ގެއިން ނެރެ މަގުމަތިކޮށްލި ތިން މައިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަމްސް އެއިޑުން މީގެ ކުރިން ބުނެފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އެތައް އަހަރެއް ހޭދަކޮށްފައިވާ އަންހެނަކު، އޭނާގެ ފިރިމީހާ ކައިރިން ވަރިވުމަށްފަހުވެސް ވަކިން އުޅެވޭނެ އެހެން ގޮތެއް ނެތުމުން އުޅެމުން އައީ ފިރިމީހާގެ ގޭގައި ހުރި ކުޑަކޮޓަރިއެއްގައި ކަމަށެވެ. އެ ކޮޓަރިން ބައެއް ފަހަރު ހުންނަނީ ކަރަންޓު އަދި ފާހާނައިން ހުންނަނީ ފެން ކަނޑާލާފައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ހާލުގައި އުޅެމުން ދަނިކޮށް ފިރިމީހާ، އޭނާގެ ދެ ދަރިންނާއެކު އަންހެން މީހާ މިދިޔަ އާދީއްތަ ދުވަހު ގެއިން ނެރެލުމުން އެ ތިން މައިންނަށް އެހީތެރިކަން ފޯރުކޮށްދޭން މަމްސް އެއިޑުން ހުޅުވާލިއެވެ.

އެ ތިން މައިންނަށް އެހީވުމުގެ ފަންޑް ރެއިޒިންއެއް ކުރިއަށްގެންދިޔަ މަމްސް އެއިޑުން ރޭ ބުނެފައިވަނީ އެ ތިން މައިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް، އެ ތިން މައިން ކުއްލި ގޮތަކަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައި މި އާއިލާ ވަނީ ކުއްލިގޮތަކަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޖެންޑާއިން އާއިލާ ނެގުމުގެ އެންމެބޮޑު ބޭނުމަކީ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެއްގައި އާއިލާ ބައިވެރިކުރުމެވެ..،" މަމަސް އެއިޑުން ބުންޏެވެ.

މަމްސް އެއިޑުން ބުނީ އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑަށް 164،730 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ތިން މައިން ޖެންޑާއިން ނަގާފައިވަނީ އެ ފައިސާއިން އެ އާއިލާއަށް ބޭނުންވާ ހަރަދުތައްކޮށް ދިރިއުޅޭނެ ތަނެއް ހޯދައި، އާއިލާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

ޖެންޑާގެ ބެލުމުގެ ދަށުގައި އާއިލާ މިވަގުތު ތިބެ، ކުރިއަށްގެންދާ ޕްރޮގްރާމް ނިމުމުން އެ އާއިލާ އަނބުރާ މުޖުތަމައަށް ނުކުތުމަށްފަހު ދިރިއުޅޭނެ ތަނެއް، ސްކޫލް ހަރަދު، ކާބޯތަކެތި، ކައުންސެލިން އަދި އިތުރު އާމްދަނީއެއް އެ އާއިލާއަށް ލިބޭނެ މަގު ފަހިވަންދެން ފަންޑުން ލިބުނު ފައިސާ އެ އާއިލާއަށް ހަރަދުކުރަމުންދާނެ ކަމަށް މަމަސް އެއިޑުން ބުންޏެވެ.