ދުނިޔޭގެ އެންމެ މަސްހޫރު އެއް ސޯޝަލް މީޑިއާ ކުންފުނި، ޓްވިޓާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ވަނީ ގަނެފައެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ އެލޮން މަސްކު މި އެކުންފުނި ގަތީ އެތަކެއް މައްސަލަ ތަކުގެ ތެރޭގައި އުޅުމަށްފަހުއެވެ. ކޯޓަށް ވެސް މައްސަލަ ވެއްދި، މި ވިޔަފާރީގެ މުއާމަލާތް ނިމިގެން ޓުވިޓާ ހިންގުމާ އެލޮން މަސްކު ހަވާލުވުމާ އެކު ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީ ޓުވިޓާއަށް ފައިދާވާނެ މޮޑެލްއަކަށް މުޅި ތަން ބަދަލުވާނެ ކަަމަށެވެ.

އެހެން ނަމަވެސް އެލޮން މަސްކަށް ޓުވިޓާ ހިންގުން ވެގެން ދިޔައީ "ވޭންހުރި" ކަމަށެވެ. ކުންފުނީގެ ވެރިޔާ ދުނިޔޭގެ އެންމެ މުއްސަނދި އެއް ބިލިއަނަރު އެލޮން މަސްކް ބީބީސީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ ކުންފުނި ގަންނަން ރަނގަޅު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ ވިއްކާލަން ވިސްނަމުންދާ މަކަށެވެ. ޓްވިޓާގެ މައި އޮފީހުގައި ހުރެ ބީބީސީއަށް ދިން އިންޓަވިއުގައި މަސްކް ވަނީ ޓްވިޓާގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފައެވެ.

ޓުވިޓާއާ ބެހޭ ގޮތުން ދެކެވޭ ދޮގު ވާހަކަ ތަކާއި މައުލޫމާތު ފެތުރުމުގައި ހުރި މައްސަލަތަކާއި ޓުވިޓާގެ މަސައްކަތުގެ މާހައުލާއި ކުރީގެ އާދަތަކާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކައިފައެވެ.

ޓެސްލާ ކުންފުނީގެ ބެޓެރީ ކާރު (އިލެކްޓްރިކް ކާރު) އުފައްދައިގެން މަޝްހޫރުކަމާއި މުއްސަންދިކަން ހޯދި މި ވަގުތު ދުނިޔޭގައި ދެވަނައަށް ހުރި އެންމެ މުއްސަނދި ވިޔަފާރިވެރިޔާއަކީ މިހާރު ޓެސްލާ ކާރުގެ އިތުރުން ޖައްވަށް ރޮކެޓު ފޮނުވާ ކުންފުނި ސްޕޭސް އެކްސްގެ ވެރިޔާވެސް މެއެވެ.

ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް އިންޓަނެޓް ފޯރު ކޮށްދިނުމުގެ މަގުސަދުގައި ހިންގާ ސުޓާލިންކު ކުންފުނީގެ އިތުރުންވެސް ގިނަ ވިޔަފާރިތަކެއް ކުރަމުންދާ އެލޮން މަސްކުގެ އުންމީދުތަކާ ހިލާފަށް ޓުވިޓާގެ ވިޔަފާރި ފުޅާ ކުރުމުގައި ދިމާވި ގޮންޖެހުންތަކާ އެކު މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ ޓުވިޓާއަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ކުންފުނި ހިންގުމަށް ދިމާވާ ގޮންޖެހުންތަކަަށް ހައްލެއް ހޯދުމެވެ. އެތައް ހާސްވަޒީފާއެއް މަދު ކުރިނަމަވެސް ޓުވިޓާއަށް ލިބޭ ގެއްލުން ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ޓުވިޓާގެ އޮފީސްތައްވެސް ބަނދު ކުރަމުންދާ އިރު، އިންޑިޔާގައި ހުރި ޓުވިޓާގެ އޮފީހެއްވެސް ބަނދުކުރިއެވެ. އެހެން ކަމުން އެލޮން މަސްކްގެ ވިސްނުން ބަދަލުވެ، ޓްވިޓާ ހިންގުމުން ދުރަށް ދިއުމަކީ ވަރަށްވެސް ކައިރި ކަމެކެވެ.

ޓުވިޓާގެ މަސްހޫރު ނޫ ބެޖް އާންމުކޮން މިހާރު ވިއްކަމުންދާ އިރު، އެ ބަދަލާ އެކު ކުންފުނީގެ ވިޔަފާރި ރަނގަޅު މިސްރާބަކަށް ދާނެ ކަމަށް ކުރި އުއްމީދު މިވަނީ ގެއްލިފައެވެ. އެހެން ކަމުން އެލޮން މަސްކް އަކީ ވިޔަފާރީގައި ކިތަންމެ ކާމިޔާބު މީހެއް ނަމަވެސް ސޯސަލް މީޑިއާ ނެޓްވޯކެއް ވިޔަފާރީގެ އުސޫލުން ހިންގުމުގައި އޭނާ މިވަނީ ފެއިލްވެފައެވެ.