ވެރިކަމަށް ވަޑައިގެން ގެންގުޅުއްވާނީ ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހީމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން" ގާސިމް ރޭ ދަންވަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރައީސް ނާސިރާއި ރައީސް މައުމޫންގެ ޒައާމަތުގައި ގެންގުޅުއްވީ، ހުރިހައި ގައުމަކާވެސް ގުޅިގެން ކުރިއަށް ދިއުމުގެ ހާރިޖީ ސިޔާސަތެވެ.
ގާސިމް ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރެއްވުމަށް ނިންމަވައިފައެވެ. އެގޮތުން މިއީ އޭނާ ވާދަކުރައްވަން ނިންމެވިފަހުން، ވެރިކަމުގެ ސިޔާސަތަކާ ގުޅޭ ގޮތުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
ހާރިޖީ ސިޔާސަތުގެ ބަހުސް ގަދަވާން ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާއާއި ހުޅަނގުގެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެގެން ގޮސްފައިވެއެވެ. އަދި ޗައިނާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ އަރިސް ގައުމެއްގެ ގޮތުގައި ގެންގުޅުއްވީ ޗައިނާއެވެ. އެކަމުގެ ސަބަބުން އިންޑިއާއާއި ހުޅަނގުގެ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވެގެންދިޔައެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ފަހު މިއަދު އަނެއްކާވެސް ފެނިގެން މިދަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ހާރިޖީ ސިޔާސަތުތަކެވެ. އެގޮތުން މި ސަރުކާރުންވެސް ފެނިގެންދަނީ އިންޑިއާއަށް އިސްކަންދޭ ހާރިޖީ ސިޔާސަތެއް ގެންގުޅޭ މަންޒަރެވެ. އެކަމާ ގުޅިގެން ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު