ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ކ. ލަންކަންފިނޮޅުގައި ހިންގަމުން އަންނަ ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި އދ. ނަލަގުރައިދޫގައި ހިންގަމުން އަންނަ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން ބަދަލުކޮށް ރީ ބްރޭންޑްކޮށްފި އެވެ.
'ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް'ގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނީގެ ނަން 'ވިލާ ރިސޯޓްސް' އަށް ބަދަލުކޮށްފައިވާއިރު ޕެރެޑައިސްގެ ނަން 'ވިލާ ނޮޓިކާ'އަށް އަދި ސަން އައިލެންޑްގެ ނަން ވަނީ 'ވިލާ ޕާކް' އަށް ބަދަލުކޮށްފަ އެވެ. އެ ކުންފުނިން މި ބަދަލުތައް ގެނައީ އިއްޔެ އެވެ.
ވިލާ ރިސޯޓްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހިންގާ ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ އަލުން ތަރައްގީކުރުމަށް ފަހު، 'ވިލާ ހޭވަން'ގެ ނަމުގައި މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވަން ވަނީ ނިންމައިފަ އެވެ. ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން 'ވިލާ ވިލެޖް' އަށް ބަދަލުކޮށް 2025 ވަނަ އަހަރު ހުޅުވަން ނިންމާފައިވާއިރު ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަލުން ތަރައްގީކުރުމަށް ފަހު 2027 ވަނަ އަހަރު ހުޅުވަން ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން ބުނީ ވިލާ ރިސޯޓްސްގެ މި ސަބް ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ސަބް ބްރޭންޑަށް ތަފާތު ލޯގޯ އަކާއި ހާއްސަ ކުލަތަކަކާއި މުއާސަލާތު ކުރުމުގެ ތަފާތު ސްޓައިލްތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި އޭގެ ސަބަބުން މިއިން ކޮންމެ ރިސޯޓަކުންވެސް އެ ރިސޯޓެއްގެ ބްރޭންޑުގެ އަމިއްލަ ސިފަތަކަކާއި ހާއްސަ ވަރުގަދަ ޝަހްސިއްޔަތެއް ދައްކުވައިދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު