ރާއްޖޭގެ ބިލިއާޑަށް މިއަދު ވެގެންދާނީ ތާރީހީ ދުވަހަކަށެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ތާރީހުގައި ލިޔެވިގެންދާނެއެވެ. "މޯލްޑިވްސް އޯޕަން 2023" ވެގެންދާނީ ދިވެހި ކުޅުންތެރިންގެ ނަން ދުނިޔޭގެ ރޭންކިންގައި ހިމެނުމަށް ރަނުގެ ފުރަސަތަކަށެވެ. އޭގެ އިތުރުން އޭޝިއާ ރޭންކިންއަށް ވެސް މި މުބާރާތުން ޕޮއިންޓް ލިބޭނެއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން މިމަހު ބާއްވާ "މޯލްޑިވްސް އޯޕަން 2023" އަކީ ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިޔުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) އިން ވެސް ގަބޫލުކުރާ 10 ބޯލް ބިލިއާޑް މުބާރާތެކެވެ. މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މޯލްޑިވްސް އޯޕަންގައި ވާދަކުރާ 64 ކުޅުންތެރިންގެ ތެރެއިން 16 ކުޅުންތެރިން ވެގެންދާނީ ރާއްޖޭގެ ކުޅުންތެރިންނަށެވެ.
ދިވެހި ގިނަ ކުޅުންތެރިންތަކަކަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވުމުގެ އިތުރުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިންނާ ވާދަކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މި މުބާރާތުގައި ދުނިޔޭގެ ބިލިއާޑް ޗެމްޕިއަންކަން ހޯދާފައިވާ ހަތް ކުޅުންތެރިޔަކު ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޖޯޝުއާ ފިލާ އާއި އަލްބިން އޫސްޗަން އަދި ކޯ ޕިން ޔީ ފަދަ ދުނިޔޭގެ ޗެމްޕިއަނުން ފާހަގަކޮށްލެވެއެވެ.
އެމްޕީބީއޭ އަކީ ރާއްޖޭގެ އެންމެ ހިންގުންތެރި އެއް ކުޅިވަރު އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން ވަނީ ބިލިއާޑް ކުރިއެރުވުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކުރިން ކުޑަ ޖާގައެއްގައި، އެންމެ ހަތަރު ބިލިއާޑް މޭޒާއެކު އެސޯސިއޭޝަން ހިންގި ނަމަވެސް، މި ސަރުކާރުން ބިލިއާޑަށް ވަނީ ޖާގަ ތަނަވަސް ތަނެއްވެސް ވެސް ގާއިމުކޮށްދީފައެވެ. މިއަދު ފަށާ މުބާރާތް ވެގެންދާނީ އެމްޕީބީއޭ ވެސް އާ ހަރުފަތަކަށް ގެންގޮސްދޭނެ މުބާރާތަކަށެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެމްބީޕީއޭގެ ރައީސް އަހުމަދު ނާސިފް ވިދާޅުވި ގޮތުގައި ދުނިޔޭގެ އަދި އޭޝިއާގެ ރޭންކިން މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އެސޯސިއޭޝަނާއި ކުޅުންތެރިންގެ އިތުރުން މުޅި ގައުމަށް ވެސް ލިބޭ ބޮޑު ޝަރަފެކެވެ.
"މި މުބާރާތުގައި ވާދަކުރާ 64 ކުޅުންތެރިންނަށް ދުނިޔޭގެ އަދި ސަރަހައްދީ ރޭންކިން ޕޮއިންޓް ވެސް ލިބޭނެ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މި މުބާރާތަށް ބަލާއިރު، ރާއްޖޭގައި ފަހުގެ ތާރީހެއްގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތަށް މި މުބާރާތް ވެގެންދާނެ. އެއީ ދުނިޔޭގެ ރޭންކިން ލިބޭ މުބާރާތަކަށް ވާތީއާވެސްއެކު،" އޭނާ ވިދާޅުވިއެވެ.
ތިން މަސްދުވަހުގެ ބުރަ މަސައްކަތާއެކު އެމްޕީބީއޭ އިން ބާއްވާ މޯލްޑިވްސް އޯޕަން އަކީ ރާއްޖޭގެ 16 ކުޅުންތެރިންގެ އިތުރުން އެކި ގައުމުތަކުން 48 ކުޅުންތެރިޔަކު ވާދަކުރާ މުބާރާތެކެވެ. ދުނިޔޭގެ މަތީ ފަންތީގެ ކުޅުންތެރިންތަކެއް މުބާރާތުގައި ވާދަކުރުމަކީ އެމްޕީބީއޭއަށް ލިބޭ ފަހުރެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ދެކެއެވެ.
"ވޯލްޑް ޗެމްޕިއަނުންގެވެސް ގާތްގަނޑަކަށް ހަތް ކުޅުންތެރިން އެބައުޅޭ. އެހެންވީމާ މިއީ މި އެސޯސިއޭޝަނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. ހަމަ އެއާއެކު އެސޯސިއޭޝަނުން މި ކުރި މަސައްކަތުން ރާއްޖެއަށް ވެސް ގެނެސްދެވުނު ވަރަށް ބޮޑު ފަހުރެއް. ވޯލްޑް ރޭންކިން ޕޮއިންޓްސް ލިބޭ މުބާރާތެއް ބޭއްވުމަކީ ކުރާންވެސް ފަސޭހަ ކަމެއް ނޫން. ހަމަ އެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ސަރުކާރުން އަޅުގަނޑުމެންނާ ވަރަށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީމައާއިވެސް އެކީ އަޅުގަނޑުމެންނަށް މިކަން ކުރުމަށް މަގުފަހިވެގެން މިދަނީ،" ނާސިފް ވިދާޅުވިއެވެ.
ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބުމަށް އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، މިފަހަރުގެ މުބާރާތާއެކު ގިނަ ކުޅުންތެރިންތަކަކަށް ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. އެ ތަޖުރިބާތަކާއެކު ބިލިއާޑަށް ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އެމްޕީބީއޭ އިން ގަބޫލުކުރެއެވެ.
"ކުރީން ޓޮޕް ކުޅުންތެރިންނާ އެކި މުބާރާތްތަކުން ބައްދަލުކުރުމުގެ ފުރުސަތު ލިބިފަ އޮންނާނީ މުބާރާތަކަށް ދާ ދެތިން ކުޅުންތެރިޔަކަށް އެކަނި. އެހެންނަމަވެސް މި މުބާރާތުގެ ތެރޭގަ ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އެކި ކުޅުންތެރިންނާ ކައިރިން ވާހަކަދައްކާލައި، ތަޖުރިބާ ހިއްސާކޮށްލުމުގެ އިތުރުން އަޅުގަނޑުމެންގެ ކުޅުންތެރިން އިތުރަށް ތަމްރީނުވެ، ކުރިއަށްދިއުމަށް މަގުފަހިވެގެންދާކަމީ ވެސް އަޅުގަނޑުމެންނަށް ލިބިގެންދާ އިތުރު ކުރިއެރުމެއް،" ނާސިފް ވިދާޅުވިއެވެ.
ނާސިފް ވިދާޅުވި ގޮތުގައި މިހާރު ފެންނަނީ ކުޅުންތެރިން ކުރިއަށްދިއުމަށް މަގު ފުޅާވާ މަންޒަރެވެ. ކުރިން ރާއްޖެއިން ބޭރުގައި ކުޅެން ޖެހޭތީ، ދަތިތަކެއް ހުރި ނަމަވެސް، މޯލްޑިވްސް އޯޕަން އަކީ އަމިއްލަ ފަސްގަނޑުގައި ބާއްވާ މުބާރާތަކަށްވުމާއެކު، މިއީ ލިބޭނެ ފަހި ފުރުސަތަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"މިހާރު މިއޮތީ އަޅުގަނޑުމެންގެ ހޯމް ގްރައުންޑްގައި ދުނިޔޭގެ ރޭންކިން މުބާރާތެއް ލިބިފަ. އަޅުގަނޑުމެންގެ ކުޅުންތެރިން އިތުރަށް ތަމްރީނުވެ، މުސްތަގުބަލު ބައްޓަންކޮށް، ދިވެހިރާއްޖޭގެ ނަން ފަވައިލެވޭވަރުގެ ކާމިޔާބީއަކަށް ދިއުމަށް އިތުރަށް ފުރުސަތު ފަހިވެގެން މިދަނީ. އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ހޯމް ގްރައުންޑްގައި ލިބޭ ފުރުސަތަށް ވުރެ ފަހި ފުރުސަތެއް ހޯދަން ދެން އުނދަގޫވާނެ،" އޭނާ ވިދާޅުވިއެވެ.
ދިވެހި ކުޅުންތެރިންނާ މެދު އެމްޕީބީއޭއަށް އިތުބާރު އެބައޮތެވެ. ރާއްޖޭގައި ހުނަރު ހުރި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. މިހާރު ދިވެހި ކުޅުންތެރިންނަށް ވަނީ ވަސީލަތާއެކު ބައިނަލްއަގުވާމީ މުބާރާތެއް ވެސް ލިބިފައެވެ. އަމިއްލަ ގައުމުގައި ކުޅުންތެރިން ބޭނުންވާ ފަދަ ފުރުސަތާއެކު، ކުރިއެރުން ހޯދުމަށް މިވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ.
"އަޅުގަނޑުމެންގެ ވަރަށް ޓެލެންޓް ހުރި، ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރެވޭ ކާމިޔާބު ލިބޭނެ ކަހަލަ ސްކިލްޑް، ޓެލެންޓް ހުރި ވަރަށް ގިނަ ކުދިން އެބަތިބި. އަޅުގަނޑު ދަންނަވާނީ މުބާރާތް ސްޓްރަކްޗާ ކުރެވިފަ އޮތް ގޮތުން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ވަރަށް ފަހިކޮށް މިއޮތީ. އަޅުގަނޑުމެންގެ ކުޅުންތެރިންނަށް މި މުބާރާތުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ހާލަތެއްގައި މިއަދު އަޅުގަނޑުމެންނަށް މި ތިބީ. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަމާއެކު އަޅުގަނޑުމެންގެ ކުޅުންތެރީން ކުޅެމުންދާނީ،" ނާސިފް ވިދާޅުވިއެވެ.
މުބާރާތަށް ނުކުންނަ ދިވެހި ކުޅުންތެރިންގެ އިހުސާސްތައް ވެސް ތަފާތެވެ. މުބާރާތުގައި ދިވެހިންނަށް ހިނުތުންވުން ގެނެސްދޭނެ ފަދަ ނަތީޖާތަކެއް ނެރުމަށް އެ ކުޅުންތެރިން ގިނަ މަސައްކަތްތަކެއް، ގިނަ ފަރިތަކުރުންތަކެއް ކުރިއަށްގެންދިޔައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތަކުގައި ބައިވެރިވަމުންދިޔަ ދިވެހި ކުޅުންތެރިޔާ އަހުސަން ހާޝިމް، މުބާރާތާ ގުޅޭގޮތުން "ވަން" އާ ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި ކުރިން ވީޑިއޯތަކުން ފެންނަ މޮޅެތި ކުޅުންތެރިންނާ ވާދަކޮށްލަން ލިބޭ ފުރުސަތަކީ ވަރަށް މުހިންމު ކުރިއެރުމަކަށް ވާނެއެވެ.
އަހުސަންގެ އިތުރުން މިއަދު ފަށާ މޯލްޑިވްސް އޯޕަންގައި ރާއްޖޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިން ވާދަކުރާނެއެވެ. އެ ހުރިހާ ކުޅުންތެރިންގެ ވެސް އަމާޒަކީ، ފުރުސަތުގެ ބޭނުން ހިފައި، ބިލިއާޑަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީ ހޯދައިދެވޭނެ ކުޅިވަރެއްކަން ސާބިތުކޮށްދިނުމެވެ.
މޯލްޑިވްސް އޯޕަން 2023