ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭ ރައްޔިތުންނަށް ހަދިޔާ ކުރެއްވި 15 ޓަނު ކަރަލާއި އިތުރަށް ހަދިޔާކުރި 15،000 ކާށި މާދަމާ ބަހަން ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އެ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުން ކަރައާއި ކާށި ލިބޭނެ ކަމަށެވެ.

ކަރައާއި ކާށި ބެހުން ކުރިއަށްދާނީ މާދަމާ ހެނދުނު 09:30 އިން 15:00 އަށް، 21:30 އިން 00:00 އަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށާއި މެންދުރުފަހު 13:00 އިން 17:00 އަށެވެ.

މީގެ ކުރިންވެސް ޗަމްޕާ ބްރަދާސްއިން ވަނީ ޖުމުލަ 35،000 ކާށި މާލޭ ރައްޔިތުންނަށް ހަދިޔާ ކުރައްވައިފައެވެ.