ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު ދިވެއްސަކު ތައިލެންޑުން ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެ މީހާ އިއްޔެ ހެނދުނު ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އަންނަންވެގެން އެ ގައުމުގެ މައި އެއާޕޯޓް، ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ.
އޭނާ ހުއްޓުވައި ލަގެޖު ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން ހިމާޔަތްކޮށްފައިވާ 25 ދޫންޏެއް ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ބްލެކް ހޯކް (ކަޅު ބާޒު) އާއި ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް އައުލް ފަދަ ދޫނިތައް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑް ލައިފް އެންޑް ޕްލާންޓް ކޮންޒަވޭޝަން (ޑީއެންޕީ) އިން ބުނެފައިވާ ގޮތުގައި އެ ދޫނިތަކުގެ އަގު 100،000 ބާތު (45،099 ރުފިޔާ) އަަށް އަރާނެއެވެ.
ޑީއެންޕީގެ ޑިރެކްޓަރަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި މައްސަލައިގައި ދިވެހި މީހާއާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސުވަރުނަބޫމީ އެއާޕޯޓް ޕޮލިހަށް ވަނީ ހެކި ހުށަހަޅައިފައެެވެ. އަދި އޭނާގެ ލަޖެގުން ފެނުނު ދޫނިތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު