ނ. ކެނދިކުޅުދޫގައި ގާއިމުކުރާ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަނދު އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާއެވެ. ކެނދިކުޅުދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 4.4 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގެ ދަށުން މަޝްރޫއު ނިންމަން ދީފައިވަނީ 210 ދުވަހެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ، މިއީ މިހާތަނަށް އެ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާނެ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށެވެ. މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

ކެނދިކުޅުދޫގެ އިތުރުން އައްޑޫ ސިޓީ އާއި ގދ. ގައްދޫ އަދި މ. އަތޮޅުގައިވެސް ގޭދޮށު މަސްފެކްޓްރީ ތަރައްގީކުރުމުގެ މަޝްރޫއު ދަނީ ކުރިއަށެވެ.

ގޭދޮށު މަސް ފެކްޓްރީ މަޝްރޫއުގެ ބޭނުމަކީ މަސް ގަނެ ޕްރޮސެސްކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. އެ މަޝްރޫއުގެ ދަށުން މަސް ފިނިކުރުމާއި މަހުން ތަފާތު އިތުރު އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތުވެސް ފަހިކޮށްދޭނެއެވެ.