ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ މޯބައިލް ސިމް ކާޑުތައް ބުލޮކްކޮށް، މޯބައިލް ސިމް ނެގޭ އަދަދު ލިމިޓްކޮށް، ކޮންމެ މީހަކަށް ސިމް ކާޑު ނެގޭނެ ވަކި އަދަދެއް ކަނޑައެޅުމުގެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.
އެކި މީހުންގެ ނަމުގައި ނަގާފައިވާ ސިމް ކާޑުތައް ބޭނުންކޮށްގެން ކުރާ ސްކޭމްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުން ފޭރޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިލްޔާސް އަހުމަދު ވިދާޅުވީ އެކަކަށް ނެގޭ ސިމް ކާޑުގެ މިންވަރު ކަނޑައެޅުމުގެ މަސައްކަތް ލަސްވެގެން އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އެކެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާކަމުގެ މައުލޫމާތު މީގެކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމަށް ފުލުހުން ވަނީ ދީފައެވެ. ފުލުހުން ކޮމިޓީއާ ހިއްސާކުރި ރިޕޯޓެއްގައި ވަނީ ދެ ބިދޭސީންގެ ނަން މަތީ 24،000 ސިމް އަދި 12 ބިދޭސީއެއްގެ ނަންމަތީ ދިރާގުގެ 38،000 ސިމެއް ނަގާފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކެއްގެ ނަންމަތީ 800 އަށްވުރެ ގިނަ ސިމް ނަގާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގައި ނޫޅޭ ބިދޭސީން، ކޮންމެ މީހަކަށް އެވްރެޖުކޮށް 5،000 ސިމް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލްޔާސް ވިދާޅުވީ، އެކެއްގެ ނަމުގައި ނަގާފައިވާ ސިމްތައް ވެރިފައިކޮށް، އެ ފަރާތުގެ އައިޑެންޓިޓީ ވެރިފައި ކުރުމަށްފަހު ނަންބަރުތައް ކެނޑުމުގެ މަސައްކަތްވެސް މެއި މަހު ފަށާނެ ކަމަށެވެ. އެކަމަށް ތިން މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުގެ ތެރެއިން ސިމް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް އަންނަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށެވެ. އެ މަސައްކަތުގައި އޫރީދޫއާއި ދިރާގާއެކު ޓެސްޓް ކުރުންތަކެއް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު