މިއަދު މާލޭގައި ފެށި މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ، ރަސްމީކޮށް މުބާރާތް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ހެނދުނު ކުޅެން ފަށާފައިވާ އިރު، މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިއަކާ އެކު 62 ކުޅުންތެރިން ވާދަކުރެއެވެ. ރާއްޖޭގެ 16 ކުޅުންތެރިން ވާދަކުރަނީ ދުނިޔޭ ރޭންކިންގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިންނާ ދެކޮޅަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ބިލިއާޑް ތާރީހުގައިވެސް ފަހުރުވެރި، ތާރީހީ މުބާރާތެކެވެ.

މާލޭ ބިލިއާޑް ފެސިލިޓީގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ އިރު، ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދެވެ. އަރިހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު، ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާސިފް އަދި މޯލްޑިވްސް އޯޕަންގެ ޓޯނަމަންޓް ޑިރެކްޓަރަކަށް ހަރަކާތްތެރިވަމުން އަންނަ ޑަބްލިއުޕީއޭގެ ބޯޑު މެންބަރެއް ކަމަށްވާ މެލޭޝިއާގެ ޗިއާ ސީ އޫން (މެލްވިން) ވަނީ ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ އިވެންޓުގައި ވާހަކަދައްކަވަމުން ނާސިފް ވިދާޅުވީ، ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިޔުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) އިންވެސް ގަބޫލުކުރާ 10 ބޯލް ބިލިއާޑް މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ޝަރަފެއް ކަމަށާއި މި ފުރުސަތާ އެކު ބިލިއާޑުގެ ދުނިޔޭގެ ޗާޓުގައި ރާއްޖޭގެ ނަން ލިޔެވިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ސަރުކާރުން ބިލިއާޑް އެސޯސިއޭޝަނަށް ދުނިޔޭގެ ރޭންކިންގެ މުބާރާތަކަށް ފުރުސަތު ދީ އިތުބާރު ކުރީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުންވޭ. މި މުބާރާތަކީ ރާއްޖޭގެ ބިލިއާޑް ކޮމިއުނިޓީއާއި އެސޯސިއޭޝަނަށް ކުރިއަށްދާނެ އާ ވިސްނުންތަކެއް ގެނެސްދޭނެ މުބާރާތެއް. މިއީ އެތައް އަހަރެއްގެ އިންތިޒާރު. ކުރިން މި ތަޖުރިބާ ކުޑަކޮށްވެސް ކުރިން ކުރެވިފައި އޮތީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ދިޔަ އެތުލީޓުންނަށް އެކަނި. އެކަމަކު މިއަދު ރާއްޖޭގައި މި ކުރެވެނީ ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ތަޖުރިބާއެއް. މި އިވެންޓާ އެކު ބިލިއާޑްގެ ދުނިޔޭ ޗާޓުގައި ރާއްޖޭގެ ނަން ލިޔެލެވިއްޖެ. އެއީ މުބާރާތް ހޯސްޓް ކުރާ ގައުމެއްގެ ގޮތުގައި އަދި ބިލިއާޑަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި،" ނާސިފް މިއަދު ވިދާޅުވިއެވެ.

ނާސިފް ވަނީ މިނިސްޓަރު މަހުލޫފް، ރާއްޖޭގެ ކުޅިވަރަށް ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް ބިލިއާޑްގެ ވަސީލަތްތައް އެހެން ހަރުފަތަކަށް ގެންދެވުމަށް މަހުލޫފް ކުރެއްވި ކާމިޔާބު މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އޭގެ އިތުރުން އަންނަ އަހަރު "މޯލްޑިވްސް އޯޕަން" މިފަހަރަށްވުރެ ބޮޑުކޮށް، މާފުޅާކޮށް ރާއްޖޭގައި ބާއްވަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން މުބާރާތަށް ތައްޔާރުވާން ކުރި މަސައްކަތް ފާހަގަކުރައްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ފުރިހަމަ ފެސިލިޓީއެއްގައި ރާއްޖޭގެ ފުރަތަމަ ބިލިއާޑް މުބާރާތް ބޭއްވުން އެއީ ލިބޭ ޝަރަފެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ކުޅިވަރުގެ ތަފާތުކުރުންތައް ނައްތާލައި، ގިންތީގެ ހަމަހަމަކަންވެސް ގާއިމުވެގެން ދިއުމަކީ ރާއްޖޭގެ ކުޅިވަރަށް އެޅިފައިވާ ހެޔޮ ފިޔަވަޅުތަކެއްކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން "95 ޕަސެންޓް" މަސައްކަތް ކާމިޔާބު ކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގައި އެސޯސިއޭޝަންތަކާއި އޮލިމްޕިކްސް ކޮމިޓީން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފާހަގަކުރެއްވީ މިއަދު ދެކެމުންމިދާ ވަގުތުތަކަކީ ރާއްޖެ، ހުރިހާ ގޮތަކުންވެސް ބޭރުގެ ގައުމުތަކާ ގުޅުންތައް ބަދަހިކުރަމުންދާ މަންޒަރު ކަމަށެވެ.

"މިއަދު ދެކެމުންމިދާ ވަގުތު ކޮޅަކީ ދުނިޔޭގެ ގުޅުންތަކާ ރާއްޖެއިން ގުޅެމުންދާ ވަގުތުތައް. ކުޅިވަރުގެ ގޮތުންވެސް، އިގުތިސާދީ ގޮތުންވެސް ރާއްޖެ ބޭރު ދުނިޔޭގެ ގައުމުތަކާ ގުޅި، ރާއްޖެއަށް އިހުތިރާމު ލިބިއްޖެ. މިއަދު އަޅުގަނޑުމެން ފަހުރުވެރިވޭ އަދި އެއީ ލިބޭ ޝަރަފެއް މިކަހަލަ ދުނިޔެ ގަބޫލުކުރާ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ. މި މުބާރާތް ރާއްޖޭގައި ބޭއްވިގެން މި ދާ ވަސީލަތްތަކާއި އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ޒުވާނުން ރާއްޖޭގައި ތިބުމަކީ ލިބޭ އެންމެ ބޮޑު ޝަރަފު،" ޝާހިދު ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު އިތުރަށް ވިދާޅުވީ، އަމާޒަކަށް ވާސިލުވާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތުގެ ނަތީޖާ ތަފާތުކޮށް ފެންނަމުންދާ ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ސަރުކާރަށް މަގު ދެއްކެވުމުގައި ކުރައްވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއަދުގެ އިވެންޓްގައި މުބާރާތުގެ ޑިރެކްޓަރު މެލްވިން ވަނީ ވަރަށް ބޮޑަށް ރާއްޖެއަށް ތައުރީފު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ހުޅުވުމުގެ ރަސްމިއްޔާތުންވެސް ރާއްޖެއިން ބިލިއާޑަށް ބަހައްޓާ ހާއްސަކަން ފެނިގެންދާ ކަމަށެވެ.

"މިއީ އެހެން ހުރިހާ މުބާރާތްތަކާ ހިލާފު ހުޅުވުމުގެ ރަސްމިއްޔާތެއް. މިނިސްޓަރުންނާއި އިސް ގިނަ ފަރާތްތަކެއް މި ތަނުގައި ތިބުމަކީ ރާއްޖޭގެ ސަރުކާރުން މި ކަމަށް ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް. އެއީ އާންމުކޮށް ގައުމުތަކުގައި މިކަހަލަ އިންޑޯ ކުޅިވަރަކަށް އެހާ ބޮޑު އެކްސްޕޯޝާއެއް ހޯދުން އެއީ އުނދަގޫ ކަމެއް. އެކަމަކު ހަގީގަތުގައި ރާއްޖޭގައި މި ބޭއްވެނީ ކުޑަ މުބާރާތެއް ނޫން. މިއީ ފަހުރުވެރިވާންޖެހޭ މުބާރާތެއް. މި މުބާރާތުގައި ކުޅޭ ކުޅުންތެރިންވެސް ފަހުރުވެރިވާން ޖެހޭނެ މުބާރާތެއް،" މެލްވިން ވިދާޅުވިއެވެ.

މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖު ފަށާފައިވާ އިރު، ދިވެހި ގިނަ ކުޅުންތެރިންތަކަކަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވުމުގެ އިތުރުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިންނާ ވާދަކޮށްލުމުގެ ފުރުސަތު މި ފަހަރު ލިބިގެންދާނެއެވެ. މި މުބާރާތުގައި ދުނިޔޭގެ ބިލިއާޑް ޗެމްޕިއަންކަން ހޯދާފައިވާ ހަތް ކުޅުންތެރިއަކު ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޖޯޝުއާ ފިލާ އާއި އަލްބިން އޫސްޗަން އަދި ކޯ ޕިން ޔީ ފަދަ ދުނިޔޭގެ ޗެމްޕިއަނުން ފާހަގަކޮށްލެވެއެވެ.