އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު ވަކިކޮށްފިއެވެ.

ހާރޫން "ވަން" އަށް މިއަދު ވިދާޅުވީ އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކުރީ މިއަދު ކަމަށާއި މަގާމުން ވަކިކުރި ސަބަބެއް އެނގިފައިނުވާ ކަމަށެވެ.

"ސަރުކާރަށް އެނގޭނީ ކީއްވެގެން ވަކިކުރީ. އަޅުގަނޑަކަށް ނޭނގެ،" ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަންގެ ސަބްސިޑަރީއެއްގެ ގޮތުގައި އުފެއްދި ކުންފުންޏެކެވެ. އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރޫން އައްޔަންކުރީ 2020 ވަނަ އަހަރުއެވެ.

ހަރޫން މަގާމުން ވަކިކޮށްފައިމިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ. ހާރޫނަކީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅެކެވެ.

ހާރޫންގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން އަމްރު އަދި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ވަނީ ވަކިކޮށްފައެވެ. އެ ދެ ބޭފުޅުންނަކީވެސް ނަޝީދަށް ތާއިދުކުރައްވާ ދެ ބޭފުޅުންނެވެ.