ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ވިލިމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވިލިމާލޭ ބަގީގެ ހިދުމަތަކީ އެ އަވަށުގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ފެށުމެއް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުން، ފިތުރު އީދު ނިމެންދެން ބަގީ ދުއްވާ އާންމު ރޫޓުތަކުން ކުރާ ދަތުރުތަކަށް ފީއެއް ނުނަގާނެއެވެ. ފައިސާ ނަގާނީ ހަމައެކަނި ޕްރައިވެޓް ހަޔާ ދަތުރުތަކަށެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ހަތަރު ސީޓްގެ ބަގީއަކަށް ހަ ރުފިޔާ، ހަ ސީޓްގެ ބަގީއަކަށް ދިހަ ރުފިޔާ އަދި 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ ނަގާނެއެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓާވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ދިހަ ބަގީ ގެނެސްފައެވެ. އެ ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީއާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު