ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މަރަން އަގު ހުށަހެޅި މައްސަލަ އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.
މުލިއާގެ ކިޔާ ޓެލެގްރާމް ގްރޫޕަކަށް މީހަކު ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ އަލްހާން މަރާލާ މީހަކަށް 200،000 ރުފިޔާ ދޭނެ ކަމަށެވެ. އަދި ޕޭޖުގެ އެޑްމިން މެދުވެރިކޮށް އޭނާއާ ކޮންޓެކްޓް ކުރުމަށްވެސް އެދިފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ އޭނާ މަރަން ފައިސާ ހުށަހެޅި މައްސަލަ ބަލައިދޭން އެދިވަޑައިގެންފައެވެ.
އަލްހާން މަރަން ފައިސާގެ އިނާމެއް ހުށަހެޅި އިރު އޭނާގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ހިންގި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ ކިންގްސްއިން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އަލްހާން ވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށްވެސް ފޮނުވައިފައެވެ. އަދި ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ވަނީ ކިންގްސް އޮފީސްގެ އިމާރާތް ބަލައި ފާސްކޮށް، އޭނާގެ ފޯނު ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު