ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވައި، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށްބުނެ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު އެގޮތަށް ވިދާޅުވީ ރިސޯޓު މެނޭޖަރުކަމާއި އެޗްއާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކެއް ކަމަށް ކަނޑައެޅުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރު ހުށަހެޅުއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.
އެ ގަރާރަށް ވާހަކަ ފައްޓަވަމުން ޖާބިރު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުން ރައީސް އިބްރާހިމް ސޯލިހުގެ ނަމުގައި ރަނގަޅު ފާހަގަޖަހަން އެދޭ ކަމަށެވެ. އަދި އެ ގަރާރަކީ ރައީސްއާ މަޝްވަރާ ކުރެއްވުމަށްފަހު ހުށަހެޅުއްވި ގަރާރެއް ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރުގެ އެ ވާހަކަތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ރައީސް ސޯލިހަށް ހުތުރު ބަހުން މުހާތަބު ކުރެއްވުމަށްފަހު، މަޖިލީހުގައި އެމަނިކުފާނަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާތީ ބައެއް މެމްބަރުން ސުވާލު އުފެއްދެވިއެވެ.
އެ މެމްބަރުން އުފެއްދެވި ސުވާލާ ގުޅިގެން ޖާބިރު ވިދާޅުވީ، ދުނިޔެ ހިގާނީ ބާރަށް ވައްކޮށް ކަމަށެވެ. އަދި އޯޑިއޯއަކުން ދައްކާނެ ވާހަކަ ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު ވިދާޅުވީ، "އޯޑިއޯ ހަދައިގެން މީހުން ޖަހަމުންދަނީ މަދަކުންނެއް ނޫން، އެއީ މިހާރު ރާއްޖޭގައި ވަރަށް ޒަމާނުއްސުރެން ކުރަމުން އަންނަ ކަންކަން. އެކި މީހުންގެ ނަންނަމުގައި އޯޑިއޯ ހެދުން، އެކި ފޮޓޯތައް ދެއްކުން، އެކި ވާހަކަތައް ދެއްކުން،" ކަމަށެވެ.
މީގެ ކުރިން ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެ ބައެއް ފަހަރު ވާހަކަ ދެއްކެވި ނަމަވެސް މިހާރު ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައެވެ
ޚަބަރު
ޚަބަރު
ޚަބަރު