ލޯފަން މީހުންނަށް އެހީތެރިއަކާ ނުލައި އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން ސަރުކާރުން ގާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށްޓަކައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ އިސްލާހުގައި ބުނަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭ ނަމަ، އެކަމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށެވެ.

އެ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ ޕްލާސްޓިކް ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް ކެނޑުމެއް ހިމެނެންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުން، ލޯފަން މީހާއަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އޭނާ ވޯޓުލާ ނިމެންދެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެއެވެ. އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ، އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ގޮވާލާފައި ވަނިކޮށެވެ. އެކަމަށްޓަކައި އެ އެސޯސިއޭޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާވެސް ބައްދަލުކޮށްފައެވެ.