ތިއާގެ ގައިގައި މާޝިތާ ބައްދާލިއެވެ. ނިތްކުރީގައި ބޮސްދިނެވެ. ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ދެންނެވިއެވެ. އާމިރުގެ ލޮލުންވެސް ކަރުނަ ފާއްދާލާފައިވިއެވެ. އެއީ އޭނާވެސް ހާދަ ދެކެން ބޭނުންވި ދުވަހެކެވެ. ތިއާގެ ބޮލުގައި އާމިރު ފިރުމާލިއެވެ. ހެޔޮ ދުއާ ކުރިއެވެ. ނަޒާން ތިއާއަށް މަރުހަބާ ކިއެވެ. އިސާހިތަކު މުޅި ގޭތެރެއަށް އުފާވެރިކަމުގެ ވާރޭ ވެހެން ފެށި ކަހަލައެވެ. މުޅި ގޭތެރޭގެ މާހައުލު ބަދަލުކޮށްލައިފިއެވެ.
*****
ގެއިން ބޭރަށް ނުކުތީ މަންޝާއާއި ޝައިހާން އެކުގައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. މަންޝާ ނުކުތީ މައިންބަފައިންގެ ގެއަށް ދާށެވެ. ނުކުތުމުގެ ކުރިން ޝައިހާން ކައިރީގައި އޭނާ ބުންޏެވެ. ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ގެއަށް ދާއިރު އޭނާ ބޭނުންވީ ޝައިހާނު ގޮވައިގެން ދާށެވެ. ޝައިހާން ކައިރީގައި އެކުގައި ދާން ބުނީ އެހެންވެއެވެ.
"މަންމަ ނިދާލާ އެނގޭ" ގޭ ދޮރުމައްޗަށް ނުކުތް ސަމާހާއަށް މަންޝާ ބުންޏެވެ.
ސަމާހާ ހީލަމުން އެތެރެއަށް ވަނުމުން މަންޝާ ހިނގައިގަތެވެ. ޕާކުކޮށްފައި ހުރި ސައިކަލް ނަގައިގެން ޝައިހާން ކައިރިކުރީ އެވަގުތެވެ. މަންޝާ އަރާނެކަމަށް ހީކުރިއެވެ. އެހެންނަމަވެސް މަންޝާ އަޅައެއް ނުލިއެވެ.
"ބުނީމެއްނު ސޮރީ އޭ. އަރާބަލަ ފަހަތަށް" ޝައިހާން ބުންޏެވެ.
މަންޝާ ޖަވާބުނުދިނެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާފައި އޭނާ ޓެކްސީއަށް އެރިއެވެ. މިފަހަރުވެސް ޝައިހާން ހިތްހަމަނުޖެހުނެވެ. މަންޝާ ދިޔަ ޓެކްސީ ފަހަތުން މަޑުމަޑުން އޭނާ ދުއްވަމުން ދިޔައެވެ.
******
ކޮޓަރީގައި ތައްޔާރުވާން ހުރި ތިއާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެނދުގައި ނަވާލް އޮތެވެ. އާއިލާ މީހުންނަށް ރޭގަނޑުގެ ކެއުމެއް އޮތް ވާހަކަ ދިލްޝާދު ގުޅާފައި ބުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެހެންކަމުން ތިއާ ތައްޔާރުވަމުން ދިޔައީ އެގެއަށް ދިއުމަށެވެ.
"އަދިވެސް ހޮޑުލަވާތަ؟" ދަބަސް ހިފައިގެން އައިސް ހުއްޓުމުން ނަވާލް އެހިއެވެ. ތިއާ ދެފަރާތަށް ބޯހޫރާލިއެވެ.
"ޔަގީންތަ. ބޯއަނބުރަންޏާ އެތަނުގަ ތިއާ ބަހައްޓަން އަހަރެން ބޭނުމެއްނުވާނެ އިނގޭ. އިނގެއެއްނު ތިއާ އެނދުން ހިއްލާލަންވެސް ބޭނުންނުވާކަން"
ތިއާ ހީލިއެވެ. ދެމީހުން ދޭތެރޭގައި ހިނގައިދިޔަ ކުޑަ މައްސަލައަށްފަހު ކުރިއަށް ވުރެވެސް ނަވާލް ހެޔޮވެއްޖެއެވެ. އޮފީހުގައި އުޅޭއިރުވެސް ގަޑިއަކު އެއްފަހަރު ގުޅައެވެ.
"ރަނގަޅޭ. ކަމެއްވަންޏާ ބުނާނަމޭ. ތެންކިޔު އަހަރެންނަށް ތިހާ ކެއާ ކުރާތީވެ" ނަވާލްގެ އަތުގައި ބޮސްދެމުން ތިއާ ބުންޏެވެ.
ދެމަފިރިން ގެއިން ނުކުތުމުގެ ކުރިން މާޝިތާ ކައިރީގައި ބުންޏެވެ. ސޯފާގައި އޮތް ނަޒާނަށް ނަވާލް ގޮވައިލިއެވެ.
"ދޮންބެ ނުދަންތަ؟" ނަވާލް އެހިއެވެ.
"ދެކުދިން ގޮސްލާ. މިރޭ ދޮންބެ ގޭގަ އިންނަ ރެއެއް" ނަޒާން ބުންޏެވެ.
"ނާއްކޮ ދާނަމޭ ބުނީމަވެސް ނުލާތަ ދާން ތިއުޅެނީ" ބަދިގެއިން ދުވަމުން ކަހަލަ ގޮތަކަށް ނިކުތް ނާޔާ ބުންޏެވެ.
"އޭރުވެސް ބުނިން ގަޑިއަށް ތައްޔާރުވައްޗޭ" ގަޑިއަށް ބަލައިލާފައި ނަވާލް ބުންޏެވެ.
"އޯކޭވާނެ. ނަވާމެން ނައްޓާލާ. ދޮންބެ ދާނަން ނާއްކޮ ގޮވައިގެން"
ނަވާލާއި ތިއާ ގެއިން ނުކުތުމުން ނަވާލް ނާޔާއަށް ބަލައިލިއެވެ.
"މިގޭ މިސް ލޭޓް. ދެންވެސް ދޭ ތައްޔާރުވާން" ނަޒާން ބުންޏެވެ.
*********
މާޝިތާ ކޮޓަރިއަށް ވަންއިރު އާމިރު އިނީ އެނދުގައެވެ. އަތުގައި ހުރި ފެންތައްޓާއެކު ބޭސްގުޅަ ދިރުވާލާފައި ވަދެގެން އައިސް އޭނާގެ ކައިރީގައި އިށީން މާޝިތާއަށް ބަލައިލިއެވެ.
"ކުދިން ދިޔައީތަ؟" އާމިރު އެހިއެވެ.
"ނަވާލާއި ތިއާ ހިނގައްޖެ. ނަޒާން އެބައިން ނާޔާ ތައްޔާރުވަންދެން މަޑުކޮށްގެން" މާޝިތާ ބުންޏެވެ.
އާމިރު ތެދުވެގެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ލައިގެން ހުރި ގަމީސް ނިދަންލާ ޓީޝާޓަށް ބަދަލުކޮށްލާފައި އޭނާ އެނބުރި އައި އިރުވެސް މާޝިތާ އެއިން ގޮތަށް އިނެވެ. އަނބިމީހާގެ ސިކުނޑީގައި ކަންތައްގަނޑެއް ނޫޅެންޏާ އެހެން ނީންނާނެކަން އާމިރަށް އެނގުނެވެ. ފާހާނާއަށް ވަނުމުގެ ބަދަލުގައި އޭނާ އައިސް އިށީނީ މާޝިތާގެ ކައިރީގައެވެ.
"ކިހިނެއްވެފަ ތި އިންނަނީ؟" އާމިރު އެހިއެވެ.
"ވިސްނެނީ ނަޒާނާ މެދު" މާޝިތާ ބުންޏެވެ. އެހިނދު އާމިރު ހިމޭންވިއެވެ. ހުދު އޭނާއަށް ވެސް ނަޒާނާ މެދު ވިސްނެއެވެ.
"އަދިވެސް އެ ހުންނަނީ މަންޝާ ލިބޭނެ ދުވަހަކަށް. މީހަކާ އިންނަ ވާހަކަ އަހަރެން ފަށާއިރަށް އެކުއްޖާގެ އަނގައިން ނިކުންނަނީ މަންޝާގެ ނަން. އަހަރެން ބުނީމެއްނު އެއީ ބަލި ގަބޫލުކުރާނެ ކުއްޖެއް ނޫނޭ. އެކުއްޖާއަށް ޔަގީން ވާކަހަލަ ކޮންމެސް ދުވަހަކުން މަންޝާ ލިބޭނެކަން" މާޝިތާ ބުންޏެވެ.
"އެކަމަކު އިރާދަކުރެއްވީތީ އަތުން ފައިން ގޯހެއް ހަދާކަށް ނޫޅެއެއްނު. އެއީ ކިހާ ރަނގަޅު ކަމެއް. ކުޑައިރުގެ އެ ވިސްނުމެއް މިހާރަކު ނެތެއްނު. މިހާރު އެނގޭ ލިބެންދެކަށް މަޑުކުރަން. ނުދެއެއްނު އެ މަންޖެއަށް އުނދަގޫ ކުރާކަށްވެސް" އާމިރު ބުންޏެވެ.
"އަދި ނުދޭ. އެކަމަކު ހިތަށް އަރަނީ ކިހާ ދުވަހަކުބާއޭ އެހެން ހުންނާނީ. އަހަރެން ހުންނަނީ ނަޒާންގެ ސަބަބުން އަބަދު ހިތް ބިރުގަނެފަ. ބައެއްފަހަރު ހިތަށް އަރާ އެކުއްޖާ ދުނިޔެއިން މޮޔަ ނުވަނީސް އެކުއްޖާގެ ހިތްއެދޭ ބައިވެރިޔަކު ލިބޭނެބާއޭ" މާޝިތާ ބުންޏެވެ.
"މާޝި ތި ވިސްނަނީ މާ ގަދައަށް. އެހާވަރަށް ނުވިސްނަބަލަ. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ"
"ކުރިންވެސް އަހަރެން ހިތަށް އެރި އަހަރެންގެ ތިން ދަރީންގެ ތެރެއިން އެންމެ ހަމަޖެހޭ ދިރިއުޅުމެއް އުޅޭނީ ނަވާލޭ. އެހެން އެވީވެސް. ނަވާލް ހިޔާރުކުރީ ލޯބިވެގެން ކުރި ކައިވެންޏެއް ނޫން. އަލްހަމްދުލިއްލާހް. އަހަރެންގެ ނަވާލް އުޅެނީ ހާދަ ލޯބިންނޭ. އާމިރަށް އެނގޭތަ! ހުރިހާ ދަރީންނާ ނަޒާން ތަފާތުވާ ސަބަބެއް. ދެރަވެގެން ގޮސް ހިތްފަޅައިގެން ދިޔަޔަސް އަހަރެންގެ ނަޒާންގެ ތުންފަތްމަތިން ފެންނާނީ ހިނިތުންވުމެއް. އެއީ އަހަރެން ބިރުގަންނަ ސަބަބަކީ. ލޮލުން ކަރުނަ ބާލާފައި ރޯކަށް ނޭނގޭނެ. އެކަމަކު އެކުއްޖާގެ ދެލޯ ބުނެދޭނެ އެކުއްޖާގެ ހިތްހަލާކުވެފައިވާ މިންވަރު. ކަންބޮޑުވޭ އެކަން ދާއިމީ ބައްޔަކަށް ވެދާނެތީ" މާޝިތާ ވާހަކަދެއްކިއެވެ.
"ދަރިންނާ މެދު ބަފަޔަކަށް ވުރެ އަބަދުވެސް ކަންބޮޑުވާނީ މައިން. އެހެންވެ މާޝި ތިހާ ވަރަށް ތި ވިސްނަނީ. ތިހެން ނީނދެ ދޭބަލަ އެކުދިން ދިޔަ ތޯ ބަލައިލަން. ކުދިން ދިޔައިމަ ހިނގާ އަހަރެމެންވެސް ދުއްވާލަން ނިކުމެލަން. މި އަންނަނީ ފާހަނައަށް ވަދެލާފަ"
ކުރިން ނިދާލަން ހިތަށް އެރިޔަސް އާމިރުގެ ހިޔާލު ބަދަލުވިއެވެ. ވިސްނުންތަކުން ދުރުކޮށްދިނުމަށް އަނބިމީހާ ގޮވައިގެން ބޭރުގައި އުޅެލަން އޭނާ ނިންމިއެވެ.
********
ގޭ ދޮރުމައްޗަށް ޓެކްސީ ހުއްޓާލުމާއެކު ޑްރައިވަރަށް ފައިސާ ދީފައި މަންޝާ ޓެކްސީ އިން ފޭބިއެވެ. އެއީ ޝައިހާން ވެސް އަރައި ހަމަކުރި ވަގުތެވެ. ދޮރާ ދިމާލަށް ދިޔަ މަންޝާއާ ޝައިހާނަށް ހަމަކުރެވުނީ ކިރިޔާއެވެ.
"މަޑުކޮށްބަލަ. ހާދަ ފޮންޏެކޭ ތިވަނީ" ޝައިހާން މަންޝާގެ އަތުގައި ހިފަން އުޅުނެވެ. އެހިނދު ޝައިހާންގެ އަތް މަންޝާ ދުރަށް ފޮޅުވާލިއެވެ. އެ މަންޒަރު ފަހަތުގައި ތިބި ތިއާ އާއި ނަވާލަށް ފެނުނެވެ.
ގޭތެރެއަށް މަންޝާ ވަނުމާއެކު ސޯފާގައި އިން ދިލްޝާދު ތެދުވިއެވެ. މަންޝާ ދުވެފައި ގޮސް ދިލްޝާދުގެ ގައިގައި ބައްދައިގަތެވެ. ހިތްހަމަޖެހުނު ވަރުން މަންޝާއަށް ރޮވުނެވެ. އެ މަންޒަރު ބަލަހައްޓައިގެން ދޮރުމަތީގައި ޝައިހާން ހުއްޓެވެ. ޒަވީއަށް ޝައިހާން ފެނުނަސް ކައިރިއަށް ނުދިޔައެވެ. މަންޝާގެ ބޮލުގައި ފިރުމާލާފައި ޝައިހާނަށް އެތެރެއަށް ވަންނަން ބުނީ މިހާދެވެ. ޝައިހާން އައިސް ކައިރީގައި ހުއްޓުނެވެ. އެންމެންގެ ކުރިމަތީގައި ޝައިހާން މަންޝާގެ ބުރަކަށީގައި ފިރުމާލިއެވެ. އެންމެންގެ ކުރިމަތީގައި އޭނާއަކީ އޯގާތެރި ފިރިއެއްކަން ސާބިތިކޮށްދިނުމުގެ ގޮތުންނެވެ.
"ދަރިފުޅުމެން ރަނގަޅުތަ؟" މަންޝާ ދުރުކޮށްލާފައި ދިލްޝާދު ބުންޏެވެ. މަންޝާ ބޯޖަހާލިއެވެ. ދިލްޝާދުގެ ދެއަތުން މަންޝާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ. މަންޝާގެ ކޯތާފަތުގައި ދިލްޝާދު ބޮސްދިނެވެ. ބޮޑުވެގެން މީހަކާ އިނދެގެން ދިޔަޔަސް އެއީ އޭނާގެ ހަގު ދަރިފުޅެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާގެ ދެލޮލުގެ ނޫރެވެ. މަންޝާވެސް ދިލްޝާދުގެ އަތުގައި ބޮސްދިނެވެ. ދެމައިން އުޅުނުގޮތުން ޝައިހާން ހުރީ ހައިރާންވެފައެވެ. މަންޝާ، މިހާދު ކައިރިއަށް ޖެހުނެވެ. ލޯތްބާއެކު މިހާދުގެ ގައިގައިވެސް ބައްދައިލިއެވެ. ޒަވީ އާއި ޔަލާވެސް އޯގާތެރިކަމާއި ލޯތްބާއެކު މަންޝާއަށް މަރުހަބާ ކިއެވެ.
ދޮރުމަތީގައި ހުރި ތިއާ، މަންޝާއަށް ފެނުނީ ފަހުންނެވެ. އޭނާ ހަނދާންވީ ދިލްޝާދު ދެއްކި ވާހަކަތަކެވެ. އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް ތަފްސީލެއް މަންޝާއަށް ނޭނގެއެވެ. މަންޝާ މަޑުމަޑުން ތިއާ ކައިރިއަށް ދިޔައެވެ. ތިއާގެ އަތުގައި ހިފަހައްޓާލިއެވެ. ހުރިހާކަމެއް ރަނގަޅު ހެއްޔޭ އަހާލިއެވެ.
"އަހަރެންގެ ވާހަކަ ބާއްވާ. މަން ރަނގަޅުތަ؟" ތިއާ އެހެން އެހީ އޭނާއަށް ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. މަންޝާ ބޯޖަހާލިއެވެ. އޭނާގެ ދިރިއުޅުމުގެ ހަގީގަތް ހުރިހާ މީހުންނަށް ސިއްރުކުރަން އޭނާ މަސައްކަތްކުރިއެވެ. އެކަން އޭނާއަށް ކާމިޔާބުވަމުންވެސް ދިޔައެވެ.
"މަންމަ ބުނި ޒަރޫކް އެންޑް ޔޫ..."
"އެވާހަކަ ނުދައްކަމާ. ފަހުން ޓައިމެއް ދެކުދިން ހޯދާނީ ދޯ ވާހަކަދައްކަން. ވަރަށް ވާހަކަ އެބަހުރި. ހިނގާ އެތެރެއަށް"
ހުރިހާ ކުދީން ހަމަވުމުން ކާމޭޒު ކައިރިއަށް ދާ ވާހަކައެއް ނުދެއްކިއެވެ. މަންޝާ ހީކުރީ ރޭގަނޑުގެ ކެއުމަށް ދައުވަތުދިނީ މަންޝާއަށް އެކަނި ކަމަށެވެ. ނަވާލާއި ތިއާ އައުމުން އެމީހުންނަށްވެސް ދައުވަތު ދިންކަން އެނގުނެވެ.
"ކިހިނެއްވެފަ މިތިބެނީ. މަންމާ، އަޅުގަނޑު ވަރަށް ބަނޑުހައި" މަންޝާ ބުންޏެވެ.
"ހުރިހާ ފިރިހެންވެރީން ކެއީމައެއްނު ކެވޭނީ. އަނެއްކާ ދަރިފުޅު އެގޭގަ ކަނީ ޝައިހާނަށް ވުރެ ކުރީންތަ؟" ދިލްޝާދު އެހިއެވެ.
މަންޝާ މޫޑު ހަރާބުވާން އުޅުނެވެ. އެހެންމީހަކު ޝައިހާންގެ ނަން ކިޔާ އަޑުވެސް އަހަން އޭނާ ބޭނުމެއް ނުވެއެވެ. އެ ނަން ދެކެވެސް އޭނާ ފޫހިވެއްޖެއެވެ.
"މިތިބީ ހަމަވެފައެއްނު. ކީއްވެ މިތިބެނީ" މަންޝާ ބުންޏެވެ.
"ނަޒާން އަންނަންދެކަށް މިތިބީ" ޒަވީ ބުންޏެވެ.
ވަގުތުން މަންޝާގެ މޫނުމަތީގައިވި ހަމަޖެހުން ފިލައިގެން ދިޔައެވެ. ނަޒާންވެސް އެ ކުއުމުގައި ބައިވެރިވޭ ހެއްޔެވެ؟ ކުރިން އެހެންނެއް ހިތަށް ނާރައެވެ. މަންޝާގެ ހިތްތެޅެން ފެށިއެވެ. ނޭވާ އަވަސްވެސްވާން ފެށިއެވެ. އަނެއްކާވެސް ނަޒާންގެ ކުރިމައްޗަށް އަރަން ޖެހުނީއެވެ. ޝައިހާންވެސް އިންދައެވެ. ޠޮބީއަތަށް ބަދަލު އަންނަހެން ހީވުމުން މަންޝާ ތެދުވިއެވެ. ހިނގައިގަންނަން އުޅުމުން ދިލްޝާދު ސުވާލުކުރިއެވެ.
"ޓޮއިލެޓަށް މިދަނީ" މަންޝާ ބުންޏެވެ.
މަންޝާގެ ފަހަތުން ހިނގައިގަންނަން ތިއާ އުޅުނެވެ. އެހެންނަމަވެސް ޝައިހާނު، މަންޝާގެ ފަހަތުން ދާން ތެދުވުމުން ތިއާ ހުއްޓުނެވެ.
"ޝައިހާން އިނދޭ. މިއަންނަނީ" މަންޝާ ބުންޏެވެ.
ޝައިހާން އަލުން އިށީނެވެ. ތިއާ ހިނގައިގަތެވެ. ދެކުދީންގެ ކޮޓަރިއަށް ވަދެވުމާއެކު މަންޝާ ހަށީފުރާ ނޭވައެއް ލިއެވެ. އަމިއްލަ ކޮޓަރި ފެނުމުން މިނިވަންކަމެއް އިހުސާސްވިއެވެ. ފާހާނާއަށް ވަނުމުގެ ބަދަލުގައި އޭނާ އެނދުގައި އޮށޯތެވެ. ދެއަތް ފުޅާކޮށްމަށްފަހު ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. މަންޝާގެ ހަރަކާތްތަކަށް ބަލަމުން ތިއާ އައިސް އިށީނީ މަންޝާގެ މަގަތުންނެވެ.
"މަށަށް އޭރުވެސް އިނގޭ މަން އައީ ފާހާނާއަށް ނޫންކަން" ތިއާ ބުންޏެވެ.
"ދެން ކޮންކަމެއް ތިއާ އަށް އެނގެނީ" މަންޝާ ބުންޏެވެ.
"ނޭނގެ. ކިޔައިދޭންވީނުން" ތިއާ ބުންޏެވެ.
"އެންމެންގެ ތެރޭގައި އިނީމަ ހާސްވީ. ބޭނުންވީ ކުޑަ މިނިވަންކަމެއް" މަންޝާ ބުންޏެވެ.
"ތިއީ ދޮގެއް" ތިއާ ބުންޏެވެ. މަންޝާ ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ.
"ނޫން. ކީއްވެ ދޮގު ހަދަންވީ. އެހެންނޫނަސް އަހަރެންގެ ލައިފްގައި ތިއާ އަށް ނޭނގޭކަމެއް ނުހިނގާ" މަންޝާ ބުންޏެވެ.
"އޯކޭ. ވަރަށް ހެޕީ ނިއުސްއެއް ދެންތަ؟ އަހަރެން ޕްރެގް. ތްރީ މަންތްސް" ތިއާ ބުންޏެވެ.
މަންޝާގެ ދެތުންފަތް ދެފަރާތަށް ދެމިލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ހިނިތުންވުމަކާއެކު ތިއާއަށް ބަލައިލިއެވެ. ތިއާގެ ބަނޑުގައި މަންޝާ އަތް ޖައްސާލިއެވެ. ތިއާގެ ގައިގައި ބައްދާލާފައި މަރުހަބާ ކިއެވެ.
"ޔޫ އާ ވެރީ ލަކީ ތިއާ" މަންޝާ ބުންޏެވެ.
"މަން ކޮންއިރަކުން މިކަހަލަ ހަބަރެއް އެންމެންނަށް ދޭނީ" ތިއާ ބުންޏެވެ.
މަންޝާ އިސްޖަހާލިއެވެ. އިންތިހާއަށް ހިތަށް އަސަރުކޮށްލައިފިއެވެ. ކައިވެނީގެ ކުރިންވެސް އޭނާއަކީ އެއްވެސް މާބުރެއް ބީހިފައިނުވާ ތާޒާ މަލެކެވެ. ކައިވެންޏަށްފަހުވެސް އެކަން ބަދަލެއް ނުވިއެވެ. ހިތް އެދެނީ އެންމެ ޒުވާނަކަށެވެ. އެއީ އޭނާގެ ނުލަފާ ފިރިމީހާއެއް ނޫނެވެ. މާދުރުގައި ހުރި މީހެކެވެ. ދުވަހަކުވެސް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ކުރިން ބޮލު ރިހުމެކެވެ. މިހާރު އޭނާގެ ހިތުގެ ފަރުވާއެވެ. އެހުރިހާ ވާހަކައެއް ތިއާއަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟
"އޭތް... ކިހިނެއްވީ؟ އަހަރެން އެހެން އެހީމަ ދެރަވީތަ؟ ޔޫ ހެޕީތަ އަނެއްކާ" ތިއާ އެހިއެވެ.
"އަދި ނުވެއެއްނު ބަނޑުބޮޑުވާކަށް. އަދި މިވީ އެންމެ މަހެއް. ތިއާ ދެން ދޭ. އެހެންނޫނީ ދެމީހުން ހޯދަމުން މަންމަ އައިސްދާނެ" މަންޝާ ބުންޏެވެ.
"ހިނގާ ދާން. މިހާރު ދޮންބެވެސް އައިސްދާނެ" ތިއާ ބުންޏެވެ.
"ނޫން. އަހަރެން ފަހުން ދާނީ. ނަ... ނަޒާން ކައިގެން ދިޔައީމަ" މަންޝާ ބުންޏެވެ.
"އައްދެ... ދޮންބެ ނޫޅެއޭ މިހާރު މަންއަކާ ހެދި. ޑޯންޓް ވޮރީ. ހިނގާ ދާން"
ތިއާގެ ފަހަތުން މަންޝާ ހިނގައިގަތެވެ. ތިއާ އެބުނީ ތެދެއްކަން މަންޝާއަށް އެނގެއެވެ. ނަޒާންގެ ހިތުގައި މަންޝާއާ މެދު ހިތުގައި އުފެދުނީ ލޯތްބެއް ނޫނެވެ. ޝައުގުވެރިކަމެކެވެ. އެއީ އެއްވެސް ދެގޮތެއް ނުވާ ސާފު ލޯތްބެއްނަމަ އެހާ އަވަހަށް ހިތުން ފިލައިގެނެއް ނުދާނެއެވެ. އެހާ އަވަހަށް ބަދަލެއް ނުވާނެއެވެ. ކޮންމެވެސް ގޮތަކުން ހަބަރު ބެލީހެވެ. ވާހަކަދެއްކީހެވެ. އިންތިޒާރުވެސް ކުރީހެވެ.
*****
ޝައިހާނަށް ނަޒާން ފެނުމާއެކު ހީވީ ބިރެއް ފެނުނު ހެންނެވެ. ނަޒާން ފެންނައިރަށް ޝައިހާނަށް އެއީ ކާކުކަން އެނގިއްޖެއެވެ. އެއީ އެމީހަކާ މެދު އޭނާ މާރާމާރީ ހިންގި ކޮޕޭ ހިތަށް އެރުމުން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.
"ބޮސް. ކިހިނެއްތަ؟" ނަޒާން ބަލަން ފެށުމުން އެންމެފަހުން ޝައިހާން ބުންޏެވެ. ނަޒާން ބަހެއް ނުބުންޏެވެ. ހިތްހަމަނުޖެހުން އެކުލެވިގެންވި ނަޒަރަކުން ޝައިހާނަށް ބަލައި ލަދުގަންނަވާލިއެވެ.
"އަހަރެން އެ މައްސަލަ ދޫކޮށެއްނުލަން. ދައުވާކުރާނަން. ކަލެއަށް ހައްގު އަދަބު ލިބޭނެ" ނަޒާން ބުންޏެވެ.
އޭނާ އެހެން ބުނީ ޝައިހާނަށް އެކަނި އިވޭ ވަރަށެވެ. މޭޒުގެ ދެފަރާތުން ހުރިހާ ފިރިހެނުން އިށީނުމުން ނަޒާންގެ ދެލޯ ދެފަރާތް ވަށައިގެން ހޯދާލިއެވެ. އޭނާގެ ދެލޮލުގެ ފަރުވާ ވީ ކޮންތާކު ހެއްޔެވެ؟ އެ މޫނު ދައްކާލާނީ ކޮންއިރަކުން ހެއްޔެވެ؟ ވާހަކަދައްކާލާ ހާލުއަހާލަން ވަގުތުކޮޅެއް ލިބޭނެ ހެއްޔެވެ؟ ދެން ނަޒާން ބަލައިލީ އޭނާއާ ދިމާލަށް އިން ޝައިހާނަށެވެ. ކުރީގެ ޕާޓޭގެ ގޮތްގަނޑު ޝައިހާނުގެ މޫނުމަތީގައި ނެތީ ބޯއިސްތަށިގަނޑު ނެތުމުންނާއި ތުނބުޅި މަތިމަސް ނެތުމުންނެވެ. ކިތަންމެ ސޯލިހުވާން އުޅުނަސް އޭނާ ވާނީ ހަމަ އޭނައަށެވެ. ޝައިހާނާ މެދު ހިތުގައި ހަސަދަވެރިކަމެއް އުފެދުނެވެ. ހިތަށް އަރަން ފެށި އެއްޗެހިތަކުން ހިތަށް އުނދަގުވާން ފެށިއެވެ. މަންޝާއާއެކު ޝައިހާން ހޭދަކުރާނެ ލޯބި ވަގުތުތައް ހިތަށް އެރުމުން ހިތަށް ތަދުވިއެވެ. އެހިނދު ނަޒާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިލިއެވެ.
ދިމާލަށް އިން ނަޒާން ފެނި އެ ދިމާލަށް ދިޔަ މަންޝާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ފެންތަށީގައި އަނގަޖެހި ގޮތަށް ނަޒާންވެސް އިނީ މަންޝާއަށް ބަލަހައްޓައިގެންނެވެ. އަދިވެސް އެ ރީތިކަމެވެ. އެއްވެސް ބަދަލެއް ނާދެއެވެ. މޫނުމަތިން ހިތްހަމަޖެހުމެއް ނުފެނުނީތީ ނަޒާންގެ ހިތުގައި ސުވާލު އުފެދުނެވެ. ފެންތަށި ބަހައްޓާފައި ނަޒާން މަންޝާއަށް ހިނިތުންވުމެއް ދިނެވެ. ޔަލާ ކައިރީގައި މަންޝާ ހުއްޓުނުއިރުވެސް ނަޒާނަށް އެހެން ދިމާލަކަށް ނުބެލެއެވެ.
"މަންޝާ؟" މަންޝާ ތެޅިގަތެވެ. އެންމެންގެ ތެރޭގައި ނަޒާން ގޮވާލުމުންނެވެ. ހީވީ ހިތުގައި އުފެދިފައިވި ޒަހަމްތަކުގައި ނަޒާންގެ ދެއަތުން މަލަންކޮޅެއް އަޅައިދިންހެންނެވެ. ނަޒާން އެ ގޮވާލީ ކީއްވެގެން ހެއްޔެވެ؟ ބަލަން ނުބަލަން ހުރެފައިވެސް ނަޒާނަށް ބަލާލައިފައި މަންޝާ ހިނިތުންވެލިއެވެ. މަންޝާއާ މެދު ނަޒާންގެ ނިޔަތް ރަނގަޅު ނޫންހެން ޝައިހާނަށް ހީވިއެވެ. އޭނާ އަވަސްކޮށްލައިގެން ތެދުވެ މަންޝާ ކައިރިއަށް ޖެހުނެވެ.
"ހިނގާ ދާން" ޝައިހާން ބުންޏެވެ.
މަންޝާ ކަންބޮޑުވިއެވެ. އެންމެންގެ ތެރޭގައި ޝައިހާންގެ އެތެރޭގައިވި ޝައިތާނާ ހޭލާފާނެތީ ކަންބޮޑުވިއެވެ. އޭނާ ދާން އެއްބަސްވީ އެކަމަށް އޮތް ބިރެއްގެ ސަބަބުންނެވެ.
"އަދި ނުވެސްކަމެއްނު. ދަރިފުޅު ލަސްވަނީތަ؟ ތަނަކަށް ދާން އޮތީތަ؟" ދިލްޝާދު އެހިއެވެ. ޝައިހާނާ ވާހަކަދެއްކުމުގެ ބަދަލުގައި ދިލްޝާދު ވާހަކަދެއްކީ މަންޝާއާއެވެ.
"ޝައިހާން ދާންޖެހުނީއޭ ދޯ. ހިނގާ" މަންޝާ ހިނގައިގަތެވެ. "މި އަންނަނީ ޝައިހާން ފޮނުވާލާފަ"
ހިނގައިގަންނަމުން މަންޝާގެ އަތްތިލައިގެ ތެރެއަށް ޝައިހާން އަތްލައްވާލިތަން ފެނުމުން ނަޒާން ހިތަށް އުނދަގޫވިއެވެ. ފަހަރަކު މީހަކު މޭޒުކައިރިން ތެދުވަމުން ދިޔައެވެ. ޖޫސްތަށި ބޯލައިގެން ނަޒާން ތެދުވެގެން ބޮޑުކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ތިއާ ހޮޑުލަވާ ގޮތް ވާ ވާހަކަ ބުނުމުން ތިއާ ގޮވައިގެން ނަވާލް އެރީ މައްޗަށެވެ. ކައިގެން މަޑެއްނުވެ މިހާދު ވަނީ ފާހާނާއަށެވެ. ހުރިހާ އަންހެންވެރީން ކާން އިށީނެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ނަޒާން އައީ މަންޝާ ދިޔުމުގެ ކުރިން ފަހުފަހަރަށް ދެކިލުމަށެވެ. އެހެންނަމަވެސް ފެނުނު މަންޒަރަކުން އޭނާ ހުއްޓުން އެރިއެވެ. ގޭޓު ކައިރީގައި ހުރި މަންޝާ ވާހަކަދައްކަމުން ދިޔަގޮތުން ދެމީހުން އަރައިރުން ވަނީކަން ނަޒާނަށް އެނގުނެވެ. އެވާހަކަތައް އިވޭ ހިސާބުގައި ނަޒާން ހުރިކަމެއް އެއިން އެއްވެސް މީހަކަށް ނޭނގެއެވެ.
"އަހަރެން މިހާ ދުވަސްފަހުން މަންމަ ކައިރިއަށް އައިސްފައި ކާއެއްޗެއްވެސް ނުކައި ދާންވީތަ؟ އަހަރެން ކީއްކުރަން ޝައިހާން ކައިރީގައި މިވާހަކަ ދައްކަންވީ؟" މަންޝާ ބުންޏެވެ.
"މިހާ ފިރިހެނުން ގިނަ ތަނަކަށް އަހަރެންނަށް މަން އެކަނި ދޫކޮށެއްނުލެވޭނެ" ޝައިހާން ބުންޏެވެ.
"ކިހިނެއްވެގެން ތިއުޅެނީ؟ ކީއްވެގެންތަ އެންމެންގެ ކުރިމަތީގައި މާ މާތްވެގެން ތިއުޅެނީ. އަހަރެން ބުނީމެއްނު ކަލޭގެ ތިމުޑުދާރު ދެއަތުން އަހަރެންގެ ގައިގައި އަތްލައިގެން ނުވާނޭ. ނުދާނަން ކަލެއާ އެކުގައެއް. ދަންޏާ އެކަނި ދޭ. ކިހާބޮޑު ކަމެއް" މަންޝާ ހަޅޭއްލަވައިގަތެވެ.
"އޯކޭ... ސޮރީ... އަހަރެން އަންނާނަން އެގާރަ ޖަހާއިރު ބަލާ. އަހަރެން މިތާ ނުހުންނާނަން. މިތާ އެބައުޅޭ އަހަރެންނާ ޖައްސާލާފައި ހުންނަ ކޮޕުންގެ ގޮލައެއް. އެގާރަ ޖަހާއިރަށް ތައްޔާރުވައްޗޭ" ހިނގައިގަތުމުގެ ކުރިން މަންޝާގެ ނުރުހުމުގައި ޝައިހާން، މަންޝާގެ ކޯތާފަތުގައި ފިރުމާލިއެވެ. ސައިކަލަށް އަރައިގެން ޝައިހާން ދަންދެކަށް މަންޝާ ބަލަހައްޓައިގެން ހުރީ ހިތްހަމަނުޖެހިފައެވެ. ރުޅިއައިސްފައި ހުރިވަރުން މަންޝާގެ ދެލޮލުން ކަރުނަ ނީރާލާފައިވިއެވެ. ގެއަށް ވަންނަން އެނބުރުނު ވަގުތު މަންޝާ ސިހުނެވެ. ކުރިމަތީގައި ހުރީ ނަޒާނެވެ. ކުއްލިއަކަށް މެއަށް ވެގެން ދިޔައީ ފާޑެއްގެ ގޮތެކެވެ. ނަޒާން ބަލަހައްޓައިގެން ހުރިގޮތުން މަންޝާ ހާސްވިއެވެ. ބަހެއް ނުކިޔައި ދާން އުޅެނިކޮށް ނަޒާން ހިފީ މަންޝާގެ އަތުގައެވެ. އެއީ މިހާދު އެންމެފަހުން ގާތް ކާރު ބާއްވަން ހަދާފައިވާ ގަރާޖެވެ. މަންޝާ ގޮވައިގެން ގޮސް ނަޒާން މަޑުޖެހުނީ ކަޅު ކުލައިގެ ކާރު ފަހަތުގައެވެ. ކިތަންމެ އިރަކު އެތަނުގައި މީހަކު ހުއްޓަސް މީހަކަށް ނުފެންނާނެއެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ؟" މަންޝާ ބުންޏެވެ. ނަޒާން އުޅުނުގޮތުން އޭނާ ހިތް ބިރުގަނެއްޖެއެވެ.
މަންޝާގެ މޫނަށް ނަޒާން ބަލަމުން ދިޔައެވެ. ހީވާގޮތުން މަންޝާގެ ދެލޮލުން ކަމެއް ދެނެގަންނަން އޭނާ އުޅޭ ކަހަލައެވެ.
(ނުނިމޭ)