ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއު ނުދެއްކީ ރައީސް އޮފީހުން އަންގައިގެން ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެއެވެ.
ރޭ 9:00 އެއާ ކުރުމަށް ހަމަޖައްސާފައިވާ އޮތް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެސްޓީއޯއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުގެ މައުލޫމާތު އަމްރު ދެއްވާނެ ކަމަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންވެސް ކުރިއެވެ. ނަމަވެސް އެ ގަޑީގައި ޕީއެސްއެމުން ދެއްކީ ކުރިން ރެކޯޑްކޮށްފައި އޮތް ވެމްކޯގެ އިންޓަވިއުއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އަމްރުގެ އެ އިންޓަވިއު ޕީއެސްއެމުން ނުދެއްކުމުން، ނަޝީދަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެންބަރުން ވަނީ އެއީ ރައީސް އޮފީހުން އަންގައިގެން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި ލީޑާޝިޕްގެ ބޭފުޅުންވެސް ތާއީދުކޮށް ޓުވީޓު ކުރެއްވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން ހާލިދު ވިދާޅުވީ، އަމްރުގެ ޕްރޮގްރާމް ނުދެއްކީ ރައީސް އޮފީހުން އަންގައިގެން ކަމަށް ދެކެވޭ ވާހަކަތަކަކީ ތެދެއް ނޫން ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަށް "ވަން" އިން ގުޅުމުން އޭނާވެސް ވަނީ އެކަން ދޮގުކުރައްވައިފައެވެ.
ޕީއެސްއެމްގެ ތަރުޖަމާނު ޒީކް މުހައްމަދު ރިޒާ "ވަން" އަށް މިއަދު ވިދާޅުވީ، އަމްރުގެ ޕްރޮގްރާމް ޕީއެސްއެމުން ނުދައްކަން ރައީސް އޮފީހުން އެއްވެސް އެންގުމެއް އަންގާފައިނުވާ ކަމަށާއި ޕީއެސްއެމުން މަސައްކަތް ކުރަމުން އަންނަނީ އެ ވަގުތަކު އެންމެ މުހިންމު ކަމަށް ފެންނަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
"އަދި ރެކޯޑް ކުރެވިފައިވާ ޕްރޮގްރާމްތައް ކުރިއަށް އޮތް މުސްތަގުބަލުގައި ޝެޑިއުލްކުރެވިގެން ގެނެސްދޭނެ،" ޒީކް ވިދާޅުވިއެވެ.
ނަމަވެސް ޕީއެސްއެމުން އަމްރުގެ ޕްރޮގްރާމް ރީ-ޝެޑިއުލް ކުރީ ކޮން ދުވަހަކަށް ކަމެއް ނޭނގެއެވެ.