ދެހާސް އެގާރަ ވަނަ އަހަރު ގަލޮޅު ޔޫތު ސެންޓަރަށް ކުޅެން ދިއުމުގެ ތެރެއިން ބިލިއާޑް ކެރިއަރު ފެށި ހަސަން ޝާޒް މުހައްމަދު މިވަނީ ރާއްޖޭގެ ބިލިއާޑް ތާރީހު ލިޔެލައިފިއެވެ. މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް ގޮސް ރާއްޖެ ފަހުރުވެރިކޮށްދީގެންނެވެ. ރޭ ޝާޒް ހޯދި ފަހުރުވެރި ކާމިޔާބީއާއެކު އޭނާ ވެފައި ވަނީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ. ޝާޒް ވަނީ ގްރޫޕް ސްޓޭޖައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ބިލިއާޑުގެ އާ ހަރުފަތަކަށް ޖެހިލައިފައެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާ އިރު، ޝާޒް ގަދަ 32 ޔަގީން ކުރީ ރޭ ކުޅުނު ޕްލޭ އޮފް މެޗުގައި ބަންގްލަދޭޝްގެ ނިޒާމުއްދީން ބަލިކޮށްފައެވެ. ޝާޒް ރޭގެ މެޗުން މޮޅުވީ 7-6 ފްރޭމުންނެވެ. ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ ޝާޒް، ގްރޫޕް ކޭގެ ފުރަތަމަ މެޗުގައި ނިޒާމުއްދީން އަތުން ބަލިވި ނަމަވެސް، ރޭގެ މެޗަށް ނުކުމެ، ވަރުގަދަ ހިތްވަރެއް ދައްކައި، އޭނާގެ ފެންވަރު ސާބިތުކޮށްދިނެވެ. ގަދަ 32 ގައި ހިމެނުމަށް ޝާޒް ކުރި ދަތުރުގައި އިއްޔެ އިންޑިއާގެ ރަޔާން ރަމްޒީވެސް 7-4 އިން ބަލިކޮށްފައިވެއެވެ.

ރާއްޖޭގައި ބާއްވާ ބިލިއާޑްގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރަމުން އަންނައިރު، ޝާޒް ހޯދި ކާމިޔާބީ އެތައް ގޮތަކުން ހާއްސައެވެ. 62 ކުޅުންތެރިން ވާދަކުރާ ވަރުގަދަ މުބާރާތަކީ ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިޔުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) އިން ވެސް ގަބޫލުކުރާ 10 ބޯލް ބިލިއާޑް މުބާރާތެކެވެ. އެހެންކަމުން ޝާޒްގެ ކާމިޔާބީއަކީ ރޭންކިންއަށްވެސް މުހިއްމު، ތަފާތު ކާމިޔާބީއެކެވެ.

"މިއީ ބިލިއާޑްގެ ކެރިއަރުގައި އެންމެ އުފާވެރި ވަގުތުކޮޅު. އެއީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކަށް ބައިނަލްއަގުވާމީ މި ފެންވަރުގެ މުބާރާތެއްގެ ނޮކްއައުޓަށް ދެވިފައި ނުވާތީ. އަދި ބައިނަލްއަގުވާމީ މުބާރާތެއްގެ ދެމެޗުންވެސް މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިޔަކު މޮޅުވެފައެއް ނުވޭ. އެހެންވީމާ މިއީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު،" ރޭގެ ކާމިޔާބީއާ ގުޅޭ ގޮތުން ޝާޒް "ވަން"އަށް ބުންޏެވެ.

ދުނިޔޭގެ ޗެމްޕިއަން 7 ކުޅުންތެރިން ކުޅެމުން އަންނަ މޯލްޑިވްސް އޯޕަންގެ ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ހިމެނި، ޝާޒް ކެރިއަރުގެ އެންމެ މުހިއްމު މެޗަށް މިއަދު ނުކުންނާނީ ވިއެޓްނާމުގެ އެއްވަނަ ކުޅުންތެރިޔާ މުހްދު އަލްމީއާ ދެކޮޅަށެވެ. އެއީ އުނދަގޫވާނެ ޗެލެންޖެއް ނަމަވެސް، ޝާޒް ހުރީ އެންމެ 'ބެސްޓް' ދޭން ތައްޔާރަށެވެ. މިވަގުތު މުޅި ފޯކަސް ހުރީ މިއަދުގެ މެޗަށެވެ.

"ދިވެހިރާއްޖެ ތަމްސީލު މިކުރަނީ. މާދަމާގެ މެޗަށް އެންމެ ބެސްޓް ދޭނަން. އެކަމަކު އެ މެޗު އުނދަގޫވާނެ. މިއީ ނޮކްއައުޓް ބުރުގައި އަހަރެންގެ ފުރަތަމަ ތަޖުރިބާ. އެހެންވީމަ މީގަ ޕްރެޝަރު ބޮޑީވެސް އަހަންނަށްކަން އެނގޭ. އެއީ އަސްލު މި ސްޓޭޖުގައި ތަޖުރިބާ މަދުވީމަ. ވިއެޓްނާމުގެ އެއް ނަންބަރު ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ޗެލެންޖެއް ނަމަވެސް އެންމެ ބެސްޓް ދޭނަން،" ޝާޒް ބުންޏެވެ.

އުމުރުން އެންމެ 16 އަހަރުގައި ބިލިއާޑް ކެރިއަރު ފަށައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝާޒް ވަނީ ރޭންކިން މައްޗަށް ޖައްސާލައިފައެވެ. އަބަދުވެސް ބުރަ މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ޝާޒް ފާހަގަކޮށްލެވޭ އިރު، އޭނާ ރާއްޖޭގެ އެއްވަނަ މަގާމަށް ޖެހިލީ 2019 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ޝާޒް އަންނަނީ ރާއްޖޭގެ އެއްވަނަ މަގާމު ދަމަހައްޓަމުންނެވެ. ކެރިއަރުގައި ކޮންމެ މީހަކަށްވެސް މުސްތަގުބަލެއް އޮންނާނެ ކަމަށް އަބަދުވެސް ބުނަމުން އަންނަ ޝާޒް، ކެރިއަރުގައި ކުޅޭ ތާރީހީ މެޗަށް މިއަދު ނުކުންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 3:00 ގައެވެ.