މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.19 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާ އިން މިއަދު އާންމުކުރި "މަންތްލީ ރެވެނިއު ކަލެކްޝަން" ރިޕޯޓުގައިވާ ގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2 ޕަސަންޓް ދަށް އާމްދަނީއެކެވެ. ނަމަވެސް 2.19 ބިލިއަން ރުފިޔާއަކީ މިއަހަރުގެ މާޗު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު 6.4 ޕަސަންޓް އިތުރުވުމެއް ކަމަށް މީރާއިން ބުންޏެވެ.
މިދިޔަ މަހުގެ އާމްދަނީއަކީ މިދިޔަ އަހަރުގެ މާޗް މަހުގެ އާމްދަނީއަށްވުރެ ދަށް އަދަދެކެވެ. މީރާ އިން ބުނާގޮތުން، މިދިޔަ އަހަރުގެ މާޗުގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު، މިއަހަރުގެ މާޗު މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުގެ އާމްދަނީ ދަށްވުމެވެ.
މިއަހަރު މާޗު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލި، ޖީޖީއެސް.ޓީ، އެއަޕޯޓް ޑިވެލޮޕްމަންޓް ފީ، ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް، ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި އާމްދަނީ ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުމުން ކަމަށް މީރާއިން ބުންޏެވެ.
އޭގެ އިތުރުން މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އައިސްފައިވާތީ ފަތުރުވެރިންނާ ގުޅޭ އާމްދަނީތައް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
މިއަހަރު އެންމެ ދަށް އާމްދަނީއެއް ލިބިފައިވަނީ ފެބްރުއަރީ މަހުއެވެ. ފެބްރުއަރީ މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނީ 1.72 ބިލިއަން ރުފިޔާ އާއި 73.6 މިލިއަން ޑޮލަރެވެ. އެއީ މިއަހަރުގެ ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ 20.8 ޕަސެންޓް މަދު އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު