Close
ލައިފް ސްޓައިލް

ރޯދަމަހަކީ ކުޅިވަރާއި މަޖަލާއި އިސްރާފުގެ މަހަކަށް ނުހަދާށެވެ!

ރޯދަމަހު ދަންވަރު ހޭލާ ތިބުމުގެ އާދަ ދިވެހިންގެ ތެރޭގައި އަންނަނީ އާންމުވަމުންނެވެ. ދަންވި ދަންވިހެން ފޯރިގަދަވަމުންދާ އެކިކަހަލަ ކުޅިވަރުތަކާއި މަޖާ ކުރުންތައް މާކުރިއްސުރެ އޮންނަނީ ރާވާ ނިމިފައެވެ. އެހެންވެ، ރޯދަމަސް ފެށުމާއެކު ދުވާލު ރޭގަނޑަށް ބަދަލުވެގެންދެއެވެ. އަޅުކަމުގައި މަޝްޢޫލުވެ ރޭއަޅުކަމަށް ހާއްސަވެގެންވާ މި ބަރަކާތްތެރި މަހުގެ ނަސީބު މިންވަރު ކުރެއްވިޔަތީ އެކަމާ އުފާކުރާ މީހުން ރޯދަމަހުގެ ދުވާލުގެ ބޭނުންވެސް ހިފަނީ އެކަން އޮންނަންޖެހޭ އުސޫލުންނެވެ. ނަމަވެސް ހިތާމައަކީ ބޮޑު ބައި އޮތީ އިދިކޮޅަށް ކަމެވެ.

މެންދުރުން ލަބައި ދޭއް ތިނެއް ޖަހައި އަސުރަށް ގޮވާއިރަށް ނިދިން ހޭލާ މީހުން ގިނައެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ އަޑާއެކު ހާރުކައިގެން ބަނޑު ހަމަޖައްސާލަން އޮށޯވެލާ މީހާގެ ނިދިގަދަވެއެވެ. ރޭ ހަތަރުދަމު ޖެހިހާސަކަރާތާއި ކުރި މަޖަލުގެ ހިތްހަމަޖެހުމުގައި އަރާމު ނިންޖަކުން ހޭލެވޭއިރު ދެ ނަމާދާއި ހެނދުނުގެ ޒިކުރު އޮންނީ ފަސްވެފައެވެ. މި މީހުންގެ ދުވަސް ފެށެނީ ބާޒާރުންނެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް ފުރިބާރުވެފައި އޮންނަވަރުން ހިތަށް ލިބޭ ހަމަޖެހުން ގެއްލި މާޔޫސް ވަނީ އެންމެ މުހިންމު، އެންމެ މިސްކިތްތައް ފުރެންޖެހޭ ފަހު ދިހައެއްގައި ސަފުތައް މަދުވެ ހުސް ސަފުތައް މިސްކިތްތަކުގައި ގިނަވާތީއެވެ. މަހުގެ ފަހަތަށް ދާވަރަކަށް ކުޅިވަރުގެ އަޑު ގަދަވުމާއި ރޭގަނޑު އޮންނަ ޕްރޮގްރާމްތައް ގިނަވެއެވެ. ﷲއަށް ޢިބާދާތްކޮށް އަޅުކަމުގައި މަޝްއޫލުވެ އުޅޭތަން ފެންނަނީ އުމުރުން ދެބަައަށްވުރެ މަތިވެފައި ތިބޭ މީހުންނެވެ. ޒުވާން ޅަކުދިންނަށް ފަސް ވަގުތުގެ ނަމާދުން ފަހެއް ހަމަކުރެވެނީ މަދު ބަޔަކަށެވެ. ނަމާދަށް މިވަރު ފަރުވާތެރި ނޫންއިރު ކީރިތި ޤުރުއާނުން އަކުރެއް ކިޔަވާ ނުލައި ހަމައެކަނި ބައެއް ނަމާދުތަކާއި ދުވާލު ނުކައި ހުރުމުން ރޯދަ "ހިފާ" ނިންމާ މީހުން މަދެއް ނޫނެވެ.

އަނެއްކަމަކީ ރޯދަމަސް ފެށުމާއެކުހެން އެކިކަހަލަ ކާތަކެތި ތައްޔާރުކޮށް ކެއުމުގެ ފޯރިވެސް އެހާ ގަދަވެގެންދެއެވެ. ރޯދަމަސް ފެށުމަށް ހާއްސަކުރި މާހެފުމުންވެސް އެތައް އިސްރާފެއް ވަނީ ކުރެވިފައެވެ.

ދެން އަންނާނީ 27 ވިލޭރެއެވެ. ހައިރާންވާންޖެހޭ ވަރަށް އެރެއަކު އަޅުކަން ގިނަވާނެއެވެ. ހުރިހާ އެހެން އަޑުތަކާއި ކަންތައް ހުއްޓާލާފައި އަޅުކަމުގައި ތިބެއެވެ. ނަމަވެސް އެރެއަކީ ފަހުދިހައިގެ އޮނަހިރިއެއް ކަމަށް އަންގަވާފައި އޮތްއިރު ދިވެހިންނަށް 27 ވިލޭރޭ އެނގޭ ކަހަލައެވެ.

މިގޮތަށް މިވާހަކަ ލިޔުމުން ފާޑުކިޔުން އަމާޒުވާނެކަން އެނގެއެވެ. ނަމަވެސް ހަގީގަތަށް ވާހަަކައެއް ބުނުމުގައި ގޯހެއް ނެތްކަމަށް ގަބޫލު ކުރަމެވެ. ވޭތުވެދިޔަ އަހަރު ރޯދަމަހު ގޭގެއަށް ގޮސް އުޅުމުގެ ތެރެއިން ކިތަންމެހާވެސް ފާޑުފާޑުގެ މަންޒަރެއް ހަމަ ލޮލަށް ފެނިފައި އެބަހުއްޓެވެ. އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުންނަށް ވީއިރު ރޯދަމަހުގެ ބަރަކާތާއި ސަވާބު މިންވަރު ކުރެއްވިޔަތީ އުފާކޮށް މި މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހެއެވެ.

މިއީ ކުޅިވަރުގެ މަހަކަށް ހަދާ ނިންމާލައިގެން ފައިދާ އެއް ނުކުރާނެއެވެ. ކުޅިވަރާއި ސަކަރާތް ޖެހުމާއި މުނިފޫހިފިލުވުންވެސް އޮންނަންޖެހޭނެއެވެ. ނަމަވެސް ހައްދު ހުދޫދުން އެތެރޭގައެވެ. އިސްކަން ދޭންޖެހޭ އަޅުކަންތައް ފަރުވާކުޑަކޮށް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮކަންތައްކޮށް އެކަމަށް ގޮވައި މަގުފަހިކުރުން އިސްކުރަންޖެހެއެވެ. އޮނަވިހި، ނޫނީ ތިރީސް ރޯދަ އިސާހިތަކު ނިމިދާނެއެވެ.

ޒުވާންކަމުގައި ގައިބާރު ހުރި ދުވަހު ފުރުސަތުގެ ބޭނުން ހިފަން އަޒުމެއް ކަނޑައަޅައި އެ އަޒުމުގައި ސާބިތުވަމާ ހިނގާށެވެ. އެކި ތަފާތު ކާތަކެތި އިސްރާފުކުރާ މަހަކަށް ނުހަދައި ސޮދަގާތާއި ދިނުމުގެ މަހަކަށް ހަދަމާތޯއެވެ. މި ރޯދަމަހަކީ ކުޅިވަރާއި މަޖަލަށް އިސްކަންދޭ މަހަކަށް ނުހަދައި އެކަންތައް ފަހަތަށް ލުމަށްފަހު ރޯދައިގެ ހަގީގީ މަންފާ ލިބޭތޯ ހިތްވަރެއް ކުރަމާތޯއެވެ.