ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްފިއެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން، ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދު ވިދާޅުވުމަށްފަހު، ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނޝީދު ވާހަކައާއިގެން ކުރިއަށް ވަޑައިގަންނަވަން ފެއްޓެވުމާއެކު މެންބަރު ޖާބިރު އަޑުގަދަކުރައްވައި ހަޅޭއްލަވަން ފެއްޓެވިއެވެ.
ޖާބިރުގެ އަޑު ކިތަންމެ ގަދަ ނަމަވެސް އެއްޗެހި ކިއުއްވަމުން ގެންދެވިގޮތުން، އެއްޗެތި ކިއުއްވީ ކީއްވެގެން އަދި ކޮން ބޭފުޅަކާ ދިމާއަށް ކަމެއް ނޭނގެއެވެ. ބައެއް ފަހަރު ހުތުރުބަސް ބޭނުން ކުރައްވަމުން ގެންދެވިކަން ފާހަވެއެވެ.
އޭނާ ހަޅޭއްލަވަމުން ވަޑައިގެންނެވީ ޖަލްސާގެ ރިޔާސަތުގެ ކުރިމައްޗަށެވެ. އަދި މަޖިލިސް ރައީސާ ދިމާލަށް އަތް އުއްކަވައި އަޅޭއްލަވަމުން އިދާރީ މޭޒުގެ ކުރިމަތީގައި ހިންގަވަން ފެއްޓެވިއެވެ.
އެހިސާބުން، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މަޖިލިސް ރައީސް، ޖާބިރަށް އަންގަވަން ފެއްޓެވިއެވެ. ތަކުރާރުކޮށް މަޖިލިސް ރައީސް ވިދާޅުވުމުންވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވައި، ހަޅޭއްލަވަމުން ގެންދަވަން ފެއްޓެވުމުން، ޖާބިރުގެ ނަން އިއްވަވައި ޗެމްބަރު ދޫކުރައްވައި ނުކުންނެވުމަށް މަޖިލިސް ރައީސް އެންގެވިއެވެ.
އެވަރުންވެސް ޖާބިރު ޖަލްސާއިން ނުކިނުންނަވައި ބައެއް މެންބަރުންގެ މޭޒުކޮޅުދޮށަށް ވަޑައިގެން ހަޅޭއްލަވަމުން ގެންދެވިއެވެ. އެންމެ ފަހުން ޖަލްސާއިން ނުކުންނަވަށް ޖާބިރަށް ދެންނެވުމަށް، ޖަލްސާގެ ސެކިއުރިޓީގެ އިސް ބޭފުޅަކު ޖާބިރު ކައިރިއަށް ވަޑައިގަތުމުން، އޭނާގެ ފައިގައި ހިއްޕަވާގޮތަށް ޖާބިރު އުޑުފައިން އިށީންދެ ވަޑައިގެންނެވިއެވެ. އެއަށްފަހު ސެކިއުރިޓީގެ އިތުރު ދެ ބޭފުޅުންނާ އެކު ޖުމްލަ ތިން ބޭފުޅުން ޗެމްބަރުން ޖާބިރު ނެރުމަށްޓަކައި ޖާބިރު ކައިރިއަށް ވަޑައިގެންނެވިއެވެ.
ޖާބިރު ޗެމްބަރުން ނެރުމަށްޓަކައި މަޖިލިސް ރައީސް އެހިސާބުން ކުޑަ ވަގުތު ކޮޅަކަށް މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ.
ދެން ޖަލްސާ ފަށައިގެން ކުރިއަށް ގެންދެވީ ޖާބިރު ޖަލްސާއިން ނުކުންނެވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު