނަޒާން ފޯނު ނަގައިފިއެވެ.
"ޒާން ކޮންތާކު؟" މާޝިތާ އެހިއެވެ.
"ބޭރުގަ. ކިހިނެއްވީ މަންމާ" ނަޒާން ބުންޏެވެ. ނަޒާންގެ އަޑު އައިގޮތުން އާދަޔާހިލާފު އެއްވެސް ކަމެއް މާޝިތާއަށް ފާހަގައެއް ނުވިއެވެ.
"ބޭރުގަ ކީއްކުރަނީ. ތިއީ ޑިއުޓީއަށް ދިޔަ މީހެއްނު" މާޝިތާ ބުންޏެވެ.
"އޮފީސްކަމެއްގައޭ. މަންމަ ހާދަ ހާސްވެފަ. ކިހިނެއްވީ؟"
"ކިހާއިރަކު ނިމެނީ؟ ނިންމާފަ އަވަހަށް ގެއަށް އަންނައްޗޭ" މާޝިތާ ބުންޏެވެ.
"ދާނަމޭ. މަންމާ، ފޯނެއް އެބައާދޭ. ހަވީރު ސައި މިއަދު ބޯނީ މަންމައާއެކު އިރާދަކުރެއްވިއްޔާ. ހަވާދުލީބިސް ހަދާފަ ބަހައްޓައްޗޭ"
*****
މާޝިތާ ހާސްވާނެވަރު އިނގޭތީ ގަސްތުގައި ނަޒާން އޮޅުވާލީއެވެ. އޭނާ އަދިވެސް އިނީ ކުރިން އިންތަނުގައެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ ދުރުގައި ދެތިން އެކުވެރިޔަކާއެކު މަޑުކޮށްގެން ހުރި ޝައިހާނަށެވެ. ފޯނެއް އައީ އެވަގުތުއެވެ. ހަމްރާގެ ނަން އަރާފައި އޮތުމުން ނަޒާންގެ ނަން އިންތިހާއަށް ތެޅިގަތެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ސައިކަލުގެ ދެމުށްގަނޑުގައި ހިފަހައްޓާލިއެވެ.
"ނަޒާން....،" އެ އިވުނީ އޭނާގެ ހިތުގެ ހަމަޖެހުމުގެ އަޑެވެ. ހީވީ އޭނާގެ މޭގައި މަންޝާގެ ދެއަތުން ފިރުމާލަދިންހެންނެވެ.
ޝައިހާން ގޭތެރެއަށް ވަންނަން ހިނގައިގަތުމާއެކު ނަޒާން މުއްގަނޑު ފެލާލިއެވެ. އެނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ޝައިހާން ގޭތެރެއަށް ވަނުމާއެކު އެދިމާލަށް ނަޒާން ސައިކަލު ދުއްވާލިއެވެ.