ދައުލަތުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މުލިއާގޭގައި ރޯދަވީއްލުމެއް ދެއްވައިފިއެވެ.

އެ ރޯދަ ވީއްލުމުގައި ފަސްޓްލޭޑީ ފަޒްހާ އަހުމަދާއި ރައީސްގެ ދަރިކަލުންނާއި ދަރިކަނބަލުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސްގެ ދެކަނބަލުން ދެއްވި ރޯދަ ވީއްލުމުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރައީސް ވަނީ ރޯދަ ވީއްލުމުގެ ކުރިން އެކުދިންނާއެކު މުލިއާގޭގައި ވަގުތުކޮޅެއް ހޭދަ ކުރައްވައިފައެވެ. އެގޮތުން ރައީސް ވަނީ ހިޔާގެ ކުދިންނާއެކު ރާޒުވާ ކުޅުއްވައިފައެވެ.

ރޯދަވީއްލުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބާއި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ މިދިޔަ އަހަރުވެސް ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ރޯދަ ވީއްލުމެއް ދެއްވައިފައެވެ.