ސަރުކާރުން ކަމެއް ބޭނުންވީމާ މަޖިލީހުގައި އިންނަވައި އެމަނިކުފާނު އެކަމެއް އަވަހަށް ކުރްއްވާނެ ކަމަށް އެއްވެސް މެންބަރަކު ހިތަށް ވައްދައިގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު އަމަލު ކުރަމުންދާ ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނާ ގުޅިގެން ޕްލާސްޓިކު ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވުމުން، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން އެ ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމައި ދިނުމަށް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވާތީއެވެ.

މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށްދާނެ ކަމަށް މަޖިލިސް ރައީސް އިއްޔެގެ ޖަލްސާގައިވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިއަދުގެ އެޖެންޑާގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލު ފިޔަވައި އެހެން ހުރިހާ ބިލެއްގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

އޭރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން އަވަހަށް ނިންމަން ބޭނުންވެފައިވާ ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު، ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ކަމަށް ބުނާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ގަރާރާއި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ގަރާރުވެސް އޮތެވެ.

އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުމުން އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗްއާރު މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމު ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ ގޮތަށް ކަނޑައެޅުމަށް ހުށަހެޅި ގަރާރުވެސް އޮތެވެ.

އޭގެ އިތުރުން ކޮމިޓީތަކުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ތިން ރިޕޯޓެއްވެސް އޮތެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިއަދު 11:15 ގައި އެކަންތައްތަކަށް ވޯޓަށް އައްސަވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ، މަޖިލިސް ޖަލްސާގެ އެޖެންޑާ ކަޑައެޅުމާއި ޖަލްސާގައި މެންބަރުން ވާހަކަދެއްކުމުގެ ވަގުތު ކަނޑައެޅުމާއި ވޯޓު ގަޑި އިއުލާންކުރުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް 12:00 ގެ ކުރިން ނިންމަވާލައްވާނެ ކަމަށް ވިދާޅުވެ، އަދި މިއަދުގެ ޖަލްސާގައި 11:15 ގައި ވޯޓަށް އައްސަވައި ޖަލްސާ ނިންމަވާލައްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވާ އިރު، މި ހަ ރޯދައިގައި މަޖިލިސް ޖަލްސާތައް ކުރިއަށްދަނީ، ރަމަޟާން މަހު ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށާއި، އެ އުސޫލުގައި މަޖިލިސް ޖަލްސާ 1:00 އިން 2:00 އަށް ކުރިއަދާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބަހުސްގެ މަރުހަލާގައި މެންބަރުން ވާހަކަދައްކަން އެދިވަޑައިގެންފައި ވަނިކޮށް، ޖަލްސާގެ ވަގުތު ހަމަ ނުވަނީސް އެޖެންޑާ ނިމުނުކަމަށް މަޖިލިސް ރައީސަށް ކަނޑަނޭޅޭނޭ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

ތޯރިގުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރުން ވާހަަދައްކަން އެދިވަޑައިގެންފިިއްޔާ ޖަލްސާ ކުރިއަށްގެންދަން ޖެހޭނެކަމާއި، ތޯރިގުގެ ވާހަކަތަކަށް އިންކާރު ނުކުރައްވާ ކަމަށެވެ.

ނަމަވެސް މަޖިލިސް އެޖެންޑާގައި މިހާރު ނުނިމިހުރި ކޮންމެ މަސައްކަތަކީ ވަރަށް ގިނައިރު ބަހުސްކޮށްފައިވާ މަސައްކަތްތަކަކަށްވެފައި، ގިނަ ސިޔާސީ ޕާޓީތަކުގެ ވަގުތު ހަމަވެފައި ހުރުމުން، މަޖިލިސް މިއަދު ޗުއްޓީއަށްދާއިރު އެ މަސައްކަތްތައް ކޮމިޓީތަކަށް ފޮނުވިއްޖެނަމަ ކުރިއަށްއޮތް ދެ ހަފުތާގެ ތެރޭގައި ކޮމިޓީން މަސައްކަތްކޮށް ދެން މަޖިލިސް ޖަލްސާތައް ފަށާއިރު، އެތައް ކަމެއް ވަގުތުން ނިންމޭނެކަމުގެ އުއްމީދުގައި، އެ ތަސައްވުރުގައި މަސައްކަތް ކުރެއްވީ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ، "އެއްވެސް މެންބަރެއްގެ ހިތަށް ވައްދަވައިގެން ނުވާނެ، ސަރުކާރުން ކަމެއް ބޭނުންވީމާ އެކަމެއް އަވަހަށް ކުރަންވެގެން އަޅުގަނޑަށް ޖެހިގެން މިތަނުގައި އިނދެ އަޅުގަނޑު ކަމެއްކުރާނެކަމަށް، އެއީ އެކަން ހިނގާނެ ގޮތެއް ނޫން،" ކަމަށެވެ.

ޕްލާސްޓިކު ކޮތަޅުގެ އަގު ބޮޑުވުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަަމަށްބުނެ، މަޖިލިސް ޖަލްސާތައް ބާއްވައިގެން އެ ބިލު އަވަހަށް ނިންމަންޖެހޭކަމަށް ބައެއް މެންބަރުން ދެކެވަޑައިގެންނެވި ނަމަވެސް އެއީ އަވަހަށް ނިންމަންޖެހޭ ބާވަތުގެ ބިލެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.