ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މަސައްކަތްތައް ގިނަވެ ކޮންޓްރެކްޓަރުންނަށް ނުކަތާވަރަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރި މަސައްކަތުން، ތާރީހުގައިވެސް ކުރެވިފައިނުވާ މިންވަރަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށާއި މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރު އެކަނިވެސް 50 ފުޓުބޯޅަ ދަނޑު ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އޮތް ގޮންޖެހުމަކީ މިނިސްޓްރީ އާއި، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ބާރު މިނުގައި ކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ނުނިމި ލަސްވުން ކަމަށެވެ. އެއީ ގިނަ ޕްރޮޖެކްޓްތައް ނަގައިގެން އެ ހުރިހާ ޕްރިޖެކްޓެއް ކުރިއަށްގެންދާނެ ކެޕޭސިޓީ އެ ކުންފުނުތަކުގައި ނެތުމުން ދިމާވާ މައްސަލަތަކެއް ކަމަށާއި، އެފަދަ ބައެއް މަޝްރޫއުތައް ކުންފުނިތަކުން ވަކިކޮށް ރަށު ކައުންސިލްތަކާ ހަވާލުކުރަމުނުްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު