"ކިހިނެއްވެގެން ތިއުޅެނީ؟" މަންޝާ ބުންޏެވެ. ނަޒާން އުޅުނުގޮތުން އޭނާ ހިތް ބިރުގަނެއްޖެއެވެ.
މަންޝާގެ މޫނަށް ނަޒާން ބަލަމުން ދިޔައެވެ. ހީވާގޮތުން މަންޝާގެ ދެލޮލުން ކަމެއް ދެނެގަންނަން އޭނާ އުޅުނު ކަހަލައެވެ. އެންމެފަހުން ނަޒާންގެ ބެލުންތަކުން އުނދަގޫވެގެން މަންޝާ ނަޒާނަށް ފުރަގަސްދިނެވެ. މަންޝާ ވިސްނާލިއެވެ. ނަޒާން އެބަލަނީ ހާދަ ފާޑަކަށެވެ. ޝައިހާނާ ދެމެދު ދެކެވުނު ވާހަކަ ނަޒާނަށް އަޑުއިވުނު ހެއްޔެވެ؟ އެހެންވިއްޔާ ނަޒާނަށް އެ އޮތީ ހުރިހާ ކަމެއް ފަޅާ އަރައިފައެވެ. ނަޒާންގެ ސުވާލުތައް ގިނަވާނެއެވެ. ޖަވާބު ނުދެނީސް މިތަނުން ނުކުތަކަނުދޭނެއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ރަނގަޅަށް ހުރިހާ ވާހަކައެއް ކިޔައިދީގެން ނަޒާން މައިތިރިވެގެނެއް ނުހުންނާނެއެވެ. އެހެންނޫނަސް އަހަރެންގެ ކަންކަމުގައި މިހާރު ނަޒާން އެހާވަރުން އުޅޭނެ ހެއްޔެވެ؟ ނަޒާނަކީ އެހެން މީހެއްގެ ލޯތްބެކެވެ. އަހަރެންގެ ކައިވެނިވުމާއެކު ނަޒާން މޫވްއޮން ކޮށްފިއެވެ. އިންތިޒާރެއްވެސް ނުކުރިއެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔުމުން މިހާރު ނަޒާން އެ އުޅެނީ ކޮންކަމެއް ސާބިތުކޮށްދޭން ހެއްޔެވެ؟ ދެއަތުގެ އިނގިލިތައް މޮޑެމުންދިޔަ މަންޝާގެ ސިކުނޑި އެތައް ގޮތަކަށް ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ޝައިހާނު އެ ދިޔައީ ވަކި ގަޑިއެއްގައި ބަލައި އަންނާނެ ވާހަކަވެސް ބުނެފައެވެ. އޭނާ ބުއްދި ސަލާމަތުން ހުރިއްޔާ އެވަގުތަށް އަންނާނެއެވެ. ނަޒާނާއެކު މިތަނުގައި ހުރިކަން އެނގުނިއްޔާ ކަންތަކާ ޖެހުނީއެވެ. ނަޒާންގެ ކުރިމަތީގައިވެސް އަނިޔާކޮށްލާކަށް އެ އިންސާނާ ފަހެއް ނުޖެހޭނެއެވެ. އަނެއްކޮޅުން މައިންބަފައިން ނުކުތިއްޔާ ހުރިހާކަމެއް ހަމަވީއެވެ. އެންމެފަހުން މަންޝާ ގޮތެއް ނިންމިއެވެ. އެތަނުން ދާށެވެ. ވާހަކަދައްކަން ނަޒާނަށް ފުރުސަތު ނުދޭށެވެ. އެކަމަކު އެހެން ވަކި ދެވޭ ހެއްޔެވެ؟ އެއީ ތާއަބަދު މަންޝާގެ ހިތް އެދިއެދި ހުރި ޒުވާނާއެވެ. އަދި ރަނގަޅަށް މޫނަށް ބަލައިވެސް ނުލެވެއެވެ. މަންޝާއަށް ގޮތެއް ނުނިންމުނެވެ.
********
ގޭތެރޭގެ ހުރިހާ ދިމާލެއް ހޯދަމުން އައިސް ދިލްޝާދު މުޑިއެރީ ސިޑިން ފައިބައިގެން އައި ތިއާ އާއެވެ. ތިއާގެ މޫނުމަތިން ކަންބޮޑުވުމެއް ނަސީބަކުން ދިލްޝާދަށް ނުފެނެއެވެ. ވަގުތުން ތިއާ ހީލީ އެކަން ދިލްޝާދަށް ސިއްރުކުރުމަށެވެ.
"ބޮޑުމަންމަ. ކޯޗެއް ތިހޯދަނީ؟" ތިއާ އެހިއެވެ.
"މަންޝާ ދިޔައީތަ؟ ފޯނެއް ނުނަގާ" ދިލްޝާދު ބުންޏެވެ. ތިއާ ކުޑަކޮށް ޖަވާބު ލަސްކޮށްލިއެވެ. ދެން ބޯޖަހާލިއެވެ.
"
އަދިވެސް ހޮޑުލަވާތަ؟" ދިލްޝާދު އެހިއެވެ. ތިއާ ދެފަރާތަށް ބޯހޫރާލިއެވެ.
ދިލްޝާދު ކޮޓަރިއަށް ވަންނަންދެން މަޑުކޮށްގެން ހުރެފައި ތިއާ ގޮސް ވަނީ ބަދިގެއަށެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. އިނގިލީގައި ދަތްއަޅާލައިގެން އައިސްއަލަމާރި ކައިރީގައި ހުރެފައި އަނެއްކާ ގޮސް މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ. ގަރާޖު ރީތިކޮށް ފެނެއެވެ. މަންޝާ ހުރީ ނަޒާނާއެކު އެތަނުގައި ކަން ތިއާ އަށް އެނގެއެވެ. ހޮޑުލައިވައިގަނެގެން ފާހާނާއަށް ވަދެ އޯކަށް ދެމިފައި ހިންދެމިލިވަގުތު ނަޒާން އެތަނަށް މަންޝާ ގޮވައިގެން ވަންތަން ފެނުނީ ކުޑަދޮރުންނެވެ. ހީވީ މަންޒަރެއްހެން ހީވެފައި އަޅާނުލައި ހުއްޓައި އެކަން ޔަގީންކޮށްދިނީ ނަޒާންގެ މެސެޖެވެ. ނަޒާން އޮތީ މީހަކު އެދިމާލަށް އަންނަންޏާ އަންގައިދިނުމަށް އެދިފައެވެ. ހިޔަނިހެން ގާތުގައި ހުރި ފިރިމީހާއަށް ވެސް އެންމެފަހުން ތިއާ އަށް ޖެހުނީ އެކަން ސިއްރުކުރާށެވެ. އެދަނޑިވަޅުގައި ނަވާލް ބޭރަށް ދިޔަކަން ނަސީބެވެ. އެހެން ނޫނީ ނަވާލްގެ ސުވާލުތައް ފަތިފައްޗަށް ކުރިމަތިވާނެއެވެ. ތެދަށް ބުނެދީގެން މަންޝާ ބަދުނާމުވާކަށް ތިއާ ބޭނުމެއް ނުވެއެވެ. އައިސް ފެން ފުޅިއެއް ހިފައިގެން އައިސް ތިއާ އިށީނީ ބޮޑުކޮޓަރީ ސޯފާގައެވެ. ޓީވީ ހުޅުވައިގެން ނަޒާންގެ އިޝާރާތެއް ވަންދެން ތިއާ އިންތިޒާރުކުރަން ފެށިއެވެ.
*****
އަނެއްފަރާތަށް އެނބުރުނު ގޮތަށް ގަރާޖުން ނުކުންނަން މަންޝާ ހިނގައިގަތެވެ. ނަޒާން އެއްލި އަތުން މަންޝާގެ އަތުގައި ހިފެހެއްޓިއެވެ.
"ކޮންތާކަށް ދާން ތިދަނީ؟" ނަޒާން ބުންޏެވެ.
"ދޫކޮށްލާ އަހަރެން އަތުން" މަންޝާ ބުންޏެވެ.
"އަދިވެސް އަހަރެންދެކެ ހަމަ އެހާ ފޫހިވޭތަ؟" ނަޒާން ބުންޏެވެ.
އެހިނދު މަންޝާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ހިތް އޮތްގޮތް އެނގޭނަމަ ނަޒާން އެހެން ބުނާނެ ހެއްޔެވެ؟ ނަޒާނަށް ވުރެވެސް ބޮޑަށް މިހާރު މަންޝާ ނަޒާނަށް އެދެއެވެ. އެކަން ނަޒާނަށް އެނގުމަށްވުރެ ނޭނގި އޮތުން މިވަގުތަށް ބުއްދިވެރިއެވެ. ކުއްލިއަކަށް މަންޝާގެ އަތުގައި ހިފައި ކައިރިއަށް ނަޒާން ދަމާލިއެވެ. އެވަގުތު މަންޝާ އައިސް ތަތްވީ ނަޒާންގެ މޭގައެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތެކެވެ. ނަޒާންގެ ބެލުންތަކުން މަންޝާއަށް އުނދަގުވިއެވެ. ރޮވޭގޮތްވާން ފެށުމުން މަންޝާ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އެންމެފަހުން މަންޝާއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. އިސްޖަހާލުމާއެކު ދެލޮލުން ރޮނގެހެން ދެ ކަރުނަތިކި ފައިބައިގެން ދިޔައެވެ. ނަޒާންގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބުނީ އެހިނދުއެވެ. މަންޝާގެ ދިރިއުޅުން ރަނގަޅެއް ނޫނެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ އަންހެންކުއްޖާ ހިތާމަތަކެއް އެބަކުރެއެވެ. އޭނާގެ ހިތެއް ދޮގެއް ނުހަދައެވެ. ﷲ ތައާލާ އޭނާގެ ދެލޮލަށް އެމަންޒަރު ދައްކަވައިފިއެވެ. ބޭނުންވަނީ މަންޝާގެ ދުލުން ބުނާ އަޑު އަހާށެވެ. އޭނާގެ އެހީތެރިކަމަށް މަންޝާ އެދޭށެވެ. އެއަށްފަހު އެންމެ ސިކުންތަކުވެސް މަންޝާ އެ ނުލަފާ ފިރިހެނާގެ ބާރުގެ ދަށުގައި ހުއްޓަކަ ނުދޭނެއެވެ. އޭނާ ހަމަނޭވައެއް ލާނީ މަންޝާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީފައެވެ.
ކުއްލިއަކަށް މަންޝާ ސިހުނީ އޭނާގެ ކޯތާފަތްމަތިން ނަޒާންގެ އަތްތިލަ ޖެހުމުންނެވެ. ސިހިފައި މަންޝާ ނަޒާނަށް ބަލައިލިއެވެ. މަންޝާ ކުރާނެ ސުވާލަކަށް ނަޒާން ނުބަލައެވެ. ބޮޑުވައި އިނގިލީގެ ކޮޅުން މަންޝާގެ ދެކޯތާފަތް ފޮހެދިނެވެ.
"އަހަރެންނަށް ހުރިހާކަމެއް އެނގިއްޖޭ ބުނެފިއްޔާ...." ނަޒާން ބުންޏެވެ. މަންޝާ ނަޒާނަށް ބަލައިލިއެވެ. އެހިނދު ނަޒާން ދެބުމަ އަރުވާލިއެވެ. މަންޝާގެ ޖަވާބެއް ބޭނުންވާ ފަދައިންނެވެ.
ނަޒާންގެ ދެއަތް މަންޝާ ދުރަށްލިއެވެ. ނަޒާނަކީ އެހެން މީހެއްގެ މީހެކެވެ. އެދުވަހު ނަޒާންގެ ފަހަތުގައި އިން އަންހެންކުއްޖާ އަކީ ނަޒާންގެ ހިތުގެ މިލްކުވެރިޔާއެވެ. ދުރަށް މަންޝާ ޖެހުނީ އޭނާގެ ހިތަށް ތަދުކުރުމުގެ ފުރުސަތު އިތުރަށް ނަޒާނަށް ނުދިނުމަށެވެ.
"އަހަރެންގެ ދިރިއުޅުމަށް އަދިވެސް ޝައުގުވެރިތިވަނީ ކީއްވެ؟ ނަޒާން ކޮންމެސް އެހެން ކަމަކާ އުޅެންވީނުން. އަހަރެން އަހަރެންގެ ހާލަށް ދޫކޮށްލާ" މަންޝާ ބުންޏެވެ.
މަންޝާ ދުރަށް ޖެހުމާއެކު ނަޒާން މަންޝާގެ ގާތަށް އެއްފިޔަވަޅު އެޅިއެވެ. މަންޝާގެ އުނގަނޑުގެ ދެފަރާތުގައި ދެއަތް ޖައްސާލިގޮތަށް ގާތަށް ދަމާލިއެވެ. ނަޒާންގެ އަމަލުތައް ހުއްޓުވަން މަންޝާގެ ހިތުގައި އޮތަސް އެގޮތަށް އޭނާއަށް އަމަލެއް ނުކުރެވެއެވެ.
"އަހަރެންގެ ޝައުގުވެރިވާ ސަބަބު އެނގޭ ކަމަށް ހީކުރީ. ނޭނގެންޏާ އަދިވެސް ބުނެދީފާނަން" ނަޒާން ބުންޏެވެ.
މަންޝާގެ ހިތް ބާރަށް ތެޅިލިއެވެ. ނަޒާން ހިފީ މަންޝާގެ ކަނާއަތް ތިލައިގައެވެ. އަތްތިލަ އުފުލާލާފައި ގެނައި ގޮތަށް ޖެއްސީ އޭނާގެ މޭގެ ހިތާ ވީ ފަޅީގައެވެ.
"މި ހިތް އަދިވެސް ވިންދު ޖަހަނީ ތިލޯތްބަށްޓަކައި. އޭރުވެސް މިހާރުވެސް އަބަދުވެސް. އެހެން އަންހެނަކަށް އަހަރެންހެ ހިތް ހަރާންވާނެ. އަހަރެން ލޯބިވަނީ ހަމައެކަނި މަން ދެކެ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫން. މަން ލިބުނަސް ނުލިބުނަސް އަހަރެންގެ މި ހިތް އަބަދުވެސް އިންތިޒާރު ކުރާނެ. ސާޅީސް ދަރިން ގޮވައިގެން އަހަރެންގެ ކުރިމައްޗަށް އަޔަސް މަން ވާނީ އަހަރެންގެ މި ހިތުގެ ރާނީއަށް...." ނަޒާން ވާހަކަދެއްކިއެވެ.
މަންޝާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ނަޒާންގެ ހިތް އޮތްގޮތް ބުނެދީފިއެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އަޑުގައިވަނީ އޭރުގައިވެސް އެ އަޑުގައި ހުރި ކެތްމަދުކަމެވެ. ކެރޭކަމެވެ. އަނގައިން ބަސްބުނާއިރު އެ ޒުވާނާގެ ދެއަތްވެސް ހަރަކާތް ކުރެއެވެ. އެއީ ލޯބިވާން ޖެހިލުންވާނެ ޒުވާނެއް ނޫނެވެ. އެހެންނަމަވެސް އާހް.... ކައިވެނި ނުކުރެވުނުނަމައެވެ. މަންޝާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ފެނި ނަޒާންގެ ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. މަންޝާގެ ދެލޮލުން ކަރުނަ ދުށުމަކީ އޭނާއަށް ވޭނެކެވެ. މަންޝާގެ އިއުތިރާޒަކަށް ނަޒާން ނުބަލައެވެ. މަންޝާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި އުފުލާލިއެވެ. އޭނާ އާ ހަތަރުކަޅި ހަމަކުރުވިގޮތަށް މަންޝާގެ މޫނާ އޭނާގެ މޫނު ގާތްކޮށްލިއެވެ. މަންޝާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ނަޒާން ބޮސްދިނީ މަންޝާގެ ދެލޮލުގައެވެ. ކަރުނަތަކުގައެވެ. އެއްފަހަރުއެއް ނޫނެވެ. އެތައް ފަހަރަކުއެވެ.
"މިހާ އަގުބޮޑެތި އެއްޗެހި ބޭކާރުނުކުރޭ. މި ފެންތައް އަޅާނެ ފުޅިއެއް އަހަރެން ނުގެންނަން. ބޮސްދިނީ އެހެންވެ" ނަޒާން ބުންޏެވެ. މަންޝާ ކުއްލިއަކަށް ނަޒާނާ ދުރަށްޖެހުނެވެ. ނަޒާނާ ކައިރިވީވީނުން އެއްވެސް ކަމެއް ގޯހުން ގޯހަށް ދާކަށް މަންޝާ ބޭނުމެއް ނުވެއެވެ. ދެލޯ ކައިރި ފޮހެލިގޮތަށް މަންޝާ ހިނގައިގަތެވެ.
"އަހަރެން ދާންވެއްޖެ. މިހާރު އެގާރަޖަހަން އެ އުޅެނީ" މަންޝާ ބުންޏެވެ.
"އަހަރެން އެއްވެސް ކަމެއް ގޯސްވިޔަކަ ނުދޭނަން" ނަޒާން މަންޝާގެ ކުރި ބެއްދިއެވެ.
އަނެއްކާވެސް ނަޒާނާއި ކާރާ ދެމެދުގައި މަންޝާ ތާށިވިއެވެ. ކުރިއަށްދެވޭކަށް ނެތެވެ. ނަޒާން ހުރީ ގައިގައި ކިރިޔާޖެހޭ ނުޖެހޭ ހިސާބެއްގައެވެ.
"ބުނޭ... ތި ދުލުން ބުނާނެ ލަހެއް އޮންނާނީ. އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންތަ؟"
"އަހަރެން ލަހުން ގެއަށް ގޮސްގެން އުޅޭނެ ހާލު ނަޒާނަށް އެނގޭތަ؟ އަހަރެންނަށް އޮތް އަދަބު އެނގޭތަ؟" މަންޝާ ބުންޏެވެ.
"ވަޓް...؟؟ އެ ޕާޓޭ އަނިޔާކުރަނީތަ؟ އަހަރެން އެ ބަ... މަރާލާނަން" ނަޒާންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އެތެރެހަށީގެ ލޭ ހޫނުވެގެން ދިޔަވަގުތު ދެއަތުގެ މުށްވެސް ބާރުވެގެންދިޔަ މަންޒަރު މަންޝާއަށް ފެނުނެވެ. މަންޝާ ނަޒާނާ ކައިރިއަށް ޖެހުނެވެ. ނަޒާންގެ ދެއަތުގައި އޭނާ ހިފަހައްޓާލިއެވެ. މަޑުމަޑުން ނަޒާންގެ މޭގައި ލައްވެލިއެވެ. އެވަގުތު ނަޒާން ހަމަޔަކަށް އެޅުނެވެ. މަންޝާ އެގޮތަށް ކަންތައްކުރީ ކިހިނެއްވެގެން ކަމެއް ނަޒާނަށް ނޭނގުނެވެ. އެވަގުތުކޮޅު އަތުން ބީވާން ނޭދޭވަރުން މަންޝާގެ ގައިގައި ނަޒާން ދެއަތުން ހިފަހައްޓާލިއެވެ. އެ އަންހެންކުއްޖާ އޭނާގެ މޭގައި ފިއްތާލިއެވެ. ދުވަހަކުވެސް ދުރުކޮށްލަން ބޭނުންނުވެއޭ ބުނާ ފަދައިން ހިނދަކަށްފަހު ހިނދެއް މަންޝާގެ ހަށިގަނޑަށް ބާރުކުރަމުން ދިޔައެވެ.
މަންޝާ ވިސްނާލިއެވެ. ޝައިހާނުގެ އަނިޔާވެރިކަން ގޮސްފައި ހުރީ ކިހާ ދަރަޖަކައަށްކަން ނަޒާނަށް ކިޔައިދޭން ބޭނުންވިއެވެ. ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާގެ ފަރާތުން ލިބުނު ހަދިޔާގެ ވާހަކަ ބުނެދޭން ބޭނުންވިއެވެ. ގަދަކަމުން ލޯބި ހޯދަން ޝައިހާން ކުރާ މަސައްކަތްތައް ބުނެދޭން ބޭނުންވިއެވެ. ހިތް އޮތްގޮތް ބުނަން ހިތްއެދުނެވެ. ޝައިހާނަށް ކުރާ ނަފްރަތާއި ނަޒާންގެ މީހަކަށްވާން އޭނާ ހިތްއެދޭވަރު ހާމަކުރަން ބޭނުންވިއެވެ. އެހެންނަމަވެސް މި ބައްދަލުވުމުގައެއް ނޫނެވެ. ދާދި ދެންމެއަކުވެސް މަންޝާގެ ފަރާތުން ޖަވާބެއް ނުލިބެނީސް ވެސް ނަޒާނަށް ވީގޮތް ވަރަށް ރީތިކޮށް މަންޝާއަށް ފެނިއްޖެއެވެ. ހުރިހާކަމެއް އެނގިގެން ނަޒާން މަޑުން ނުހުންނާނެކަން ޔަގީންވެއްޖެއެވެ. ނަޒާނަކީ ފުލުހެކެވެ. ވިސްނުމެއްނެތި ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމެއްގެ ސަބަބުންވެސް ނަޒާނަށް އަދަބެއް ލިބެން މަންޝާއަށް ނުރުހެވެއެވެ. ވަގުތުޖެހުމުން މަންޝާ ހުރިހާ ވާހަކައެއް ނަޒާނަށް ކިޔައިދޭނެއެވެ. މިހާރު ވަގުތެއް ނެތެވެ. ދުލުން ބަޔާންނުކުރިޔަސް މަންޝާގެ ހިތް އޮތީ ކިހިނެއްކަން މިހާރު ނަޒާނަށް އިހުސާސް ކުރެވޭނެއެވެ.
******
ތިއާ އިނީ ފޯނުން ނަވާލާ ވާހަކަދައްކާށެވެ. ކުއްލިއަކަށް އޭނާ ފުންމައިގެން ތެދުވީ ގޭތެރެއަށް ވަދެގެން އައި ޝައިހާނު ފެނިފައެވެ. ޝައިހާނު ހުރި ސިފައެކެވެ. ދެލޯ ރަތްވެފައެވެ. މަސްތުވެގެން ހުރި މީހަކާ ތަފާތެއްވެސް ނެތެވެ. ތިއާ ބިރުގަތެވެ. ގޭތެރެއަށް ނަޒަރު ހިންގާލި އިރު ނަސީބަކުން އިތުރު މީހަކު ފެންނަން ނެތެވެ.
"ކޮބާ މަގޭ އަނބިމީހާ؟" ޝައިހާން ސުވާލުކުރިއެވެ. އަޑައުގައި ރުންކުރު ގޮތެއް ހުއްޓެވެ.
"ގެއަށް ހިނގައްޖެ" ތިއާ ބުންޏެވެ.
"ނާދޭ ގެޔަކަށް. އެގާރަވެސް ޖަހައިފި. މަ ބުނިން ބަލާ އަންނާނަމޭ" ޝައިހާނު ބުންޏެވެ. ޝައިހާން ވާހަކަދެއްކި ވަގުތު އަނގައިން ދުވި ވަހުން ތިއާ މޭބޮޑުވެގެން ދިޔައެވެ. ޔަގީނެވެ. އެހުރީ ބޯލައިގެންނެވެ. މަންޝާ އިނީ މިވަރުގެ މީހަކާ ހެއްޔެވެ؟ ވާހަކަދައްކާ އިރު އަކުރުތައް އެ ގުޅުވަނީ އެކި ދިމާލުންނެވެ. އަނގައިގައި ބާރެއް ނެތެވެ. ދޫ އޮތީ ބޮއްސުންލާފައެވެ.
"ހިނގާފައޭ ދިޔައީ. ވަގުތުނަގާނެއްނު ގެއަށް ދާން" ތިއާ ބުންޏެވެ.
"ކޮބާ އެ ކޮޕު ގޮލާ. ޔަގީނޭ މަގޭ އަންހެނުންނާ އެ ގޮލާ ހުރީ ހިތާވެފަކަން" ޝައިހާން ބުންޏެވެ. ތިއާ އަށް މޭގައި އަތްއެޅުނެވެ. ޝައިހާން އެބުނީ ނަޒާންގެ ވާހަކައެވެ. އެހެން ބުނަން ޝައިހާނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ޝައިހާން އެތަނުން ދޭތޯ ތިއާ ހިތާހިތުން ދުއާކޮށްލިއެވެ.
"ބަލާއެކޭ. މި މަންޝާވެސް ދުވަހަކު މަބުނާ ގޮތެއް ނަހަދާނެ. މިރޭ ހެއަރުވާލާނަން" ޅިނދުކަށިގަނޑާ ހަމައިން އެލިފައި އޮތް ކަޅު ކުލައިގެ ޖީންސުގެ ޖީބުގައި އޮތް ފޯނު ނަގައިގެން ޝައިހާނު ނުކުންނަން ދިޔައެވެ. މޭގައި އަތްއަޅާލައިގެން ތިއާ އެ މަންޒަރު ބަލަން ހުއްޓެވެ. ޝައިހާނުގެ ރުޅިވެރިކަމުގެ އަލިފާނުގައި މިރޭ މަންޝާ ރޯފިލުވާނުލިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ރަނގަޅަށް ހަމަޖެހިނުލެވެނީސް ފަހަތުން ދިލްޝާދުގެ އަޑު ތިއާއަށް އިވިއްޖެއެވެ.
"ނަވާލް އަދިވެސް ނާދޭތަ ބަލާ" ދިލްޝާދު ބުންޏެވެ.
"އަދި ބައްދަލުވުން ކުރިއަށް ދަނީ" ތިއާ ބުންޏެވެ. ފޯނުން ނަވާލަށް ގުޅިފައިކަން އެނގުމުން ތިއާ ވާހަކަދެއްކީ މިއުޓަށް ލައިގެންނެވެ.
"އެއީ ޝައިހާނުތަ؟ ކޮންފާޑަކަށް އެހުރީ؟ ކީއްކުރަން އޭނަ މިގެއަށް އައީ؟ މަންޝާ އަނެއްކާ ރަނގަޅުތަ؟" ދިލްޝާދު ބުންޏެވެ.
"މިހެންލާފަ ދަމުން ވަދެލިކަމަށް ވާނީ. ނުބުނޭ މަން އަށް ކަމެއްވި ވާހަކައެއް. ވަރަށް އަވަސްއަރުވާލާފަ ހުރީ"
ދިލްޝާދު ކޮޓަރިއަށް ވަންއިރު ހުރީ އުނދަގޫގޮތެއް ވެފައެވެ. ޝައިހާނު ދެއްކި ވާހަކަތަކެއް ދިލްޝާދަށް ނީވެއެވެ. އެހެންނަމަވެސް އެއް އަތުން ޖީންސުގައި ހިފަހައްޓައިގެން ގެއިން ނުކުތް މަންޒަރު ދިލްޝާދަށް ފެނުނެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް ދިލްޝާދުގެ ހަވަނަ ހިއްސު އޭނާއަށް އަންގަމުން ދިޔައެވެ.
******
އެތައް ދުވަހެއްފަހުން އެންމެ ގާތްއެކުވެރިޔާ ފެނުމުން ސަމާހާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަގުލީމާ އާއި ހަމްރާއަށް ސަމާހާ ކަޅު ސަޔާ މަސްރޮށި ތައްޔާރުކޮށްދިނެވެ. ތިން މީހުން ވާހަކަދައްކަން މަޑުކޮށްލައިގެން ތިބީ ކާގޭ މޭޒު ކައިރީގައެވެ.
"ކޮބާތަ ސަމާހައްތަގެ ޅީ ދަރިފުޅު. ނުވެސްފެނޭ" ހަމްރާ ބުންޏެވެ.
"ތިވާހަކަނުދައްކާ ކަނބުލޯ. މީހެއްގެ ރަނެއް މަލެއްފަދަ ކުއްޖަކު ގެނެސްގެން އެ އިބިލިސް ކުރަނީ އަނިޔާ. ގައިގެ އެތަން މިތަން ހުންނަނީ ރަތްވެފަ. އެއީ ހާދަ ކެތްތެރި ކުއްޖެކޭ. އަހަރެން ކިތަންމެ ދުވަހަކު ބުނެފިން މިގެއިން ދާށޭވެސް. އެކަމަކު އެކުއްޖާ ނުގޮސް އެހުންނަނީ މިހާލުގަ އަހަރެން އިންނަތަން ފެންނާތީ. އެކުއްޖާ އަބަދުވެސް ބުނާނެ ކައިވެންޏަށް އަދި އެހާ ދުވަސްނުވާ އިރު ފިރިމީހާގެ އަނިޔާވެރިކަމުގެ ސަބަބުން ކައިވެނި ރޫޅާލާފައި ގެއަށްދާތަނުން އެކުއްޖާގެ މައިންބަފައިންނަށް ޝޮކެއް ލިބި ހިތާމަވެރިކަމެއް މެދުވެރިވެދާނޭ. އެބިރުވެރިކަންވެސް އެކުއްޖާގެ ހިތުގައި އޮވޭ" އަސަރާއެކު ސަމާހާ ވާހަކަދެއްކިއެވެ.
"ޔާ ﷲ... އަންހެނަކަށް ގެވެށި އަނިޔާތަކެއް ލިބި އެހާ ތަކުލީފުތައް އުފުލަމުންދާއިރު ހުރިހާ ކަމެއް އެނގިގެން އަހަރެމެން އަންހެނުން މިހެން ތިބޭކަށް ނުވާނެ ސަމާހާ. އެ އަންހެންކުއްޖާ ސަލާމަތްކުރަން މަސައްކަތް ކުރަން ޖެހޭނެ. ފުލުހުންނަށްވެސް އަންގަން ޖެހޭނެ" އަގުލީމާ ބުންޏެވެ.
އިވުނު ވާހަކަތަކެއްގެ ސަބަބުން ހަމްރާ އިނީ ބަސްހުއްޓި ރޮވިފައެވެ. އެއީ ކޮންމެ ކުއްޖެއް ނަމަވެސް އޭނާގެ ހެޔޮ ދުއާތައް ވަނީ އެކުއްޖާ އާ އެކުގައެވެ.
"ކޮންމެހެން އެވާހަކަތައް ދައްކަން މިގެނައީވެސް. ފިރިމީހާގެ އެއްބަނޑު އަންހެނެއް އެބައިން ހުވަދު އަތޮޅުގަ. ފަރީދާ ބުނި މި ފަޔަށް ދިވެހި ބޭހެއްކޮށްލަން އަންނާށޭ. އަހަރެން ފަރީދާ އާ ހަމައަށް ގެންގޮސްދީބަލަ. މި ފައި ރަނގަޅުވެގެން އަމިއްލައަށް އުޅޭވޭވަރު ވިއްޔާ މިގެއަކަށް މަށެއް ނާންނާނަން. އިންސާނަކަށް ކެތްކުރެވޭނީވެސް ވަކި ވަރަކަށް. ކުރިން ހިތަށް އެރީ މިގެއިން ނެރެން ޖެހޭނީ އަހަރެންގެ ސަންދޯކޭ. އެކަމަކު މިހާރު އެވިސްނުމެއް ނެތް. އަހަރެން މިގޭގަ ނެތިއްޔާ ކޮންމެހެން އަހަރެންނަށްޓަކައި އެ މަންޖެ ވޭނާއި ތަކުލީފުތައް އުފުލާކަށް ނުޖެހޭނެއްނު" ސަމާހާ ވާހަކަދެއްކިއެވެ. ސަމާހާ އެދުނު ފަދައިން ކަންތައްތައް ކޮށްދޭން އަގުލީމާ އެވަގުތު ރުހުނެވެ.
"މިހާރު މަންޝާ ގޮވައިގެން އެ ފުރޭތަ އަރަން އުޅޭނެ. މިރޭ ނޭނގެ އެފަކީރަށް ކޮށްލާނެ ވަރެއްވެސް. ހިތަށް އަރާ ޝައިހާނަށް އަހަރެން ދުނިޔޭގަ ހުއްޓަ ތެދުމަގު ފެންނާނެބާއޭ"
"ޝައިހާން.... މަންޝާ" ދެ ނަން ހަމްރާ ތަކުރާރުކޮށްލިއެވެ. އޭނާއަށް ގޮނޑިން ކޮޅަށް ތެދުވެވުނެވެ. ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހަމަ އެހިނދު އޭނާއަށް ލިބުނެވެ. އެއީ ހަމަ އޭނާގެ އެކުވެރިޔާއެވެ. ކައިވެނީގެ ފަހުން މަންޝާ އުޅެނީ ފިލައިގެންނެވެ. ގުޅި އަދަދެއް މެސެޖުކުރި އަދަދެއް ގުނާ އަދަދެއް ނުކުރެވޭނެއެވެ. އެހެންވީމާ މިވީގޮތަކީ މިއީތާއެވެ. މަންޝާ ސިއްރުކުރި ކަމަކީ މިއީތާއެވެ. ގިނިކަންޏާ ހިތާމަތަކެއް ބަރުދާސްތު ކުރަމުންއެދަނީ ހާދަ ހާލެއްގައެވެ. އެކަމަކު... ހަމްރާ ގޮތެއް ނިންމިއެވެ. މަންޝާ ކިތަންމެ ސިއްރުކުރަން މަސައްކަތް ކުރިޔަސް ﷲ ތަޢާލާގެ ރޭވުންތެރިކަން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑެވެ. ކަމެއް އެނގެން ހުރިއްޔާ ލަހެއް ފަހެއް ނޯންނާނެއެވެ. މަންޝާ ޖެހޭނީ ހުރިހާ ކަމަކަށް އިއުތިރާފުވާށެވެ. ފުލުހުންނާ ހަމައަށް ޝައިހާނުގެ މައްސަލަ ހަމްރާ ގެންދާނެއެވެ. މަންޝާ ރުހުނަސް ނުރުހުނަސް ހެވެވެ.
*******
ނަޒާނާ މަންޝާ ދުރަށް ޖެހިލިއެވެ. ހަށިފުރާ ނޭވައެއްލާފައި މީހާ ހަމަޖެހިލިއެވެ. އަޅައިގެން ހުރި ޝޯލް ރީތިކޮށްލާފައި ދެލޯ ކައިރިން ފޭދިފައިވާ ކަރުނަތައް ފޮހެލިއެވެ.
"އަހަރެން ދާން މިދަނީ. އެގާރަ ޖަހާ ބޮޑުވެއްޖެ. މިތާ ބޭރުގަ ޝައިހާން ނެތް ކަމެއްވެސް ނޭނގެ" މަންޝާ ބުންޏެވެ.
"އަހަރެން ގެންގޮސްދެންތަ؟" ނަޒާން ބުންޏެވެ.
"ނޫން." މަންޝާ ބުންޏެވެ.
އަދި ކުޑައިރުކޮޅެއް" ނަޒާން ބުންޏެވެ. ނަޒާން މަންޝާގެ އަތުގައި ހިފާލުމާއެކު މަންޝާ އެނބުރި ނަޒާނަށް ބަލައިލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ދެ ޒުވާނުންގެ ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. އެހެންނަމަވެސް ބަސްމޮށުންތެރިކަމެއް ނެތް ބަހުރުވައަކުން އެކަކު އަނެކަކާ އެތައް ވާހަކައެއް ދައްކައިފިއެވެ. އެވަގުތުކޮޅު އެތައް ގަރުނަކަށް ދިގުދެމިގެންދާން ދެ ހިތްވެސް އެދެމުން ދިޔައެވެ.
"ދެން ކޮންއިރަކުން ބައްދަލުވާނީ" ނަޒާން ބުންޏެވެ.
"ނޭނގެ. ނަޒާން ބައްދަލުކުރަން މަސައްކަތްކުރިއްޔާ ނޫނީ ބައްދަލެއްނުވާނެ" މަންޝާ ބުންޏެވެ.
"ތިބުނީ؟"
މަންޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކޮންމެ އެއްޗެއް ލަފްޒުން ލަފްޒަށް ބުނެވޭ ހެއްޔެވެ؟
"ބުނީމެއްނު ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫނޭ. ހަމަ އެގޮތަށް ކޮންމެ އެއްޗެއް ދުލުން ނުބުންޏަސް އަމިއްލަ ހިތުން އިހުސާސް ކުރަން ޖެހޭނެ" މަންޝާ ބުންޏެވެ.
"މަން، އަހަރެންގެ ރަހުމަތްތެރިކަން ގަބޫލުކޮށްފާނަންތަ؟" ނަޒާން ބުންޏެވެ.
ނަޒާން ދިއްކޮށްލައިގެން ހުރި އަތުގައި މަންޝާ ހިފިއެވެ. ދެން ބޯޖަހާލިއެވެ.
ކުރިން ނުކުންނަން ހިނގައިގަތީ ނަޒާނެވެ. މަންޝާ ދިޔައީ ފަހަތުންނެވެ. ކުރިމަތީގައި ހުރި ނަޒާނަށް މަންޝާ ބަލަމުން ދިޔައެވެ. ހިތް ކުދިކުދިވެފައި ވިޔަސް ނަޒާނާއެކު ހޭދަކުރެވުނީ އުފާވެރި ވަގުތުތަކެވެ. ލޯބިވާ ކަމަށް ފާޅުގައި އިގުރާރު ނުވިޔަސް މިހާރު ނަޒާނަށް ކޮންމެސް އެއްޗެއް ވިސްނޭނެއެވެ. އެހެންނަމަވެސް ކުޑަ ހިނދުކޮޅެއްގެ އުފާވެރިކަމެކެވެ. އެ އުފާވެރިކަން އަނެއްކާވެސް ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ހިނގައިދާނެއެވެ. ޝައިހާނު މަތިން ހިތަށް އެރިޔަސް މަންޝާގެ ގައިން ހީބިހި ނަގައިގެންދެއެވެ. މިރޭ އަދި ވަކިން އިބިލީސްގެ ކަންތައް ބޮޑުވާނެއެވެ.
މަގުމަތިންދިޔަ ކާރެއް ހުއްޓުވާފައި އެ އަށް އެރީ ނަޒާނާއި މަންޝާ އެކުގައެވެ. ރޭގަނޑު ބާރަޖަހަން ފަސްމިނެޓަށް ވިއިރު މަންޝާ އެކަނި މަގަށް ދޫކޮށްލަން ނަޒާން ބޭނުމެއް ނުވިއެވެ.
(ނުނިމޭ)