Close
ޚަބަރު

ކުއްޖެއްގެ ހަރަދުތައް ދައުލަތަށް ދެއްކުމަށް އެ ކުއްޖާގެ ބައްޕައަށް ކޯޓުން ފުރަތަމަ ފަހަރަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

1

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ އެންމެހައި ހަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފިއެވެ.

މިއީ މިފަދަ އަމުރެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ. ފެމިލީ ކޯޓުން އެގޮތަށް އަމުރު ކޮށްފައި ވަނީ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި އެ ހަރަދުތައް ދައްކަންޖެހޭ ގޮތަށެވެ.

އެ ނިންމުން ކޯޓުން ނިންމާފައި ވަނީ، މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި ކުއްޖާގެ އާއިލާގެ ތެރޭގައި ކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތުމުން، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ފަދައިން، އެ ކުއްޖާ ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށާއި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، ކުއްޖާގެ އެންމެހައި ހަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި ކެއުމުގެ ހަރަދާއި ކުއްޖާ ބަހައްޓާފައިވާތަނުގެ ކަރަންޓް އަދި ފެނުގެ ހަރަދާއި ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެތަނުގައި މަސައްކަތް ކުރައްވާ ގުރުއާން މުދައްރިސުންގެ މުސާރައިން އެ ތަނުގައި މި ވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިއާޔަތް ކޮށްފައިވެއެވެ.

އަދި ކުއްޖާގެ އަންނައުނާއި އެހެނިހެން ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަކުރެވޭނެ މިންވަރަށާއި ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިއާޔަތްކޮށްފައިވެއެވެ.

އެގޮތުން ކުއްޖާގެ ހަރަދަށް، ކޮންމެ މަހަކު 16،219 ރުފިޔާ ކުއްޖާގެ ބައްޕަގެ ފަރާތުން، ދެއްކުމަށް ކޯޓުން ކަނޑައެޅި އިރު، އެ އަދަދު ކަނޑައެޅީ ބައްޕަގެވެސް ރުހުމާއެކުގައި ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ކުދިންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށް ވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ އެ ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުން ނަމަ، ކުއްޖާގެ މައިންބަފައިން ކުއްޖާގެ ހަރަދު، ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ހަވާލުކުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމުކޮށްފައިވެއެވެ.

އަދި މައިންބަފައިން އެ މީހުންގެ ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟