ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި ޖަލްސާއިން ނިކުންނަވަން އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ގަރާރު ހުށަހެޅުއްވުމަށް އެ ގަރާރަށް ބަހުސް ކުރަން ބޭނުންވާ މެންބަރުން ފުރުސަތަކަށް އެދިވަޑައިގެންނެވުމަށް ހުޅުވައިލެއްވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ގަރާރުުގެ ބަހުސް ކުރިއަށް ގެންދަވާނީ ދެން އޮންނަ މަޖިލިސް ޖަލްސާގައި ކަމަށެވެ.

އެއަށްފަހު އެޖެންޑާގައި ދެން އޮންނަ ބަޔަށް ވަޑައިގަތުމުގެ ކުރިން، މެންބަރު ޝިޔާމާއި މެންބަރު ސައީދު އިސްކޮށް ހުންނަވައި ޖަލްސާތެރޭގައި އިހުތިޖާޖުކުރައްވަން ފެއްްޓެވިއެވެ.

ވިދާޅުވަމުން ގެންދެވީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ ޖެހިފައިވާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ޗާގޯސް މި ސަރުކާރުން މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށެވެ. އެއީ 500 މިލިޔަން ޑޮލަރު ނެގުމަށްފަހު ކޮށްގެން އުޅޭ ކަމަށްބުނެ ތިން މެންބަރުން އަޑުގަދަ ކުރައްވަމުން ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެންނެވިއެވެ.

އެކަމުގެ ސަބަބުން އޭރު ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ގެންދެވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާހަކަދެއްކެވުމަށްވެސް ދަތިިވިއެވެ.

އެކަމާ ގުޅިގެން އެހެން މެންބަރުން ވާހަކަދެއްކެވުމަށް ހުރަސް ނޭޅުއްވުމަށް މަޖިލިސް ރައީސް އެ މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެއަށްފަހުވެސް އެ މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވާތީ، އޭގެ ތެރެއިން އެންމެ ބޮޑަށް އަޑުގަދަ ކުރައްވަމުން ގެންދެވި މެންބަރު ޝިޔާމަށް، މަޖިލީހުގެ ގަވާއިދަށް ހުހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އެންގެވުމުންވެސް އެކަން ނުހުއްޓުމުން ޝިޔާމުގެ ނަން އިއްވައި، ޖަލްސާ ދޫކުރައްވައި ނިކުންނެވުމަށް އެންގެވިއެވެ.