ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 300 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 332 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިން ބޮއީސް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މިހާރު ހުރި އެއްގަމުތޮށީގެ 154 މީޓަރުގެ ސަރަހައްދެއް މަރާމާތު ކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 120 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 5252.30 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމުގެ އިތުރުން 537.62 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.08 މިލިއަން ރުފިޔާއަށް 570 ދުވަސް ތެރޭ ނިންމުމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.