ހައިރައިޒްއާއި ފިލިޕީންސްގެ ރޯޔަލް އެވިއޭޝަން އެކެޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

ހައިރައިޒުން މިއަދު ބުނީ އެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގައި ކަމަށެވެ. އެ އިވެންޓުގައި ރޯޔަލް އެވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް މަދޫ ޕުލިޔަން ކަލަތް، ކުއަލިޓި ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑްއޮފް މާކެޓިންގް އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަދައްކަވަން ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

"ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ރޯޔަލް އެކެޑަމީގައި މިހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިން ހަދަމުންދާ ދަނޑިވަޅެއްގައި ރާއްޖެއަށް ޒިޔާރަތްކޮށް ދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހިންނާ ބައްދަލު ކޮށްލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ކެޕްޓަން މަދޫ ޕުލިޔަން ކަލަތް ވިދާޅުވިއެވެ.

މި އިވެންޓުގައި ބަިއވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލައިފައެވެ. ނަމަވެސް އޮންލައިންކޮށް ރަޖިސްޓާ ކުރާ މީހުންނަށް އިސްކަންދޭން ވަނީ ނިންމައިފައެވެ.

ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް އެންމެ މަގުބޫލުކަން ހޯދަމުން އަންނަ ރޯޔަލް އެވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓާ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކެޑަމީއެކެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީން ވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ، އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ.

އެ އެކެޑަމީގެ ފްލީޓުގައި 20 އަށްވުރެ ގިނަ އެއާކްރާފްޓް އޮވެއެވެ. އެ ހުރިހާ ބޯޓަކީވެސް މަލްޓި އިންޖީނު ބޯޓުތަކެވެ.