ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި، ކުނި މެނޭޖު ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް އިސްލާހު ހުށަހެޅީ، ޕްލާސްޓިކު ކޮތަޅުން ފައިސާ ނަގަން މިހާރު އޮތް ގޮތުން، ރައްޔިތުންނަށް އެކަން ތަކުލީފަކަށް ވާން ބޭނުން ނުވާތީ ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށި މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޝައުނާ ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން އަގު ބޮޑުވީ، ކުނި މެނޭޖްކުރުމާ ބެހޭ ގާނޫނުގެ ބިލު މަޖިލީހަށް ހުށަހެޅި އިރު، ސަރުކާރުން ހިމެނި ބައެއް ކަންތައް މަޖިލީހުން އުނިކުރުމުން ކަމަށެވެ. އެހެންކަމުން ކޮތަޅުން ފީ ނެގުމާ ގުޅޭ ގޮތުން ގާނޫނުގައި މިހާރު އޮތް ގޮތަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރު، ކޮތަޅުން އަގު ނެގުމަށް އިސްތިސްނާ ހާލަތެއްގެ ގޮތުގައި 50 ކޮތަޅާއި 50 ކޮތަޅުން މަތީގެ ކޮތަޅު ބޮޑިއާއި ކާޑުގެ ބާވަތްތައް އަޅާ ކޮތަޅު ހިމެނި ނަމަވެސް މިހާރު އޮތް ގޮތުން ހުރިހާ މަރުހަލާއެއްގައި ކޮތަޅަށް ލާރި ނަގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ، އެ މައްސަލަ ސަމާލުކަމަށް އައި ހިސާބުން އެކަން ހައްލުކުރުމަށް މަޖިލީހަށް ބިލު ހުށަހަޅާފައިވާނެ ކަމަށާއި އެއީ ކޮތަޅުގެ މައްސަލަ ރައްޔިތުންނަށް ނޫފުލޭވަރުގެ ތަކުލީފަކަށް ވުމަށް ނޭދޭތީ ކަމަށެވެ.

"އަޅުގަނޑުމެނަށް ހައިލައިޓްވި ހިސާބުން މި އިއްޒަތްތެރި މަޖިލީހަށް އެ މައްސަލަ އެމެންޑް ކުރުމަށް ހުށަހަޅައިފަ އެ ވަނީ، އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ، މައްސަލައަކީ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމެއް ނޫން، މައްސަލައަކީ ކޮންމެ މަރުހަލާއެއްގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުން،" ޝައުނާ ވިދާޅުވިއެވެ.