ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ޖަލަށް ލެވޭގޮތަށް ސުޕްރީމް ކޯޓުން ގަވާއިދު ހަދައި މިއަދު އާއްމުކޮށްފިއެވެ.

މިއަހަރު އަމަލުކުރަން ފެށި ހެއްކާބެހޭ އެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދައި މިއަދު އާއްމު ކުރި، ހެއްކާބެހޭ ގަވާއިދުގައިވާ ގޮތުން ޝަރީއަތަށް ހުށަހަޅާ ހެކިން، ކޯޓުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ޝަރީއަތަށް ހާޒިރު ކުރުމަށް، ކޯޓަށް އެންގިދާނެއެވެ.

ހެކި ހުށަހެޅި ފަރާތުން މަސައްކަތްކޮށްގެން ހެކިބަސްދޭ މީހާ ހާޒިރު ނުވެއްޖެނަމަ، އެމީހާ ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތުންވެސް ހާޒިރު ނުވެއްޖެނަމަ ހެކިބަސްދޭ މީހާ ހާޒިރުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އަމުރުގައިވާގޮތަށް އެމީހާ ހެކިބަސް ދޭން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ބަންދުގައި ބަހައްޓައިގެން ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރުކުރުމުގެ ބާރުވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ހެކިބަސްދޭން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް އުޅޭ އެޑްރެހެއް ނޭނގުމުގެ ސަބަބުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވިއްޖެނަމަ، ނުވަތަ އެ ފަރާތަކީ ކޯޓަށް ފިލައިގެން އުޅޭ ފަރާތެއްކަމަށް ގަބޫލު ކުރެވިއްޖެނަމަ، މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް އެފަރާތެއް ހޯދުމަށް އިއުލާންކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެެ.

ހެކިބަސްދޭ މީހާ، ކޯޓަށް ހާޒިރުވާ މީހާ، ނުވަތަ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރާ މީހާއާ، ދާއިރާގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބުދޭން އިންކާރުކުރާނަމަ، ނުވަތަ އެއްވެސް ޖަވާބެއް ނުދީފިނަމަ، ސުވާލަށް ޖަވާބުދޭން އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށާއި، އެގޮތަށް އަންގާ އެންގުމަށް ހެކިބަސްދޭ މީހާ އަމަލު ނުކޮށްފިނަމަ، އޭނާ އެކުރީ ޝަރީއަތުގެ ނިޒާމާ ހިލާފު އަމަލެއް ކަމަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެެ.

އެގޮތަށް ޝަރީއަތުގެ ނިޒާމާ ހިލާފުވާ އަމަލެއް ހިންގައިފި މީހަކަށް ތިންމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުމުގެ އަދަބެއް ކަނޑައެޅޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.