އިއްޔެ މާލޭގައި ފެށި މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގައި މިހާތަނަށް ދިވެހި ކުޅުންތެރިން ރަނގަޅު މޮޅުތަކެއް ހޯދައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އިއްޔެ ހެނދުނު ކުޅެން ފަށާފައިވާ އިރު، މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިއަކާ އެކު 62 ކުޅުންތެރިން ވާދަކުރެއެވެ. ރާއްޖޭގެ 16 ކުޅުންތެރިން ވާދަކުރަނީ ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިންނާ ދެކޮޅަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ބިލިއާޑް ތާރީހުގައިވެސް ފަހުރުވެރި، ތާރީހީ މުބާރާތެކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު އިއްޔެ ފަށާފައިވާ އިރު، ދިވެހި ގިނަ ކުޅުންތެރިންތަކަކަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވުމުގެ އިތުރުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިންނާ ވާދަކޮށްލުމުގެ ފުރުސަތު މި ލިބުނީ ފުރަތަމަ ފަހަރަށެވެ.

މުބާރާތުގެ ރާއްޖޭގެ ހުސައިން ފަޔާޒު އިއްޔެ ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖޭ ކުޅުންތެރިޔަކު އަމިއްލަ ގައުމުގައި ހޯދި ފުރަތަމަ ބައިނަލްއަގުވާމީ މޮޅެވެ. އިއްޔެ ގްރޫޕް ބީގައި ފަޔާޒް މޮޅުވީ ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ އާ ވާދަކޮށް 7-6 ފްރޭމުންނެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި އިއްޔެ ފަޔާޒް ދެން ކުޅުނު މެޗުގައި އިންޑޮނޭޝިއާގެ ބިލީ ރޮބިއަންސިޔާ ބަލިވި އިރު، ގަދަ 32 ގެ ފުރުސަތު ގެއްލުނީ ރޭ ކުޅުނު މެޗުގައި ރޮބީ ކަޕިޓޯ އަތުން 7-4 އިން ބަލިވެގެންނެވެ.

އިއްޔެ ދިވެހި ކުޅުންތެރިން ކުޅުނު އިތުރު މެޗުތަކަށް ބަލައިލާ އިރު، ހަސަން ޝަފްރާޒް، އައްބާސް ސައީދު އަދި ހަސަން އުސްވަތުﷲ ވެސް ކުޅުނު ފުރަތަމަ ދެމެޗުން ބަލިވެ، ކެޓީއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުތަކުންވެސް ދިވެހި ކުޅުންތެރިން ވަނީ ރަނގަޅު މޮޅުތަކެއް ހޯދައިފައެވެ. އެހެން ނަމަވެސް ގަދަ 32 އާ ހަމައަށް ދެވޭ ގޮތެއް ނުވިއެވެ. ގްރޫޕް ޖީގައި ހިމެނުނު އަހުމަދު ޝިހާދު ފުރަތަމަ މެޗުގައި 7-0 އިން ފިލިޕީންސްގެ ޖޮހާން ޗޫއާ އަތުން ބަލިވި އިރު، ލޫސާ ސައިޑަށް ގޮސް ދެވަނަ މެޗުގައި ޕޫރިއާ ކެސްތުކަރަން ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ. އޭނާ ކެޓީ ފަހު މެޗުގައި ޖޮހާން ޗުއާ އަތުން 7-4 އިން ރޭ ބަލިވެގެންނެވެ.

މުހައްމަދު ޝަރީފްވެސް އިއްޔެ މޮޅެއް ހޯދި އިރު، ފުރަތަމަ މެޗުގައި ވިއެޓްނާމްގެ ގުޔެން ހޮން ޕޮން އަތުން 2-7 ފްރޭމުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި އޭނާ ވަނީ އޮސްޓްރިއާގެ ކްރިސްޓިއަން ނެސިމާ ބަލިކޮށްފައެވެ. މެޗު ޝަރީފް ކާމިޔާބުކުރީ 7-5 ފްރޭމުންނެވެ.

ޝަރީފް މުބާރާތުން ކެޓީ ޗައިނީސް ތައިޕޭގެ ޗިއާ ޗެންއާ ވާދަކޮށް، 7-2 ފްރޭމުން ބަލިވެގެންނެވެ.

އިއްޔެ އަށް ގްރޫޕެއްގެ މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، މިއަދު އަނެއް އަށް ގްރޫޕުގެ މެޗުތައް ކުރިއަށް އެބަދެއެވެ. މިއަދުގެ މެޗުތަކުގައި އިސްމާއިލް ޖީހާން އާއި ހަސަން ޝާޒް މުހައްމަދު އެ ކުޅުންތެރިންގެ ބައިނަލްއަގުވާމީ ފުރަތަމަ މޮޅުތައް ހޯދައި، އުންމީދު ދެމެހެއްޓިއެވެ.

ގްރޫޕް ސްޓޭޖުގައި ޖީހާން، މެލޭޝިއާގެ ޑެރިލް ޗިއާ އަތުން 5-7 އިން ބަލިވި ނަމަވެސް އޭނާ ދެވަނަ މެޗުގައި އިންޑިއާގެ ލަކްޝް ޝަރުމާ އަތުން ޖީހާން ވަނީ 7-0 މޮޅުވެފައެވެ.

ޝާޒް ވެސް ކުޅުނު ފުރަތަމަ މެޗުގައި ބަލިވީއެވެ. އޭނާ ބަލިވީ ބަންގްލަދޭޝްގެ ނިޒާމުއްދީން އަތުން 4-7 އިންނެވެ. އެ މެޗުން ބަލިވެ ލޫސާސް ޕޫލަށް ގޮސް، އިންޑިއާގެ ރަޔާން ރަމްޒީ 7-4 އިން ބަލިކޮށް ޝާޒް ވަނީ މުބާރާތުގައި އޭނާގެ ފުރަތަމަ މޮޅު ހޯދައިފައެވެ. މިއީ ޖީހާން އާއި ޝާޒް ވެސް ބައިނަލްއަގްވާމީ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

އެ ދެ ކުޅުންތެރިންވެސް ގަދަ 32 އަށް ދިޔުމަށް މިރޭގެ މެޗުތައް ކާމިޔާބު ކުރަން ޖެހެއެވެ.