މިއަހަރުގެ ފިތުރު އީދު ކުޑަގިރީގައި ފާހަގަކުރަން އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން އިއްޔެ ބުނީ ކުޑަގިރީގައި އީދު ފާހަގަކުރަނީ "ކުޑަގިރި އީދު ފެސްޓު" ނަމުގައި ކަމަށެވެ. ކުޑަގިރީގައި އީދު ފާހަގަކުރުމަށް ބާއްވާ އެ ފެސްޓުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

އީދު ފާހަގަކުރުން ކުރިއަށް ގެންދާނީ އީދުގެ ފުރަތަމަ ދުވަހުގެ ހެނދުނުން ފަށައިގެން ރޭނގަޑާ ހަމައަށް ކަމަށެވެ. އީދުގެ ފުރަތަމަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން އިރުއޮއްސި 7:30 ވަންދެން ކުޑަގިރިއަށް ހިލޭ ދެވޭނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ އެ ވަގުތުތަކުގައި ކުޑަގިރީގައި އުޅޭ ފަރާތްތަކަށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބަހައްޓާފައި ހުންނާނެ ކަމަށެވެ.

އާބަންކޯއިން ބުނީ އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ކުލަ ޖެހުމާއި ކްރޮސްނެޓް ވޮލީ ބޯޅަ، ކުޑަކުދިންގެ ކައިޓް ސެޝަން، ރޮބޯމޭންގެ ހަރަކާތްތައް، ބޮޑުމަސް، ކޯޑި ކެނޑުން އަދި މާލި ހަރަކާތުގެ އިތުރުން ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުން ކަމަށާއި އެ ގާލާގައި ބައިވެރިވެވޭނީ 159 ރުފިޔާ ދެއްކުމުން ކަމަށް އާބަންކޯއިން ބުންޏެވެ. ގަލާ ނައިޓުގެ ތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނޭ ކަމަށެވެ.

އާބަންކޯއިން ބުނީ ކުޑަގިރި ހުޅުވިތާ މިހާރު ދެމަސް ދުވަސްވެފައިވާ އިރު އެރަށަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް ގަލާނައިޓުގައި އޮންނާނެ ކަމަށެވެ.