ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު ކަނޑައެޅުމަކީ ދިފާއީ ވަޒީރުގެ ކަމެއް ނޫން ކަަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި މުޒާހަރާ ކުރި ބައިވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން ސައީދު ސުވާލުކުރެއްވީ، ރައީސް ދަތުރުކުރެއްވި މޮޓޯކޭޑް ހުއްޓުވާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ބެލެވޭތޯއާއި އާއްމުކޮށް ރޭގަނޑު މުޒާހަރާކުރާ މަގުތަކުން ރައީސްގެ މޮޓޯކޭޑް އެރޭ ދަތުރުކުރި ރޫޓު ނެގުމަކީ ގަސްތުގައި ސެކިއުރިޓީ ފޯސަސް ކުރިކަމެއްތޯއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންތައްތައް ދަންވާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު، ނިންމުން އެެއީ ދިފާއީ ވަޒީރެއް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ސުވާލެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިހާރު ބަލަމުންދާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން ބައެއް މީހުން ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ މީހުން ފަހުން ދޫކޮށްލައިފައެވެ. އަދި މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވަން ދިމާވި މައްސަލައާއި އެކަމުގައި ސަލާމަތީ ބާރުތަކުން ކަންތައް ކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) ކޮމިޓީން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ. އަދި ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގެއް ހިންގަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ވަނީ ނިންމައިފައެވެ.

  • ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި ގައުމީ ދިފާއީ ބާރުން ހިންގަން ބޭނުންވާ އިރުޝާދުތައް ދިނުން،
  • ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދިފާއީ ކަންކަމުގެ ސިޔާސަތު އަދި އިސްތިރާޖީ ކަނޑައެޅުން
  • ދިވެހި ރާއްޖޭގެ ގައުމީ ދިފާއިބާރު ހިންގުމަށް ބޭނުންވާ އިސްތިރާޖީ ލަފަ އާއި އިރުޝާދު ދިނުން
  • އެމްއެންޑީއެފް އަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ސަރުކާރުގެ ތެރެއިން މަސައްކަތްކުރުން
  • އެހެން އިދާރާތަކާއި ބޭރުގެ ފަޜާތްތަކާއެކު ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން
  • މީގެ އިތުރުން ދިފާއީ ވުޒާރާ އާއި އެވުޒާރާގެ ދަށުން ތަރުތީބު ކުރެވިފައިވާ މުއައްސަސާތައް ހިނގާ ނުހިނގާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްއާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން