މަންޝާ ރޯންފެށުމުން ސަމާހާ ހިތުގައިޖެހުނެވެ. އަމިއްލަ ދަރިއެއް ފަދައިން އެނާގެ މޭގައި މަންޝާ ޖައްސާލިއެވެ.
******
"ފޯނެއް ނުނަގާ" ދިލްޝާދު ބުންޏެވެ. އެއީ އާއިލާ އެކުގައި ހެނދުނުގެ ނާޝްތާކުރަން ތިބި ވަގުތެވެ. ދިލްޝާދު ގުޅީ މެންދުރުގެ ކެއުމަށް މަންޝާގެ ދެމަފިރިންނަށް ދިނުމަށެވެ.
"އެމަންޖެ ކައިވެނިކޮށްގެން ދިޔަފަހުން އަދި ފުރަތަމަ ދުވަސް މިއީ. އެތަނުގައިވެސް އެމަންޖެގެ ދިރިއުޅުމެކޭ އެފެށުނީ. މިތަނަށް ވުރެ ބޮޑަށް މިހާރު އެމަންޖެއަށް ހާއްސަވާނީ އެދިރިއުޅުން. ހިނގާބަލަ އޭނަ އަމިއްލައަށް އަންނަންދެން އަހަރެމެން ތިބެން" އާމިރު ވާހަކަދެއްކިއެވެ.
އެގޮތާ ދިލްޝާދު ރުހުނެވެ. އެހެންނަމަވެސް އޭނާގެ ހިތް އޮބިނޯވެއެވެ. އެންމެ ގަޑިއިރަކަށް ނިދި ޖެހުނު ވަގުތުކޮޅުގައިވެސް އޭނާއަށް އޮވެވުނީ ދެބަނިދީގެ ތެރޭގައެވެ. އޭނާގެ ކައިރިއަށް އައިސް މަންޝާ ރޯހެން އޭނާއަށް ހީވިއެވެ. މަންޝާ އާ މެދު އޭނާއަށް ފިކުރުބޮޑުވެވެނީ ހިތްބިރުގަނެފައި ހުންނާތީއެވެ.
"މިހެރަ އައީނު. ކޮންތާކު އުޅެފަ ތިއައީ؟" މޭޒުކައިރީގައި އިށިން ޒަރޫކަށް ދިލްޝާދު ބުންޏެވެ.
"ފްރެންޑަކާއެކު އޭނާގެ ރޫމުގަ ރޭގަ ހުރީ" ޒަރޫކް ބުންޏެވެ.
*****
ނާޔާ ލޮލަށް ފެނުނު އިރުން ފެށިގެން އޭނާ އެކަނި ދޫކޮށްލަން ތިއާ ބޭނުމެއް ނުވިއެވެ. ނާޔާ ގޮވައިގެން ސްކޫލުދޮށަށް ދިޔައީ ތިއާއެވެ. ގޭތެރެއިން އެއްވެސް މީހަކު ތިއާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ.
"ބާރަގަޑި ފަނަރައަށް ތިއްތަ އަންނާނަން އިނގޭ ބަލާ. މިއަދު ލަންޗް ބޭރުން ނަގައިގެން ގެއަށް ދާނީ"
ނާޔާ އާއެނކޭ ނުބުންޏެވެ. އެންމެފަހު ގަޑި ދޫކޮށްލަން އޭނާ ހުރީ ނިންމައިގެންނެވެ. އެއީ ޒަރޫކާ ބައްދަލުކުރާ ގަޑިއެވެ. އެންމެފަހު ގަޑީގެ ސާޅީސް މިނެޓުގައި އޭނާ ސްކޫލުގައި ނުހުންނާނެއެވެ. ޒަރޫކް ކައިރިން އޭނާއަށް ސަލާމަތްވެވޭނެ ވަގުތެއް ނޭނގެއެވެ.
"އޭތް... އެއްޗެއް ނުބުނާނަންތަ؟" ތިއާ ނާޔާގެ އަތުގައި ހިފެހެއްޓިއެވެ.
"މިއަދު ނުދެވޭނެ. އެބައޮތް ޕްރިފެކްޓުންގެ މީޓިންއެއް. އެ ނިންމާފަ އޮންނާނެ އިންގްލިޝް ޖަމިއްޔާގެ ހަރަކާތެއްވެސް. މިއަދު ހަވީރުވާ އިރު ގެއަށް ދެވޭނީ" ނާޔާ ބުންޏެވެ.
"ވަރަށް ދެރަ. ބްރޭކް ޓައިމް ލިބޭނެއްނު. ތިއްތަ ގެނެސްދޭނަން ގެއިން ކާއެއްޗެހި"
މިފަހަރު ނާޔާ ބޯޖަހާލިއެވެ. މިއަދު ތިއާއަށް ވެފައި ހުރި ގޮތެއް އޭނާއަށް ނޭނގެއެވެ. އެހެން ދުވަސް ދުވަހު ތިއާގެ ފަރާތުން ނުފެންނަ ގާތްކަމެއް އޭނާއަށް އިހުސާސްވަމުން ދިޔައެވެ. އެގާތްކަމުގެ ސަބަބުން އޭނާގެ ހިތުގައި ތިއާ އަށްޓަކައި ލޯތްބާއި އިހުތިރާމް އިތުރުވިއެވެ. ދެކުދިންގެ މެދުގައި އުފެދުނު ގާތްކަން ކެނޑިގެންދާން އޮތީ މަދުވަގުތުކޮޅެއް ކަމެއް އެއިން އެއްވެސް ކުއްޖަކަށް އިހުސާސެއް ނުވެއެވެ.
*****
މަންޝާ ސްކޫލަށް ވަނުމުން ގެއަށް ދިޔުމުގެ ބަދަލުގައި ތިއާ މިސްރާބުޖެހީ ޕާކަކާ ދިމާލަށެވެ. ބޯހަމަޖައްސާލަން އޭނާ މަޑުކުރަން ބޭނުމީ އެހެން މީހުންގެ އުނދަގުލެއް ނެތް ހިސާބެކެވެ. މުޅި ރޭގަނޑު އޭނާ ހޭދުކުރީ ލޮލުފިޔަ ޖަހައި ނުލައެވެ. އެކަމުގެ ސަބަބުން ބޮލަށް ހުރީ އެނބުރުން އަރައިފައެވެ. މޭނުބައި ކުރާތީ އޭނާއަށް ރަނގަޅަށް ކާއެއްޗެއްވެސް ނުކެވުނެވެ. ހިނގަމުން ގޮސް އޭނާ މަޑުކޮށްލީ މާލޭގެ ހިތްފަސޭހަ ޕާކެއް ހުރި ސަރަހައްދަކަށެވެ. ވަގުތުގެ ގޮތުން މީހުން މަދެވެ. އެތަނުގައި އިރުކޮޅަކު މަޑުކޮށްލައިގެން އިނުމުން ސިކުނޑި ހަމަޔަކަށް އެޅިދާނެއެވެ. ގޮނޑިއެއްގައި އިށީނދެފައި ދަބަހުގައި އޮތް ފޯނު އޭނާ ނެގިއެވެ. އޭނާ ގުޅީ ރީމާއަށެވެ. އޭނާއަށް ހިޔާލެއްދެވޭނެ މީހަކީ ހަމައެކަނި ރީމާއެވެ.
"ކޮއްކޮ ބުނި ދޮންތިގެ ބާތްޑޭ ވީމަ ގިފްޓް ޕެކްކުރަނީ އޯ" ރީމާގެ އަޑުގައިވީ އުފާވެރިކަމެވެ. އެ އުފާވެރިކަމުގެ ބަދަލުގައި އުފާވެރިކަމެއް ތިއާއަށް ނުދެވުނެވެ. ރީމާގެ އަޑުޖެހުމާއެކު ތިއާ އަށް ރޮވިއްޖެއެވެ.
"ކިހިނެއްވީ؟ ބުނެބަލަ. ނަވާލް... ކަމެއްކުރީތަ؟" ރީމާގެ ސުވާލުތައް ވަގުތުން އަމާޒުވިއެވެ.
"ދޮންތާ. އަހަރެން ބުނީމެއްނު އޭނަ އައި ވާހަކަ. ބުނީމެއްނު އެއީ ޒަވީބެގެ ބެސްޓްފްރެންޑޭ. އޭނަ އެގޭގައޭ އުޅެނީ. އަހަރެން ރަންކިޔާފަ މެރީނުކޮށް ފިލީތީ އޭގެ ބަދަލު އޭނާ ހިފައިފި. އަހަރެން އުންމީދު ކުރި ވަރަށް ވުރެވެސް ނުބައިކޮށް" ދެލޮލުން ފޭބި ކަރުނަތައް ފޮހެލާފައި ތިއާ ބުންޏެވެ.
"ވަޓް...؟ އޭނަ ނަވާލަށް ކިޔައިދިނީތަ؟ ކުރިން އެވާހަކަނުދެއްކީމަ ނަވާލް ރުޅިއައީ ދޯ. ދޮންތަ ނަވާލާ ވާހަކަދައްކަންތަ؟" ރީމާގެ އަޑުގައިވީ އޯގާތެރިކަމެވެ.
"ނޫން... ނަވާލްގެ ކޮއްކޮ ނާޔާގެ ޒަމާން ދުއްވާލައިފި. ނާއްކޮ ބޮލަށް އެރިގެން އެކުއްޖާފުޅުގެ ހިތް އަތުލައިފި. އެކުއްޖާއަށް ހަގީގަތް ނޭނގޭ ހާލު އެކުއްޖާގެ ހުރިހާ އެއްޗެއް ފޭރިގަނެއްޖެ. ނުވީތާކަށް އެމަންޒަރުތައް ވީޑިއޯކޮށް އޭނަ އާއި އޭނަގެ ރައްޓެހިންނަށް ބަހާލައިފި. ރޭގަ އަހަރެން އޭނަ އާ ބައްދަލުކުރިން. އެހެންފަހަރުތަކެކޭ އެއްފަދައިން އަހަރެން ހީކުރީ އެރޭވެސް މޮޅު ލިބޭނީ އަހަރެންނަށް ކަމަށް. އެކަމަކު އެހެނެއް ނުވި. ދޮންތާ، އަހަރެން ބޭނުމިއްޔާ އަހަރެންގެ ސަލާމަތް ހޯދައިގެން ދުރަށްދެވިދާނެ. އެކަމަކު އަހަރެން އެގޮތަށް އެކަން ކޮށްފިއްޔާ ނާއްކޮގެ މުޅި ދިރިއުޅުން ވެއްޔާ މޮޑެވޭނެ. އާއިލާ މުޅި ދުނިޔެއަށް ފަލީހަތްވާނެ. އަހަރެން އެބަޖެހޭ އެ ނުލަފާ މީހާ އާ ބައްދަލުކުރަން. އޭނަ އަހަރެންގެ ފަރާތުން ބޭނުންވާނީ ކޮންކަމެއްކަން އެނގޭ. އަހަރެންގެ ހަށިގަނޑާއި ފުރާނަ ވަކިވިޔަސް ނަވާލް ނޫން އެހެން ފިރިހެނަކަށް އަހަރެންގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލަންވެސް ނުކެރޭނެ. އެކަމަކު ހިތަށް އަރަނީ އޭނަގެ ކިބައިން އަހަރެންނާއި ނާއްކޮ ސަލާމަތްވާން ހެދޭނީ ކިހިނެއްބާއޭ. ރޭގަ އެކަމަކާ ހެދި ނުވެސް ނިދޭ. ބޯއަނބުރާފަ ހޮޑުވެސްލަވަނީ. އެނގޭ އެހެން އެވަނީ ފިކުރުބޮޑުވީމަކަމަށްވެސް"
"ފުލުހުންނަށް އަންގަންވީނުން" ރީމާ ބުންޏެވެ.
"ތިކަންވެސް ކުރެވޭކަށް ނެތް. ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ހާސް ފަހަރު ވިސްނަން އެބަޖެހޭ. އަހަރެން ބޭނުމެއް ނޫން ހެދޭ ކިތަންމެ ކުޑަކުޑަ ގޯހަކުންވެސް ނާއްކޮގެ ދިރިއުޅުން ހަލާކުވާކަށް"
******
ކޮޓަރިއަށް ނާޔާ ވަނުމާއެކު އެނދުގައި އޮތް ޒަރޫކް ދެއަތް ފުޅާކޮށްލައިފިއެވެ. ކޮނޑުގައި އޮތް ސްކޫލު ދަބަސް މޭޒުމަތީގައި ބާއްވާފައި ނާޔާ ޒަރޫކް ކައިރީގައި އިށީނެވެ. އަތްދަމާލާފައި ގާތުގައި އޮށޯންނަން ނާޔާ ކައިރީގައި ޒަރޫކް ބުންޏެވެ. ނާޔާ އޮށޯތެވެ.
"އަހަރެން މިއަދު މިއޮތީ ވަރަށް އުފަލުން. ބޭނުންވަނީ ނާޔާ ގައިގަ ބައްދާލައިގެން އޮވެލަން. މިއަދު ނާޔާއަށް ޗުއްޓީ" ޒަރޫކް ބުންޏެވެ. ނާޔާގެ ބަނޑުމަތީގައި އޮތް ޒަރޫކްގެ އަތުގައި ނާޔާ ފިރުމާލިއެވެ.
"ކޮންއިރަކުން އަހަރެމެން މެރީކުރާނީ؟" ނާޔާ އެހިއެވެ. ޒަރޫކްގެ މޫނުމަތިން މަލާމާތުގެ ކުލަވަރު ފާޅުވެލިއެވެ.
"ވަރަށް އަވަހަށް. އެކަމަކު ތި ފެމެލީ މީހުން ހިއެއްނުވޭ ގަބޫލުވާނެހެނެއް" ޒަރޫކް ބުންޏެވެ.
"ގަބޫލުވާނެ. އެންމެންވެސް ނާޔާދެކެ ވަރަށް ލޯބިވާނެ" ނާޔާ ބުންޏެވެ.
"އެންމެ ކައިރީގައި ވަރަށް ލޯބިވެޔޭ ކިޔައިގެން އުޅޭ މީހާވެސް ހަސަދަވެރިވެދާނެ" ޒަރޫކް ބުންޏެވެ.
"ނޭނގުނު ތިބުނި އެއްޗެއް؟"
"ނާޔާގެ ފަހަރިއަށް އަހަރެމެންގެ މިގުޅުން އެނގިއްޖެ. ނާޔާ ގަބޫލުކުރާނެ ކަމެއް ނޭނގެ. އަހަރެން މިއުޅެނީ އަދި މިހާތަނަށް ނާޔާ ކިޔައިދީފައިނުވާ ވާހަކައެއް ކިޔައިދޭން. އެވާހަކައިގައި އުޅެނީ އަހަރެން. ދެން ނާޔާގެ ފަހަރި"
*******
ގަޑިން ބާރަގަޑި ބައެވެ. ޝައިހާން ދެލޯ ހުޅުވާލީ އޭނާގެ މޫނަށް ފިނިވެގެންނެވެ. ނިދިފިލުވަން އިތުރަށް ކަމެއް ކުރަން އޭނާއަށް ނުޖެހުނެވެ. ބޮލާއި މޫނާއެކު އެނދުގެ ބޮޑު ބަޔަކާއެކު އެއްކޮށް ތެމިއްޖެއެވެ.
ބަންޑުން އޮވެފައި އަނެއްފަރާތަށް އެނބުރި ބަލައިލިއެވެ. ހުސްޖަގު ހިފައިގެން އެނދު ކައިރީގައި ކޮޅަށް ހުރީ ސަމާހާއެވެ. ސަމާހާގެ މޫނުމަތީގައި ވަނީ ނުރުހުމެވެ.
"މަންމަ..."
"ކޮން މަންމާއެއް. ހަމަ މިހާރު ތެދުވޭ. ކަލޭ މިގެއިންވެސް ނުކުމޭ" ސަމާހާ ހަޅެއްލަވަން ފެށިއެވެ.
ތެދުވެ އެނދުގައި އިށިން ޝައިހާނު މަޑުމަޑުން ހުރިހާކަމެއް ހަނދާންވާން ފެށިއެވެ. އޭނާގެ ކައިވެނިކުރެވުނުކަން ހަނދާންވިއެވެ. ހަކުރުކޮޅަކަށް ސިކުވެގެން ސަމާހާ އަތުން ފައިސާ ފޭރިގަނެގެން ހަކުރު ގަނެގެން އައިސް ފާހާނާއަށް ވަން ހަނދާނެއް ވިއެވެ. މަންޝާ ފެނުނު ހަނދާނެއްވެސް ވިއެވެ.
ޝައިހާން ފުންމައިގެން އެނދުން ތެދުވިއެވެ. ކޮޓަރީގެ ހުރިހާ ދިމާލެއް ހޯދާލިއެވެ. މަންޝާ ނުފެނުނެވެ.
"މަންޝާ... ކޮބާ މަންޝާ؟ ގެއަށް ދިޔައީތަ؟" ޝައިހާން ބުންޏެވެ.
ޝައިހާންދެކެ އާދެވުނު ރުޅިއެއްގެ ސަބަބުން ސަމާހާ ލޭގްޕްރެޝަރު މައްޗަށް ޖެހިލިއެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަވަގުތު އަރިއަޅާނުލީ ކިރިޔާއެވެ.
"އަހަރެން ހަމަ ހައިރާންވެއްޖެ. ކަލެއަށް ކޯޗެއް ލިބޭނެ ކަމަށް އެކުއްޖާގެ ދިރިއުޅުން ތިހަލާކުކޮށްލީ؟ ކަލޭ މައިތިރިވާނީ އަހަރެން މަރާލާފަތަ؟" ސަމާހާ ހަޅޭއްލެވިއެވެ.
"މަންމަ ހަމަޖެހިބަލަ. މަންމައަށް އެނގެއެއްނު އަހަރެން ރަނގަޅުވާން މަސައްކަތްކުރާކަން. ރޭގަ ތަންކޮޅެއް ގިނައިރު ޔޫސްކުރެވުނީ. އެހެންއެވީ ޔޫސްނުކޮށް ސައްވީސް ގަޑިއިރުވީމަ. އެއީވެސް މަންއަށްޓަކައި. އެކަމަކު ކެތްނުވީމަ އެއީ. ކޮންމެ ދުވަހަކުވެސް ވަކިވަރަކަށް ލިބެންޏާ އަހަރެން ހުންނާނީ ހަމައިގަ... ދެން ބުނެބަލަ... ކޮބާތަ މަންޝާ؟ މަންޝާ...."
ސަމާހާ ރުޅިއައިސް ރަތްވިއެވެ. އެންމެފަހުން އޭނާއަށް ރޮވުނެވެ. އެއީ އަބަދުވެސް އޭނާއަށް ވާގޮތެވެ. މާބޮޑަށް ރުޅިގަދަވެ ހިތްހަމަނުޖެހުމުން ފަހުވަގުތު ކުރިހޯދާނީ ކަރުނައެވެ. ދެރައީ އޭނާއަށް ކަރުނަތައް ބޭރުކުރެވެނީ އޭގެއަށް އެއްވެސް ގަދަރެއް ނުކުރާ އިންސާނެއް ކައިރީގައެވެ. ބޮލުގެ ރިހުންގަދަވެ ސަމާހާއަށް ކޮޅަށް ހުންނަންވެސް ދަތިވިއެވެ. ދޮރުމައްޗަށް އެރި މަންޝާ ސަމާހާގެ ގައިގައި ނުހިފެހެއްޓިނަމަ އޭނާ ތިރިއަށް ވެއްޓުނީހެވެ.
"މަންމާ... ހިނގާ ކޮޓަރިއަށް ދާން" މަންޝާ ބުންޏެވެ. ޝައިހާނަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އެހެންނަމަވެސް ގޭތެރެއިން މަންޝާ ފެނުމާއެކު ޝައިހާންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ސަމާހާއަށް މަންޝާ ބެހެއްޓި ގާތްކަން ފެނި އޭނާގެ ހިތުގައި އެލޯބި އެތައް ތަނެއް އިތުރުވިއެވެ.
"މަން...." ސަމާހާ ގޮވައިގެން ކޮޓަރިން ނުކުންނަން ދިޔަ މަންޝާއަށް އިވޭ ކަމަށް ނުހެދިއެވެ. އެކަން އެހެންވާނެކަން އެނގޭތީ ޝައިހާން ދެފަރާތަށް ބޯހޫރާލިއެވެ. އެންމެފަހުން އޭނާ ފަހަތުން ގޮސް މަންޝާގެ އަތުގައި ހިފެހެއްޓިއެވެ.
"އަތްނުލާތި" ޝައިހާންގެ އަތް ދުރަށް ފޮޅުވައިލަމުން މަންޝާ ބުންޏެވެ.
*****
ހަމަ އެރެއެވެ. ރޭގަނޑު ކައިގެން ނާޔާ ކޮޓަރިއަށް ދިޔުމާއެކު ފަހަތުން ތިއާ ހިނގައްޖެއެވެ. ގެއަށް އައިފަހުން ނާޔާ އޭނާ އާ ވާހަކަނުދައްކައެވެ. ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް އެނގުނެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ތިއާ ވަންނަން އަންނަކަން އެނގި ހުރެ ނާޔާ ކޮޓަރި ތަޅުލުމުންނެވެ. އެއީ ދުވަހަކުވެސް ނާޔާ ކަންތައް ކުރި ގޮތެއް ނޫނެވެ. ނާޔާއަކީ އޭނާއަށް އިހުތިރާމުކުރާ ކުއްޖެކެވެ. ޔަގީނެވެ. ޒަރޫކް އަނެއްކާ އެކުއްޖާގެ ބޭނުން ހިފާލައިފިއެވެ. ނުބައި ބައްޔެއް ކަހަލަ އިންސާނެކެވެ. އަނބުރާލާފައި ކޮޓަރިއަށް ވަންއިރު ޒަރޫކްދެކެ އައި ރުޅިން ތިއާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ކޮޓަރީގައި ނަވާލް ނޫޅޭކަން ޔަގީންކޮށްފައި އޭނާ ފޯނު ނެގިއެވެ. އޭނާ ނުބަލާ ޒަރޫކްގެ ސަތޭކައެއްހާ މެސެޖް އޮތެވެ. އެ މެސެޖްތައް ނުކިޔާހާ ހިނދެއްގައި ޒަރޫކް މައިތިރިނުވާނެކަން އެނގޭތީ އޭނާ ޒަރޫކަށް ގުޅިއެވެ. އޭނާ އާ ބައްދަލުނުކޮށް އެއްވެސް ނަތީޖާއަކާ ހަމައަށް ވާސިލް ނުވެވޭނެކަން ތިއާ އަށް އެނގެއެވެ.
******
ކެފޭއަށް ވަދެގެން ގޮސް ހުރިހާ ދިމާލެއް ތިއާ ހޯދާލިއެވެ. ޒަރޫކް ފެނުމާއެކު މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ކެފޭއަކީ ޒަރޫކް ބައްދަލުކުރަން ބުނި ތިންވަނަ ތަނެވެ. ތިއާ އިންކާރު ކުރީ ބަންދު ކޮޓަރިއަކަށް ޒަރޫކާއެކު ވަންނާށެވެ. ތިއާގެ ޖަވާބެއް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާ ކެފޭއަށް އަންނަން އެންމެފަހުން އެއްބަސްވިއެވެ.
"އިށީނދޭ" ތިއާ އަރާހަމަވުމާއެކު ޒަރޫކް ބުންޏެވެ.
ތިއާގެ ހިތް ނުތަނަވަސްވިއެވެ. ފިރިހެނަކާއެކު ހާމަތަނަކަސް އިންނަން ޖެހުމުންނެވެ. އެހެންނަމަވެސް އޭނާއަށް މަޖުބޫރެވެ. ނާޔާއަށްޓަކައެވެ.
"ކޮންގޮތަކަށް ނިންމީ" ޒަރޫކް ބުންޏެވެ.
"ތިއީ އަހަރެން ކުރަންޖެހޭ ސުވާލު. ކޮބާ ކަލޭގެ ބޭނުމަކީ؟" ތިއާ ބުންޏެވެ.
"ހާދަ ހޮޓޭ. ސީރިޔަސްކޮށް" ތިއާގެ ހެދުމަށް ޒަރޫކް ނަޒަރު ހިންގާލިއެވެ. އެހިނދު މޭމައްޗާ ދިމާލުން އަޅައިގެން ހުރި ޝޯލް ތިއާ ރީތިކޮށްލިއެވެ.
"ޝަޓްއަޕް... އަހަރެން މިތަނަށް މިއައީ ކަލެއާއެކު މާފޮޅުވާކަށް ނޫން" ތިއާ ބުންޏެވެ.
"ހެހެހެ... ބޭނުން ނުވިޔަސް ފޮޅުވަން ޖެހޭނީ. އެއި އަހަރެން ނިންމި ގޮތް" ޒަރޫކް ބުންޏެވެ.
"ނުވާނެ ތިކަމެއް. ކޮންމެ ހާލެއްގަ އުޅެންޖެހުނަސް އަހަރެން ކަލޭގެ އަތްދަށަށް ނުދާނަން. އަހަރެން ކަލޭދެކެ ރުޅިއާދޭ" ދިމާލަށް ތިއާ ބުންޏެވެ.
"ދެ ޗޮއިސް އޮތީ. އެއްގޮތަކީ ވަން ނައިޓަށް އަހަރެން ކައިރިއަށް އައުން. އަނެއްގޮތަކީ އަމިއްލަ ބޮލުގައި ބަދުނާމު އަޅުވައިގެން އަމިއްލައަށް ދިރިއުޅުން ހަލާކުކޮށްލުން. ދެގޮތުން ކުރެ އެއްގޮތް ޗޫސް ކުރިޔަސް އެހިސާބުން ނާޔާ ސަލާމަތްވާނެ"
ތިއާ ފުންމައިގެން ތެދުވިއެވެ. ރުޅިއައި ވަރުން ދަތްކުނޑި ވިކައިގަތެވެ. ދުވަހަކުވެސް މީހަކު ދެކެ އެހާ ރުޅިއެއް ނާދެއެވެ. އަތުޖެހޭ ހިސާބުގައި ހުރި ފެންތަށި ނެގިގޮތަށް ޒަރޫކްގެ މޫނަށް ޖެހިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.
"ހަޔާތްކުޑަ މީހާ. ތިއިން އެއްގޮތެއްވެސް އަހަރެން ގަބޫލެއް ނުކުރާނަން. އަހަރެން ކަލޭ ކައިރިއަށް ވަން ނައިޓް ކީއްކުރަން އެންމެ ސިކުންތެއްވެސް ހުންނާކަށް ބޭނުމެއް ނޫން. ނާޔާވެސް ސަލާމަތް ކުރާނަން. ކަލެއަށް ހައްގު އަދަބުވެސް ދޭނަން. ސާފުވެއްޖެތަ؟"
ތިއާ ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒަރޫކް އިނީ ހަމަޖެހިފައެވެ. އޭނާއަށް ހީވާ ކަހަލައެވެ. ކާމިޔާބު އޮތީ އޭނާއަށެވެ. ތިއާއަށް ޖެހޭނީ ކޮންމެސް އެއްގޮތެއް ހިޔާރުކުރާށެވެ. ތިއާ އެގޮތަށް ކަންކުރަން މަޖުބޫރުކުރާނީވެސް ނާޔާއެވެ.
*****
ކާރުގައި އިންއިރުވެސް ތިއާ ވިސްނިއެވެ. ޒަރޫކް ކުރިމަތީގައި ފާޅުގައި އިންކާރުކުރުމަކީ ގޯހެކޭ އަމިއްލަ ހިތް ބުނެލިއެވެ. މިހާރު ފޮޓޯތަކާއި ވީޑިއޯތައް އާންމު ނުކުރާ ކަމެއްވެސް ނޭނގެއެވެ. ތިއާ ބޯހާސްވިއެވެ. އެގޮތަށް ކަންކުރެވުނީ ޒަރޫކްދެކެ ރުޅިއައިވަރުންނެވެ. އެކަމަކުވެސް ދެން ކުރާނެ ކަމެއް ނެތެވެ. ގެއަށް ދާ ގޮތަށް ޒަރޫކްގެ ހުރިހާ ވާހަކައެއް ނާޔާއަށް ކިޔައިދޭން ތިއާ ނިންމިއެވެ. ޒަރޫކާ ދުރަށްދާނީ ނާޔާއެވެ.
ގެއަށް ވަންއިރު އެންމެން ސޯފާގައި ތިއްބެވެ. ސޯފާގައި އިން ނަވާލް ތިއާއަށް ބަލައިލިއެވެ. ނަވާލް ކައިރީ ބުނެނުލައި ބޭރަށް ދެވުނުކަމަށްޓަކައި ތިއާ ދެރަވިއެވެ. ތިއާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ނަވާލަށް ފާހަގަވާތާ އިރުތަކެއް ވެއްޖެއެވެ.
"އަހަރެން ކައިރީ ބުނެލިނަމައެއްނު. ލާން ދިޔައިމުސް" ނަވާލް ބުންޏެވެ.
"ކޮބާ ނާޔާ؟ ނިދީތަ؟"
ނަވާލް ދެއްކި ވާހަކައަށް ތިއާ އަށް ސަމާލުކަމެއް ނުދެވުނެވެ. އެންމެން ހައިރާން ކަމުގައި ބަލަހައްޓައިގެން ހުއްޓައި ތިއާ ލޯމަތިން ގެއްލުނެވެ. އޭނާ ސިޑިން އަރައިގެން ދިޔައީ ނާޔާގެ ކޮޓަރި އާ ދިމާލަށެވެ. ނަސީބަކުން ދޮރު ހުރީ ހުޅުވާފައެވެ. ތިއާ އެތެރެއަށް ވަނުމާއެކު ކިޔަވާ މޭޒުކައިރީގައި އިން ނާޔާ ފުންމައިގެން ތެދުވިއެވެ. އެވަގުތުވެސް ފޯނުން އޭނާ ވާހަކަދައްކަމުން ދިޔައީ ޒަރޫކާއެވެ.
"ނާއްކޮ. ތިއްތަ މިކިޔާ އެއްޗެއް އަޑުއަހާބަލަ" ތިއާ އައިސް ނާޔާގެ އަތުގައި ހިފިއެވެ. އެހިނދު ނާޔާ ތިއާގެ އަތް ދުރަށް ފޮޅުވާލާފައި ފަހަތަށް ޖެހިލިއެވެ.
"ކިހާ ދެރަކަމެއް ތިއްތާ"
"ނާޔާ. ތިއްތަ ވަރަށް ލޯބިވޭ ނާއްކޮދެކެ. އެއީ ރަނގަޅު އިންސާނެއް ނޫން. ތިއްތަ ކުރިންވެސް ނަސޭހަތްދިނީމެއްނު. ތިކުރެވެނީ ގޯސް ކަމެއް ދޫންޏާ. މާދަމާ ފަލީހަތްވާނީވެސް ނާއްކޮ. އޭރުން މުޅި ދުނިޔެއަށް ބޭޒާރުވާނީ ނާއްކޮއެއް ނޫން. މުޅި އާއިލާ. އޭނާ އާ ވާހަކަނުދައްކައްޗޭ ދެން. ތިއްތަގެ ބަސް ގަބޫލުކުރައްޗޭ. ތިއްތަ ދުވަހަކުވެސް ނާއްކޮއަށް ދެރައެއް ލިބޭކަށް ބޭނުމެއް ނޫން"
ނާޔާގެ ދެލޮލުން ކަރުނައެއް ވެއްޓުނެވެ. ޒަރޫކް ދެއްކީ ތެދު ވާހަކަތަކެއްކަން ނާޔާއަށް އެނގުނެވެ. ތިއާ އެހުރީ ޒަރޫކާ ހެދި ހޭބަލިވެފައެވެ. ތިއާގެ ހަގީގީ ކުލަވަރު އަދިކިރިޔާ އެފެނުނިއެވެ.
"ދުރަށްދޭ. ހަމަ މިހާރު މިކޮޓަރިން ނުކުމޭ. ތިއީ ތިއްތަ ކިޔާވަރުގެ މީހެއް ނޫން. އެންމެން ކައިރީގަ ބުނާނަން މިފަހަރު"
ބޭރުގައި ތިބި މީހުން އައިސްވަނީ ނާޔާގެ އަޑުގަދަވެގެންނެވެ.
"ނާއްކޮ ގޯހެއް ތިހަދަނީ" ތިއާ އަށް ރޮވިއްޖެއެވެ.
"ދޮންބޭ. މަންމަމެނަށް އެނގޭތަ. ތިއްތަ އުޅެނީ ޒަރޫކް ސަރ އާ އަޅައިގަނެގެން. ޒަރޫކް ސަރ ދެންމެ ގުޅާފަ އެބުނީ. ނާއްކޮ ޒަރޫކް ސާރ އާއެކު ރިލޭޝާންޝިޕެއްގަ އުޅޭކަން އެނގިގެން އެ އުޅެނީ މިހާރު. ދެންމެވެސް އެ އައީ ޒަރޫކް ސަރ އާ ބައްދަލުކޮށްފަ. ދޮންބެއަށް އެނގޭތަ ތިއްތަ މެރީކުރަން ކުރިން އުޅުނީ ޒަރޫކް ސަރ އާ. ތިއްތަގެ ވިޔާނުދާ އުޅުމުގެ ސަބަބުން ޒަރޫކް ސަރ ދުރުވީ"
ހުއްޓުން އަރާފައި ތިއާ ހުއްޓެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ޒަރޫކަށް ކާމިޔާބު ލިބިއްޖެއެވެ. އެގޮތާވެސް ތިއާ ރުހުނެވެ. ތިއާ ބަދުނާމުވެފައި ޒަރޫކްގެ ކިބައިން ނާޔާ ސަލާމަތްކުރެވުނު ކަމުގެ އުފާ އޭނާއަށް ލިބިއްޖެއެވެ. ބޮލުން ހީވީ އެތައް ބުރައެއް އެއްކޮށް ފިލައިގެން ދިޔަހެންނެވެ. ދެން އޮތީ އޭނާ އިއުތިރާފުވުމެވެ.
"އެއީ ތެދެއް. ނަވާލް، އަހަރެންނަށް މާފުކުރޭ"
(ނުނިމޭ)