ގިނަ ދުވަސްތަކެއް ވަންދެން ނުހެދި އޮތް އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑްވިސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު އެވެ. އެނގިފައިވާ ގޮތުގައި ސީއެންއީސީ އާ ހަވާލުކޮށްގެން މި މަޝްރޫއު ހިންގަނީ ޗައިނާގެ ބޭންކަކުން އެމްއެފްއެމްސީއަށް ނަގާފައިވާ 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ފައިނޭންސިން ފެސިލިޓީއެއްގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑޭގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކޮޓަރިތައް ހަދަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށް ކަމަށްވެސް ބުނެފައިވެއެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.