ލައިލަތުލްގަދްރި ވިލޭރޭގެ ސަވާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މިހާރު ގުނަމުން މިދާ ދުވަސްތަކަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ކަމަށާއި އެއީ މަތިވެރި ރޭތަކެއް ކަމަށެވެ. އެގޮތުން ރަސޫލާ، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިހްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވި ކަމަށާއި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވައި ހިއްމަތް ކުރެއްވި ކަަމަށެވެ.
މިމަހުގެ ފަހު ދިހައިގެ ތެރޭގައި މާތްﷲ މަތިވެރިކުރައްވާ ގަދަރުވެރި ރެއެއްވާ ކަމަށް ނަބިއްޔާ ބަޔާންކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެ ރޭ ހޯދުމަށް، ފަހު ދިހައިގައި ގަދައަޅައި މަސައްކަތްކުރުމަށް ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ބުންޏެވެ. އެއީ ލައިލަތުލްގަދްރީގެ ނަމުން ނަންދެވިފައިވާ ބަރަކާތްތެރި ޝަރަފުވެރި ރޭ ކަމަށާއި އެރޭ ޝަރަފުވެރި ރެއަކަށްވީ، އެރޭގައި ކީރިތި ގުރުއާން ބާއްވަލައިލައްވާފައިވާތީ ކަމަށް ބުންޏެވެ.
މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން ތިމަސްރަސްކަލާނގެ އެ ޤުރުއާން ބާއްވައިލެއްވީ ލައިލަތުލްގަދްރި ވިލޭރޭގައެވެ"
ލައިލަތުލް ގަދްރިވިލޭރޭގެ މާތްކަން ބަޔާންކޮށްދެއްވަމުން މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ލައިލަތުލްގަދްރި ވިލޭރޭ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
ހުތުބާގައި ބުނީ ލައިލަތުލްގަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަށެވެ. އެެއީ 21، 23، 25, 27 އަދި 29 ވިލޭރޭން ރެެއެކެވެ.
ހުތުބާގައި އިތުރަށް ބުނީ ލައިލަތުލްގަދްރި ވިލޭރޭ އަޅުކަން ކުރުމަކީ 30،000 ރޭގައި އަޅުކަން ކުރުމަށްވުރެ ސަވާބު މަތިވެރި ކަމެއް ކަމަށެވެ. 30،000 ދުވަހަކީ 83 އަހަރާއި ހަތަރު މަސް ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު