ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބުދުﷲ ޖާބިރު ހެއްދެވި ގްރީން ޕާޓީން ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލީޝަން ހައްދަވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހަށް ވަރަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

އޭނާގެ ޕާޓީ ނިސްބަތްވާ ފެހި ކޯޓުގައި މަޖިލީހަށްވަޑައިގެން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްވަރުގަދަކަން ރޭ ވެސް ފެނިގެން ހިނގައްޖެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު 65 ޕަސެންޓް ވޯޓުން ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޖާބިރު މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލި މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭކުރި މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑް ހުއްޓުވި މައްސަލައަށް އިޝާރާތް ކުރައްވައެވެ.

ޖާބިރު ވިދާޅުވީ، ރައީސް ސޯލިހުގެ ގަދަކަން އެކަމުން ދޭހަވާ ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، "ރައީސް ސޯލިހު ވެރިކަމަށް ގެނައީ، ހަމައެކަނި ނޫސްވެރިން މަސައްކަތް ކޮށްގެންނެއް ނޫން، އެންމެން މަސައްކަތް ކޮށްގެން، މުޅި ދުނިޔެ ވެސް މަސައްކަތް ކޮށްގެން، މުޅި ގައުމުވެސް މަސައްކަތް ކުރި އެއީ ކީއްވެގެންތޯ، ތަފާތު ދައްކާނެ ރައީސަކު ގެންނަންވެގެން، މިހާރު އެ ތަފާތު ފެނިއްޖެ މިދަނީ ބާރަށް ކުރިއަށް އަޅުގަނޑު ބަލައިފަ މި ދަންނަވަނީ،" ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާތީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްހިމްއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ތިން ފަހަރު މަތިން ދިވެހި ރައްޔިތުން ގާސިމަށް ނުދިން ވެރިކަމެއް ހަތަރުވަނަ ފަހަރު ނުދޭނެ ކަމަށެވެ. އަދި މުޅި ގައުމު އެންމެ ވިޔަފާރިވެރިއްގެ ބާރުގެ ދަށަށްދާން އެހެން ވިޔަފާރިވެރިން ނޭދޭނެ ކަމަށާއި ގާސިމް ނޫން އެހެން ވިޔަފާރިވެރިން ތިބީ ރައީސް ސޯލިހަށް ތާއީދު ކޮށްގެން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.