ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި އިންޑިއާ އައުޓް ގޮވާ މީހުންނަށް އިހާނެތިކޮށް ކަން ކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުކުގެ ވަގުތުގައި ޝިޔާމު މާރިޔާއާ ސުވާލުކުރެއްވީ، ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ބޭނުންކޮށްގެން ރާއްޖޭގައި ބިދޭސީ ސިފައިން ތިބުމާ ދެކޮޅު ހަދާ ދިވެހިންނާމެދު އިހާނެތިކޮށް ކަންކުރުމަކީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމެއްތޯއާއި ސަލާމަތީ ބާރުތަކަށް ހިދުމަތްކުރައްވައި ޝަރަފުވެރި ކަމާއެކު ރިޓަޔާކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މައާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވަންތޯއާއި މާލޭގެ އެންމެ ބައިބޯ މަގުގައި ބޮމެއް ގޮއްވާލައި، އެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ މިނިސްޓަރު ފެއިލްވުންކަމަށް ގަބޫލުނުކުރައްވަންތޯއެވެ.
އެ ސުވާލާ ގުޅިގެން މާރިޔާ ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގައި ވަޒީރަކާ ސުވާލު ކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ބަޔާންކުރާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރެވޭނީ އެ ވަޒީރަކު ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމަމާމެދުގައި ކަމަށްވެސް ވިދާޅުވިއެވެ.
މާރިޔާ އެއަށްފަހު ވިދާޅުވެ ދެއްވީ، ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ރަސްމީގޮތުން ކުރައްވާ މަސައްކަތްތަކެވެ.
- ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި ގައުމީ ދިފާއީ ބާރުން ހިންގަން ބޭނުންވާ އިރުޝާދުތައް ދިނުން،
- ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދިފާއީ ކަންކަމުގެ ސިޔާސަތު އަދި އިސްތިރާޖީ ކަނޑައެޅުން
- ދިވެހި ރާއްޖޭގެ ގައުމީ ދިފާއިބާރު ހިންގުމަށް ބޭނުންވާ އިސްތިރާޖީ ލަފަ އާއި އިރުޝާދު ދިނުން
- އެމްއެންޑީއެފް އަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ސަރުކާރުގެ ތެރެއިން މަސައްކަތްކުރުން
- އެހެން އިދާރާތަކާއި ބޭރުގެ ފަޜާތްތަކާއެކު ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން
- މީގެ އިތުރުން ދިފާއީ ވުޒާރާ އާއި އެވުޒާރާގެ ދަށުން ތަރުތީބު ކުރެވިފައިވާ މުއައްސަސާތައް ހިނގާ ނުހިނގާ ގޮތާބެހޭގޮތުން ރައީސުލްޖުމްހޫރިއްއާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން
މާރިޔާ ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް އަދި ޓެކްޓިކަލް އެެއްވެސް އޮޕަރޭޝަނެއް ނުވަތަ ފަންކްޝަނަލް ހިންގުމަށް ސީދާ އޯޑަރުކުރުމާއި އެކަންކަން ބެލުމާއި އެފަދަ އަސްކަރީ އޮޕަރޭޝަނަލް ކަންކަން މިނިސްޓަރުގެ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ. ސިފައިންގެ ގާނޫނާ އެއްގޮތަށް އަސްކަރިއްޔާގެ ފޯސްތަކުގެ ކޮމާންޑަރަކީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން ދިފާއީ ވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑު އިއްޒަތްތެރި މެންބަރުގެ ސުވާލުގައި ދިޔަ ވިދާޅުވާފަދަ އެއްވެސް ކަމެއް ކޮށްފައެެއް ނުވާނެ، ވަޒީރަކު ކުރާ ނުވަތަ ހިންގާ އަމިއްލަ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވޭނީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ)ގައިވާ ގޮތުން، އެކަމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް ތުހުމަތު ކުރެވޭނަމަ ނުވަތަ އެކަމަކީ ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާ ފަދަ ކަމަކަށްވާނަަމަ،"
މިނިސްޓަރު ދެން ވިދާޅުވީ، ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއްވެސް ކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން ޝިޔާމުގެ ސުވާލަކީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ ސުވާލެއްކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވިއެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވެފައިވާ ކަމަށް ގަބޫލުކުރައްވަންތޯ ޝިޔާމު ކުރެއްވި ސުވާލާ ގުޅިގެން މާރިޔާ ވިދާޅުވީ އެކަން ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް، އެ ވަޒީރަކު ފެއިލިވީ ކަމަށް ގަބޫލުފުޅު ކުރެވިއްޖެ ނަމަ އެ ވަޒީރަކާ ދޭތެރޭ ފިޔަވަޅު އެޅުއްވުމަށް ގާނޫއަސާސީއާއި ގާނޫނުން މަޖިލިސް މެންބަރުންނަށް ފުރިހަމަ އިހުތިޔާރު ލިބިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު