އދ. ދިގުރަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް، އެ މަސައްކަތްކުރާ އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ދިގުރަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

ޖުމުލަ 50.2 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އެއީ 570 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއުކެވެ.

އެ މަޝްރޫޢުގެ ދަށުން 64,416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6,770 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 294 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 287 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 2324 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ޖެޓީއެއް ހެދުމާއި އޭޕްރަންއެއް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.