Close
ވާހަކަ

ދީވާނާ ހިތް - 38

8

އަހަރެން މަރުވެގެން ވެއްޓޭނީވެސް މިގޮތަށް ހިތާމަކޮށްކޮށް ހިތްފަޅައިގެން ގޮސްގެން. ދެންވެސް އަމިއްލަ ސަލާމަތައިގެން މިތަނުން ދޭ..." ރޮމުންދިޔަ ސަމާހާ ގައިގައި ހަކަތަ ނެތް މީހަކު ފަދައިން ފާހާނައިގެ ދޮރު ބުޑަށް ތިރިވިއެވެ. މޫނުގައި އަތްއަޅައިގެން އިނދެ ހުއްޓާނުލައި ސަމާހާ ރޮމުން ދިޔައެވެ. ވިސްނަންވީ އެއްޗެއް ނޭނގި ގަބުވެފައި މަންޝާ ހުއްޓެވެ.

******

ތިއާ އެތައް އިރެއް ވަންދެން ނިދަން މަސައްކަތްކޮށްފިއެވެ. އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ ގެނބިގެން އެދިޔައީ ދިރިއުޅުމަށް އައިސްދާނެ ކަމަށް ދުވަހަކުވެސް އުންމީދު ނުކުރާ ބޮޑު ރާޅެއްގައެވެ. ޒަރޫކަށް އޭނާގެ ފަރާތުން ލިބުނު ދެރައިގެ ބަދަލު ވަރަށް ހިތިގޮތަކަށް ހިފައިފިއެވެ. ދެރައީ ތިއާގެ ސަބަބުން މައުސޫމު އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ބަރުބާދުވީތީއެވެ. ކޮންމެ ހާލެއްގައިވެސް ނާޔާ އެކަމުން ސަލާމަތްކުރަން ތިއާ ބޭނުންވިއެވެ. އެއީ ފިރިމީހާގެ ކޮއްކޮއަށް ވީތީއެއް ނޫނެވެ. އެއީ އަންހެންކުއްޖަކަށްވެފައި އަންހެންކުއްޖެއްގެ އިއްޒަތާއި އަބުރަކީ ކިހާވަރެއްގެ އެއްޗެއްކަން އޭނާއަށް ވިސްނޭތީއެވެ. ތިއާ އެނދުގައި ނޯވެވިގެން ތެދުވިއެވެ. އަދިވެސް ނަވާލް ގެއަށް ނާދެއެވެ. ނަޒާންގެ ވީތަނެއް ނޭނގޭތީ ނަވާލާއި އާމިރުވީ ބޭރަށް ނުކުމެއެވެ. އެ ހާސްކަމުގެ ތެރޭގައި މުޅި އާއިލާ ވީހިނދު ނާޔާގެ ކަންތައް އެނގިގެން މުޅި އާއިލާ ވެއްޓިގެންދާނީ ދުވަހަކުވެސް އަރައިނުގަނެވޭނެފަދަ ބޮޑު އަނދަވަޅަކަށެވެ. ހަދާނެ އެއްވެއް ގޮތެއް ތިއާއަށް ނުވިސްނުނެވެ. މަޑުމަޑުން ހިނގާފައި ތިއާ ބޭރަށް ނުކުތެވެ. ސޯފާގައި އަދިވެސް މާޝިތާ އިނެވެ. ދަތްދޮޅީގައި އަތްވިދެލައިގެންނެވެ. ނަޒާންގެ ހަބަރެއްނުވާތީ ފިކުރު ބޮޑުވެފައެވެ. މާޝިތާގެ ފިކުރުތައް ދުރުކޮށްދޭން ދާން ތިއާ ބޭނުންވިޔަސް އޭނާއަށް ނުދެވުނެވެ. މާޝިތާއަށް ވުރެ ބޮޑަށް ތިއާ ވަނީ މާޔޫސްވެފައެވެ. އެއްކޮޅުން އޭނާގެ ދިރިއުޅުމެވެ. އަނެއްކޮޅުން ނާޔާގެ އިއްޒަތާއި އަބުރެވެ. ކޮޓަރީ ދޮރުމަތީގައި ތަޅުގައި ހިފަހައްޓާލައިގެން ތިއާ ހުއްޓެވެ. އޭނާގެ ދެލޮލުގެ ތެރެއިން ކަރުނައެއް ވިދާ ބަބުޅަމުން ދިޔައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެނާގެ އުފާވެރިކަން ވިއްސި ވިހާލިވެގެން ހިނގައްޖެއެވެ. ހަށީފުރާ ނޭވައެއް ދޫކޮށްލާފައި ތިއާ ހިނގައިގަތީ ނާޔާގެ ކޮޓަރިއާ ދިމާލަށެވެ. އޭނާ ނާޔާގެ ކޮޓަރި އާ ހަމަވެފައި ހުއްޓުނެވެ. ހިތްވަރުކޮށްފައި އެކޮޓަރި ދޮރުހުޅުވާލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފެހިކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން އެނދުގައި ނިދާފައި އޮތް ނާޔާ ތިއާއަށް ފެނުނެވެ. ތިއާ އެނދާ ދިމާލަށް ހިނގައިގަތެވެ. އޭނާ އިށީނީ ނާޔާގެ ބޮލާ ދިމާލުންނެވެ. ބެޑްލައިޓްގެ އަލި ކުޑަކޮށް ގަދަކޮށްލާފައި އޭނާ ނާޔާގެ މޫނަށް ބަލައިލިއެވެ. އުމުރުން ސަތާރަ އަހަރުގައިވެސް ނާޔާއަކީ ހޮވާލެވޭފަދަ ރީތި ކުއްޖެކެވެ. ހަށިގަނޑު ހެދިލާފައި ހުރިގޮތުން ސައުވީސް ފަންސަވީސް އަހަރުގެ ޒުވާން އަންހެންކުއްޖެކޭ ތަފާތެއް ނެތެވެ. މޫނުމަތީގައި އަދިވެސް ވަނީ މައުސޫމު ކަމެވެ. ތުންފަތުގައި ހިނިތުންވުމެކެވެ. ހޭލާ ހުންނަ އިރުވެސް އަދި ނިދީގެ ދުނިޔޭގައިވެސް އުފާލާއި ހިތްހަމަޖެހުމުގައި އުޅުނު މިނިވަން ކޮކާލެކެވެ. އިންތިހާއަށް ލޯބިވާ މަޔަކާއި ބަފަޔަކާއި އޯގާތެރި ދެ ބޭބެއެއްގެ ހިމާޔަތުގެ ދަށުން ފަރިވަމުން އައި ނުފޮޅޭ މަލެކެވެ. މިއަދު ވިޔާނުދާ ފިރިހެނަކު އެވަނީ އެ މަލުގެ ފިޔަތަކާއި ކަރުގަނޑު ވަކިކޮށްލާފައެވެ. މަލުގެ ބޭނުން ކަނޑުވާލާފައެވެ. ލޯބީގެ ދަޅަ ދައްކައިގެން އެ ކޮކާ ޝިކާރަކޮށްފައެވެ. އެ ނާޒުކުނު އަންހެންކުއްޖާގެ ސިކުނޑި އާ ކުޅެލައިފައެވެ. އެ އަންހެންކުއްޖާއަށް ހަމަ އެއްވެސް ކަމެއް ނޭނގެއެވެ. އެއްވެސް ރަހުމެއްނެތި އޭނާގެ ފިޔަތައް އިންސާނެއްގެ ސިފައިގައި ހުރި ޖަނާވާރެއް ރޫޅަމުންދާ ކަމެއް ނުދެނަހުއްޓެވެ.

"އެންމެ ފުރަތަމަ ދުވަހުވެސް ތިއްތަ ވިސްނައިދިނީމެއްނު. ކީއްވެ؟ ނާއްކޮ ކީއްވެ އެ ފިރިހެނާގެ މަޅީގަ ހައްޔަރުވީ؟" ނާޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ ތިއާ ވާހަކަދެއްކިއެވެ. އޭނަގެ ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ކޯރެއް ހެދުނެވެ. އޭނާގެ ފަރާތުން ބަދަލެއް ހިފުމަށް ޒަރޫކް ޖަހާލި މަޅިގަނޑު ވަރުގަދަކަމުން ތިއާގެ ހިތް ރޮއްވާލިއެވެ. ކުރިއަށް ވާނެގޮތް ލަފާކޮށްލަންވެސް ދައްޗެވެ. އޭނާގެ ހަނދާނަށް އައީ ނާޔާގެ ހަށިގަނޑުން ފެނުނު ނިޝާންތަކެވެ. ޗުއްޓީއަށް ދިޔަ ރަށުގައި ނާޔާ ގެއްލުނު ރެއެވެ. އެރޭތަކުގައިވެސް ނާޔާ އުޅޭނީ ޒަރޫކާ އެކުގައިތާއެވެ. އެހެންވީމާ ތިއާ ފެނުނު އިރުންފެށިގެން ޒަރޫކް އަންނާނީ ބަދަލުހިފާނެ މޮޅު ގޮތެއް ރާވަމުންތާއެވެ. ތިއާ އަނގަމަތީގައި ދެއަތް އެޅިއެވެ. ބާރަށް ރޮވިދާނެހެން ހީވުމުން އޭނާ ކޮޓަރިން ނުކުތެވެ. ކޮޓަރިއަށް ދިޔަ މަގުމަތީގައި ޒަރޫކް ބުނެލި ދެތިން ޖުމްލައެއް އޭނާގެ ހަނދާނާ ކުޅެލިއެވެ.

"މީގެ އެތައް ވީޑިޔޯއެއް އަހަރެންގެ އެތައް ރައްޓެހިންނެއް އަތުގަ ހުންނާނެ. މާ ސްމާޓް މީހަކަށްވެގެން ކޮޕުންނަށް އަންގަން ހިތަށްވެސް ނާރުވާތި. އަހަރެން ހައްޔަރުވުމާއެކު ފުލުފުލުގަ ވީޑިޔޯތައް ލީކުވަމުންދާނެ. އެހެންވީމަ މިރޭ ގެއަށް ދޭ. ގޮތެއް ވިސްނާފަ އަހަރެންނަށް ގުޅާތި. އޭރުން ކަންތައް ކުރަންވީގޮތް އަހަރެން ބުނާނަން"

*****

ނުނިދިގެން ޔަލާ ފުރޮޅިލި އިރުވެސް ޒަވީ ނުނިދައެވެ. އެއް އަތް ނިތްމައްޗަށް އެއްލައިގެން ޒަވީ އޮތީ މައްޗަށް ބަލަހައްޓައިގެންނެވެ. ޔަލާ ހައިރާންވިއެވެ. އެހެންޏާ ޒަވީ އަކީ އެނދުގައި ޖެހުމާއެކު ނިދާފައި އޮންނަ މީހެކެވެ. ނިންޖާ ޒަވީ އެހާ ރުޅިވެފައި އޮތް ސަބަބެއް ޔަލާއަށް އެނގުނެވެ. ޒަވީގެ ފިކުރުތަކާ ގުޅިފައިވަނީ މަންޝާއެވެ. ޒަވީ އާ ވާހަކަދައްކައިގެން ފިކުރުތަކާ ދުރުކޮށްދޭން ޔަލާ ބޭނުންވިއެވެ. އެހެންކަމުން ނިތްމަތީގައި އޮތް ޒަވީގެ އަތް ޔަލާ ނެގިއެވެ. އެ އަތް ދަމާލާފައި ޔަލާ ބޯއެޅީ އެ އަތް މަތީގައެވެ.

"ވިސްނިޔަސް ވިސްނަންވާނީ ސިކުނޑިއަށް ކުޅަދާނަވާ މިންވަރަކަށް" ޔަލާ ބުންޏެވެ.

"ޔަލްއަށް ހީވޭތަ މިރޭ މިގޭ ކުއްޖެއްގެ ވެޑިން އޮތްހެން" ޒަވީ ބުންޏެވެ.

"އަހަރެމެންނަށް ހީވިޔަސް ހީވިނުވިޔަސް މަންކޮ މެރީކޮށްފި. އެކަން ކުރި އަހަރެމެންގެ ކުރިމަތީގައެއްނު" ޔަލާ ބުންޏެވެ.

"އަހަރެން ހިތަށް އަރަނީ މަންކޮއަށް ކިހިނެއްވެފަބާއޭ އެހުރީ؟ އަހަރެންނަށް ސަތޭކަ ޕަސެންޓް ޔަގީން ޝައިހާންދެކެ މަންކޮ ލޯތްބެއްނުވޭ. ދެން ކީއްވެ؟ މަންކޮއަށް ކޮން މަޖުބޫރީއެއްވީ؟ ނަޒާން އެހާވަރުން އުޅޭއިރު މަންކޮގެ ހިތެއްވެސް ނެތީތަ؟ ބައެއްފަހަރު އަހަރެން މަންކޮދެކެ ވަރަށް ރުޅިއާދޭ އެހެން ހިތަށް އަރާފަ. މަންކޮ ދެރަވެގެން އުޅޭތަން ފެނުނީމަ ދެރަވެސްވޭ"

"ދެން މަންކޮދެކެ ހިތްހަމަނުޖެހިގެން ތިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް. އުފަލުގަ އުޅެންޏާ އެނިމުނީނު. މަންކޮ ޝައިހާނު އާ މެރީކުރި ސަބަބާއި ނަޒާނާ ދުރުން އުޅުނު ސަބަބެއް ކޮންމެހެން މިހާރު އަހަރެމެން ހޯދާނެ ކަމެއް ނެތެއްނު. މަންކޮގެ ލައިފްއެއްނު. އުފާވެރިކަން މަންކޮއަށްވެސް ހައްގޭ.... ދެން ތިހެން ނޯވެބަލަ" ޔަލާ ޒަވީގެ ގައިގައި ބައްދާލިއެވެ.

****

ފާހާނައިގެ ދޮރުހުޅުވުނު އަޑަށް ގަބުއަރާފައި ހުރި މަންޝާ ސިހުނެވެ. ދޮރުބުޑަށް ވެއްޓިފައި އިން ސަމާހާވެސް ފުންމައިގެން ތެދުވިއެވެ. ފާހާނާ ދޮރުމަތީގައި ހުރެ ދެއަތަށް ކިރެމުންދިޔަ ޝައިހާންގެ މޫނަށް ބަލަހައްޓައިގެން ހުރި މަންޝާއަށް ހީވީ ކުރިމަތިން ފެންނަމުން އެދަނީ ހުވަފެނެއް ހެންނެވެ. ޝައިހާންގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ނޭފަތުން ކޮންމެވެސް ވަރަކަށް ހުދުކުލައިގެ އޮލަ ދިޔައެއް ފައިބާފައި ހުއްޓެވެ. ނުބައި ވަހެއްވެސް މަންޝާގެ ނޭފަތުގައި ޖެހުނެވެ.

"ޝަ... ޝައިހާނ" މަންޝާ މަޑުމަޑުން ކިޔާލިއެވެ. ދެލޯ ހުޅުވާލާފައި ޝައިހާން މަންޝާއަށް ބަލައިލިއެވެ. އެއްވެސް ވަރެއްނެތް މީހެއް ފަދައިން އެއްތުންފަތުން ޝައިހާން ހީލިއެވެ. ކުއްލިއަކަށް ޝައިހާން ވެއްޓެން ދިޔައެވެ. ބޭއިހުތިޔާރުގައި ސަމާހާއަށް 'މަ ދަރިއާ' އޭ ކިޔާފައި ގޮވާލެވުނެވެ. ހަގީގަތުގައި ޝައިހާން ވެއްޓެން ދިޔައީއެއް ނޫނެވެ. މަންޝާ އާ ގާތަށް ފިޔަވަޅެއް އެޅީއެވެ. ބޭނުންކޮށްފައިވާ ހަކުރުގެ ބާވަތުން އޭނާއަށް ހަމައަށް ކޮޅަށް ހުންނަން ދަތިވަމުން ދިޔައެވެ.

"މަ ން ޝާ.... މީ މަގޭ އަނބިމީހާ. ތިއައީ ދޯ އަހަރެން ކައިރިއަށް" ޝައިހާންގެ ދުލުގައި އެއްވެސް ވަރެއް ނެތެވެ. ރަނގަޅަށް ބަސް ނުކިޔެއެވެ. ކުއްލިއަކަށް މަންޝާ ދުރަށް ޖެހުނެވެ. އެހިނދު ކަނޑާ ވައްޓާލި ރުކެއްހެން ޝައިހާން ވެއްޓި ޖެހުނީ އެނދުމައްޗަށެވެ. އެވެއްޓުނު ގޮތަށް ޝައިހާނަށް ހޭވެރިކަމެއް ނައެވެ. އޭނާ އޮތީ މަސްތުވެފައެވެ. މަންޝާއަށް ބަލަހައްޓައިގެން ހުރެ ތުންފިއްތަމުން ދިޔަ ސަމާހާ ކޮރަމުން އެކޮޓަރިން ނުކުމެގެން ދިޔައެވެ.

*******

ސޯފާގައި އިން މާޝިތާއަށް އެންމެފަހުން ރޮވިއްޖެއެވެ. އޭނާ މޫނުމަތީގައި ދެއަތް އެޅިގޮތުން އާމިރަށްވެސް އިނީ ރޮވިފައެވެ. އާމިރާއި ނަވާލް ގެއަށް ވަނީ ތިނެއްޖަހަން އުޅެނިކޮށެވެ. އަދިވެސް ނަޒާންގެ ހަބަރެއް ނުވެއެވެ. ފޯނުވެސް އޮތީ ނިއްވާލާފައެވެ. މާޝިތާއަށް ދެރަވެގެން ރޮވުނީ ނަޒާން ނުލައި ދެބަފައިން ގެއަށް އައިމައެވެ.

"މަންމާ، ނުރޮއިބަލަ. ދޮންބެ ރަނގަޅޭ. ދޮންބެ ނުކުރާނެ ގޯސްކަމެއް. އަމިއްލަ ނަފުސަށް ގެއްލުމެއް ނުދޭނެ. ކުޑައިރުގެ އުޅުމާއި ބޮޑުވެ ތަސައްރުފު ފުދުނީމަ އުޅޭ އުޅުން ތަފާތުވާނެ" މާޝިތާއަށް ވިސްނައިދެވޭތޯ ނަވާލް މަސައްކަތް ކުރިއެވެ.

"އެކަމަކު އަހަރެން ބުނެފަ އޮންނާނީ ތި ހުރިހާ ކުދީން ކައިރީގަ. މަންމައަށް ވާނުވާ ނާންގާ ބޭރުގަ އުޅެގެން ނުވާނެކަމަށް" މާޝިތާ ބުންޏެވެ.

"ދެން މިރޭ ހިނގާ ނިދަން ދަމާ. އެ ހިތްދަތިކަމުން އަރައިގަންނަން އެސޮރަށް ވަގުތުދީ. އެހެން ހުރެފަ އައިސްދާނެ. އެސޮރަށް ކަމެއްވިނަމަ މިހާއިރުވާ އިރު އަހަރެމެންނަށް ނޭނގިއެއް ނުހުންނާނެއްނު. ވެދާނެއްނު އަމިއްލަ ނަފުސަށް ރައްކާތެރިކަން ދޭންވެގެން އޭނާއަށް ހިތްދަތިކަން ލިބުނު މާހައުލާ ދުރަށްޖެހިލި ކަމަށްވެސް" އާމިރު ބުންޏެވެ. މާޝިތާގެ އަތުގައި ހިފައި ސޯފާއިން ނެގީ ގަދަކަމުންނެވެ. ހިތް ނުތަނަވަސްވެފައިވާ ހާލު އާމިރާއެކު މާޝިތާ ހިނގައިގަތެވެ.

"ދަރިފުޅުވެސް ދޭ ނިދަން"

ނަވާލް ސިޑިން އަރައިގެން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއަށް އޭނާގެ ލޯ ހޭނެއް ވަގުތުކޮޅެއް ނެގިއެވެ. ހެދުން ބަދަލުކޮށް ހެދީ އެ އަލިކަމުގެ ތެރޭގައެވެ. ތިއާއަށް އުނދަގޫވެގެން ހޭލެވިދާނެތީއެވެ. އޭނާ ގެއިން ދިޔަވަގުތު ބޮލުގައި ރިއްސާތީ އުޅުނެވެ. އެނދަށް އަރާފައި ތިއާގެ މޫނުގައި ބޮސްދޭން އޭނާ އުޅުނެވެ. އެހިނދު އޭނާއަށް ހައިރާންކަން ލިބުނެވެ. ތިއާ ނިދާފައި އޮތީ ހެދުން ބަދަލުނުކޮށެވެ. ތިއާއަށް ނުގޮވައި އޮތްގޮތަށް ބާއްވާފައި ނިދޭތޯ ނަވާލް ދެލޯމަރާލިއެވެ. އޭނާއަށް ނޭނގުނީ ތިއާ އޮތީ ހޭލާކަމެވެ. ރޭގަނޑުގެ ނިދި ތިއާއަށް އަލްވަދާއު ކިޔާފައިވާކަމެވެ.

*****

އެނދުގެ ކަނުގައި ދެފައި ކުރުކޮށްލައިގެން މަންޝާ އިނެވެ. އަދިވެސް އެނދަށް ވެއްޓުނުގޮތަށް ޝައިހާން އޮތެވެ. މަންޝާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޝައިހާންގެ ހަގީގަތް އޭނާގެ ދެލޯ ކުރިމަތީގައި ހާމަވުމުން އޭނާ އިނީ ގޮތްހުސްވެފައެވެ. މައިންބަފައިންނާއި އެންމެގާތް އެކުވެރިޔާގެ ދެއްކި ވާހަކަތައް އަޑުނޭހުނީތީ އިންތިހާދަރަޖައަށް ދެރަވެ ހިތްހަލާކުވެފައެވެ. ކައިވެނިކުރަން އެއްދުވަހަށް ކުރުވެފައި ވަނިކޮށް ނަޒާން އޭނާ ބައްދަލުކޮށް ދެއްކި ވާހަކަތައް ހަނދާނަށް އައުމުން މަންޝާއަށް ހީވީ ހިތްފަޅައިގެންދިޔަ ހެންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކައިވެނި ކުރަން ކޯޓަށް ވަނުމާ ހަމައަށް ނަޒާން ހުރީ ދެގޮތެއްނުވެ އޭނާ އާ އެކުގައެވެ. ދެކަކުލުގައި ބޯއަޅައިގެން އިން މަންޝާއަށް ގިސްލެވެމުންދިޔަ އިރު އެކި ދުވަސްމަތިން އޭނާ ނަޒާނާއެކު ހޭދަކޮށްފައިވާ ވަގުތުތަކުގެ ހަނދާން އާވަމުން ދިޔައެވެ. އޭނާ ހިތާހިތުން ނަޒާނާ ވާހަކަދައްކަމުން ދިޔައެވެ.

"ނަޒާން... އައިމް ސޮރީ. ތިއީ ތެދުވެރިއެއް. އަހަރެންދެކެ އެންމެ ލޯބިވި މީހަކީ ތިއީ. ޝައިހާންގެ ހަގީގަތް އަންގައިދޭން ކިހާ މަސައްކަތެއް ކުރިން. އަހަރެންގެ ޒަވާޖީހަޔާތް ނުފެށެނީސް އަހަރެން ދެކުނު ހުވަފެންތައް ވިއްސިވިހާލިވެގެން ހިނގައްޖެ. ޝައިހާނަކީ ދޮގުވެރިއެއް. މަކަރުވެރިއެއް... މަންމަވެސް... ދޮންބެވެސް... ހަމްވެސް އަދި ނަވާލްވެސް އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރި. ތިއިން މީހެއް ކައިރިއަށް އަހަރެން ދާނީ ކޮން މޫނަކައިގެން. އަހަރެން ލަދުގަނޭ"

މަންޝާ އެހެން އިންދައި ކޮޓަރީ ދޮރުމައްޗަށް އެރީ ސަމާހާއެވެ. ސަމާހާ ހުރީ ހުދުކުލައިގެ ނަމާދު ދޮޅީގައެވެ. ކޮރަމުން ކަހަލަ ގޮތަކަށް ތަންތަނުގައި ހިފަހައްޓަމުން އައިސް ސަމާހާ ހިފީ އެނދުގެ ކަނުގައި އިން މަންޝާގެ އަތުގައެވެ. މަންޝާ ބޯއުފުއްލާ ބަލައިލިއެވެ. ފުރަތަމަ ހީކުރީ ޝައިހާން ކަމަށެވެ. ކައިރީގައި ހުރި ސަމާހާ ފެނުމުން މަންޝާ ރޮއެގަތެވެ. ސަމާހާގެ ގައިގައި މަންޝާ ބައްދައިގަތެވެ. ސަމާހާ މަންޝާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. މަންޝާ ރޯން ވަގުތުދީގެން ހުއްޓެވެ. މަންޝާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ސަމާހާގެ ދެއަތުން ފޮހެދިނީ އިރުކޮޅެއް ފަހުންނެވެ.

"ހިނގާބަލަ މަންމައާއެކު"

މަންޝާ އަތުގައި ހިފައިގެން ސަމާހާ ހިނގައިގަތެވެ. ބޮއެގެން ވެއްޓިފައި އޮތް އަމިއްލަ ދަރިފުޅަށް އެންމެ ފަހަރަކުވެސް އޭނާ ބަލައިނުލައެވެ. މަންޝާ ގޮވައިގެންގޮސް އޭނާ ވަނީ އެނާގެ ކޮޓަރިއަށެވެ. މަންޝާ އެނދުގައި ބައިންދާފައި އަރިމަތީ ކަބަޑުމަތީގައި ހުރި ފެންފުޅިން ފެންތަށްޓެއް އަޅާފައި ދިއްކޮށްލިއެވެ. ފެންތަށިން މަންޝާއަށް ބޮވުނީ ކުޑަ މިންވަރެކެވެ.

"ނަމާދަށް އެރޭތަ؟" ސަމާހާ އެހިއެވެ. ސަމާހާ ބޭނުންވީ މަންޝާގެ ހިތަށް ހަމަޖެހުމެއް ދިނުމުގެގޮތުން އެންމެ ފުރަތަމަ ކަމަކަށް މަންޝާ ނަމާދަށް އަރުވާށެވެ. އެހެނީ އެވަގުތަކީ ސުންނަތް ނަމާދުތަކުން އެންމެ މާތްވެގެންވާ ނަމާދު ކަނޑައެޅިފައިވާ ވަގުތެވެ.

"ޝައިހާނު ޒުވާން ދުވަސްވަރަށް އެޅީއްސުރެ ފެށިގެން އަހަރެންނަށް ފެންނަ މަންޒަރަކީ އެއީ. ޝައިހާނަކީ ވަރަށް ވިޔާނުދާ ކުއްޖެއް. މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުމާއި މާރާމާރީއަކީ އޭނާ ދެވިހިފާފައި ހުރި ކަންކަން. ވަޒީފާ އަދާކުރަނީ ނަމަކަށް. މުސާރަ އަތަށް ލިބުމާއެކު ހަކުރު ބޮއެ އޮންނަނީ ހުސްވެފަ" ކައިރީގައި އިނދެ ސަމާހާ ދައްކަމުންދިޔަ ވާހަކަތަކުން މަންޝާ އިނީ ހައިރާންވެފައެވެ.

ޝައިހާނާ ބެހޭގޮތުން އެންމެން ދެއްކި ވާހަކަތައް އޭނާ ދޮގު ކުރިއެވެ. ސަމާހާއަކީ ޝައިހާން ބަނޑުއަޅާ ވިހޭ މައިމީހާއެވެ. ސަމާހާގެ ބަސް ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟

"އެހެން އޮންނާނެ މާދަން މެންދުރު ވަންދެން. ނަމާދަކަށް ނާރާނެ. ހޮސްޕިޓަލުގަ އޮތް ދުވަހު އަހަރެން ދަރިފުޅަށް އިޝާރާތް ކުރީމެއްނު. މަންމަގެ ދަރިއަކަސް އެދަރި ކުރާ ނުބައި ކަންތައްތަކުން ސަލާމަތް ކުރަން މަސައްކަތެއް ނުކުރާނަން" މަންޝާ ބޯޖަހާލިއެވެ. އެދުވަސް އޭނާގެ ހަނދާނަށް އައެވެ.

"އަ... އަޅުގަނޑު ހީކުރީ ޝައިހާން ބަލިކަމަށް. ބުނީވެސް އެހެން" މަންޝާ ބުންޏެވެ.

"ބައްޔެއް ނޫން. ދަމާލާނެ އެތިކޮޅެއް ނުލިބުނީމަ އެއަށް ބޭނުންވެފަ ހުރީ. ކޯޓުން އެ އައިގޮތަށް އަހަރެން ފޮރުވާފައި އޮތް ފަސް ސަތޭކަ ރުފިޔާ ހިފައިގެން ބޭރަށް ގޮސްފައި އައިގޮތަށް ވަނީ ފާހާނައަށް" ސަމާހާ ވާހަކަދެއްކިއެވެ. މަންޝާ އިންތިހާއަށް ދެރަވިއެވެ.

"ރަނުގެ ފައިސާ ދިންތަ؟" ސަމާހާ އެހިއެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"އަތުގެ ލާރިނެތިގެން މަންމަ ދިނިން ތިންހާސް ރުފިޔާ. ކީއްކުރާނީ؟ ދަރިފުޅާ ބައްދަލުކުރަން މަންމަ އެތައް މަސައްކަތެއް ކުރިން. މަންމަ ކޮޓަރިއަށް ވައްދައި ތަޅުލާފައި ފޯނު އަތުލާފައި މިދިޔަ ރަމަޟާން މަސް މަންމަ ހޭދަކުރީ އެކަހަލަ ގޮތަކަށް. ކައިވެނިކުރަން އުޅުނުއިރު ތިގެއަށްވެސް މަންމަ ނުގެންދިޔަ. އެއީ ދަރިފުޅަށް ހަގީގަތް ކިޔައިދީފާނެތީ. ރަނގަޅަށް ހުންނައިރު ހީވާނީ އެހެންފަދަ ކަމެއްހެން. އެހާ ރަނގަޅުވާނެ"

މަންޝާ ވިސްނާލިއެވެ. ޝައިހާން އޭނާއަށް ދޮގުހަދާފައި ހުރީ އެއްފަހަރު ދެފަހަރު ނޫންކަން އެނގުނެވެ. އިސްޖަހާލައިގެން މަންޝާ އިންއިރު އިރުކޮޅަކާ ނޭފަތް އެތެރެއަށް ދަމާލައެވެ. ދެލޯ ކައިރި ފޮހެލާނެއެވެ.

"ޝައިހާނަށް ހޭވެރިކަމެއް ވުމުގެ ކުރިން ދަރިފުޅު މިގެއިންދޭ. އަވަހަށް ސަލާމަތްހޯދާ. ކޮންމެ ހާލެއްގައިވެސް މަންމައަށް މަޖުބޫރު މިތާ އުޅެން" ސަމާހާ ބުންޏެވެ.

*******

ފަތިސްނަމާދަށް ގޮވި އިރުވެސް މަންޝާ އޮތީ ނުނިދިފައެވެ. އޭނާ އޮތީ ސަމާހާގެ އެނދުގައެވެ. ސަމާހާ ގޮނޑީގައި ނަމާދަށް އިނެވެ. މަންޝާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާއަށް ވިސްނެމުންދަނީ ސަމާހާ ދެއްކި ވާހަކަތަކާމެދުގައެވެ. ކައިވެނީގެ ފުރަތަމަ ރެއެވެ. އިރުއަރަންވާއިރަށް މައިންބަފައިން ކައިރިއަށް ދާންވީ ހެއްޔެވެ؟ އެމީހުންނަށް ޝައިހާންގެ ހަގީގަތް އެނގުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް މައިންބަފައިން ތިބީ ހިތްހަމަޖެހިގެނެއް ނޫނެވެ. ހުރި ހަމައެކަނި އަންހެންދަރީގެ ކައިވެނި ކުރެވުނުތާ އަދި ބާރަގަޑިއިރު ނުވެއެވެ. މަންޝާ ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ވާކަން އެނގުމުން އެއިން މީހެއްގެ ހިތްފަޅައިގެން ގޮސް ޝޮކަކަށްވެސް ހިނގައިދާނެއެވެ. އެހެންވެއްޖިއްޔާ ދުވަހަކުވެސް މަންޝާއަށް އަމިއްލަ ނަފުސަށް މައާފެއް ނުކުރެވޭނެއެވެ.

"ކޯޗެއް ތިވިސްނަނީ؟" ނަމާދުކޮށް ނިމިގެން ސަމާހާ އައިސް އިށީނީ މަންޝާގެ މަގަތުންނެވެ.

"މަންމާ، ތިއީވެސް އަޅުގަނޑުގެ މައެއްނު. އަޅުގަނޑު ގޮތެއް ނިންމައިފިން. މިގެއިން ނުކުމެގެން އަޅުގަނޑު އަދި ދާން ބޭނުމެއް ނޫން. އިންސާނަކަށްވީތީ އަޅުގަނޑުވެސް ލަދުގަނޭ. އަޅުގަނޑުގެ މައިންބަފައިންނާއި އާއިލާ މީހުން ކައިރީގަ ކިހިނެއް ބުނާނީ އަޅުގަނޑުގެ ފިރިމީހާ އެހެންނޭ މިހެންނޭ. ހަގީގަތުގަ އެމީހުން މި ކައިވެންޏާ ނުރުހޭ. އަޅުގަނޑު ބޭނުންވެގެން ކައިވެނި ކުރީ. އެކަމަކު އާޚިރުގަ މިވީ ކިހިނެއް؟ ޝައިހާނަށް ހޭވެރިކަމެއްވުމުން އަޅުގަނޑު ވާހަކަދައްކަން ބޭނުން. ސުވާލުކުރަން ބޭނުން. އޮޅުންފިލުވަން ބޭނުން މިވަރުގެ ބޮޑު ދެރައެއް އަޅުގަނޑަށް ދޭންޖެހުނު ސަބަބެއް. އަޅުގަނޑަށް އެއްކަމެއް ޔަގީން. އެއީ ދުވަހަކުވެސް.... ދުވަހަކުވެސް ޝައިހާނަށް ހިތްހެވެއް ނުކުރާނަން. މައާފެއް ނުކުރާނަން. އިނދެގެން ނުވެސް އުޅޭނަން. އެކަމަކު މިވަގުތަށް އަޅުގަނޑަށް މަޖުބޫރު އަޅުގަނޑުގެ ވަށައިގެން އުޅޭ އެންމެނަށް މިކަން ސިއްރުކުރަން. މަންމާ، މަންމަގެ އެހީތެރިކަން އަޅުގަނޑު ބޭނުންވާނެ. އަޅުގަނޑު ކައިރީ އިހަށް މިގެއިން ދާށޭ ނުބުނޭ. އަޅުގަނޑު ދާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ މަންމަ އާއި ބައްޕަ މޮޔަވެދާނެ. އެމީހުން ހިތްދަތިވެގެން މަރުވެދާނެ. ޝައިހާނާއެކު އެ އެންމެންގެ ކުރިމަތީގައި އަޅުގަނޑުގެ އަގުވެއްޓި ފަޟީހަތްވެދާނެ"

މަންޝާ ރޯންފެށުމުން ސަމާހާ ހިތުގައިޖެހުނެވެ. އަމިއްލަ ދަރިއެއް ފަދައިން އޭނާގެ މޭގައި މަންޝާ ޖައްސާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟