ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު 3.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ މާޗު މަހުގެ 29 އަދި 31 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އިނގިރޭސި ވިލާތުން ރާއްޖެ ގެނައި އެ ޕެކޭޖުތަކުގެ ތެރެއިން ފެނުނު ކޮސްމެޓިކްސް ތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތެއް ހުރުމުން އެތަކެތި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.
އެގޮތުން 29 ވަނަ ދުވަހު ޗެކް ކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުން އަދި 31 ވަނަ ދުވަހު ޗެކްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެފެޑްރޯން" އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު 1.8 ކިލޯ ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގު 3.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު