ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާރު އޮތް ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފި އެވެ.

ހިތާދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތުގެ އަޕްޑޭޓެއް ދެމުން އެމްޓީސީސީން މިއަދު ބުނީ އެ ރަށު ބަނދަރުގެ އެެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓްވެސް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މިއީ 19.80 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 8، 2021ގަ އެވެ. މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން 14،929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 495 މީޓަރުގެ ބޭރު ތޮއްޓަކާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 350 މީޓަރުގެ އެއްގަމުތޮއްޓަކާއި ރޭމްޕެއް ހެދުމާއި 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެއެވެ.