ވާހަކަ

ދީވާނާ ހިތް - 37

10

ގޮނޑިތަކުގެ އެންމެ ކުރީގައި އިނީ މަންޝާއެވެ. އޭނާއާ ޖެހިގެން މިހާދު އިންއިރު ޝައިހާނަށް ހުރި ގޮނޑި ހުރީ ހުސްކޮށެވެ. މަންޝާ ކަންބޮޑުވިއެވެ. ޝައިހާނުގެ ހަބަރެއް ނުވެއެވެ. އެތެރެއިން ނުކުތް އަންހެން ކުއްޖެއް ދެތިންފަހަރަށް ޝާއިހާނު އާދޭތޯ ސުވާލުވެސް ކޮށްފިއެވެ.

"ނުނަގާތަ ފޯނު. އަދި އެއްފަހަރު ގުޅާބަލަ. މިފަހަރު ފޯނު ނުނަގައިފިއްޔާ ދޮންބެ މިތަނުން ގެއަށް ދާނީ މަންކޮ ގޮވައިގެން" ފަހަތުގައި އިން ޒަވީ ތެދުވެގެން އައިސް މަންޝާގެ ގައިގައި ކޮށްޓާލާފައި ބުންޏެވެ. މަންޝާ އަނެއްކާވެސް ޝައިހާނަށް ގުޅާލިއެވެ. ފޯނު ރިންގުވަމުން ދިޔައެވެ. ކުއްލިއަކަށް އެންމެން ބަލައިލީ ކޯޓު މުވައްޒަފަކާއެކު އެތަނަށް ވަދެގެން އައިސް ހުއްޓުނު ޝައިހާން ފެނިފައެވެ. މަންޝާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިލިއެވެ.

"އިށީންނަވާ" އިށީންނަންވީ ގޮނޑި ޝައިހާނަށް ދެއްކުމަށްފަހު އެކުއްޖާ ދިޔައެވެ.

"ހާދަ ވަރަކަށް ގުޅައިފީމޭ. ކޮންތާކުން ތިއައީ؟ ބަލީތަ؟ ދެލޯ ވެސް ހާދަ ރަތޭ" މަންޝާ ވާހަކަދެއްކިއެވެ. ކައިރީގައި އިން މިހާދުވެސް ޖަވާބު ބޭނުންވެފައި ޝައިހާނަށް ބަލަހައްޓައިގެން އިނެވެ.

"ހުން އައިސްގެން މިއަދު މިއުޅެނީ. ރޯގާވެސް ޖެހިފަ. ބޭރަށް ހިންގާފަ ހޮޑުވެސް ލެވެނީ. ވަރަށް ހީވެސްކަރުވާ. ވަރަށް ހިތްވަރުކޮށްފިން. މިއައީ އެހެން ހުރިހާ ރެއަކަށް ވުރެ މިރޭ އަހަރެމެން ދެމީހުންނަށްވެސް ހާއްސަ ރެއަކަށްވީމަ" ޝައިހާން ވާހަކަދެއްކިއެވެ.

"ޑޮކްޓަރަށް ދެއްކިންތަ؟ ބޭހެއްވެސް ނުކަންދޯ" މަންޝާ އެހިއެވެ.

އެ ހިސާބުން ކައިވެނިކޮށްދޭ މީހުން އަތުވެއްޖެއެވެ. ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު ތަނުގައި ތިބި ހުރިހާ މީހުންގެ ސަމާލުކަން ދިމާކުރިމައްޗަށް އިން ގާޒީއަށް ހުއްޓިއްޖެއެވެ. ޒަވީ ތެދުވެގެން ގޮސް އޭނާއާ ހަވާލުކުރި ކަންތަކައިގެން އުޅުނެވެ. އިސާހިތަކު ކައިވެނީގެ މަޖިލިސް ފެށިއްޖެއެވެ. ކައިވެނީގެ ހުތުބާ ޝައިހާނަށް ލައިދެމުން ދިޔައިރު ބައެއްފަހަރު ނިދި ޖެހިފައި އިންނާތީ މަންޝާ، ޝައިހާނުގެ ގައިގައި ކޮށްޓާލައެވެ. މިހާދު ވަލީދިނެވެ.

"ޝައިހާން، މާފުކުރައްވާ ޝައިހާން ވަރަށް ބަލިކޮށް އެ އުޅެނީ" މަންޝާ ބުންޏެވެ.

އަނބި ގަބޫލުކޮށްފިންތޯ ގާޒީ ތަކުރާރުކޮށް އަހައިގެންވެސް ޝައިހާންގެ ޖަވާބެއް ނައެވެ. ޝައިހާނަށް ފެންދީފައި ކުޑަކޮށް ރަނގަޅުވެލަންދެން މަޑުކޮށްލާފައި އަނެއްކާވެސް ގާޒީ އެހިއެވެ. ޝައިހާނު ހީލާފައި ކުޑަކޮށް ރަނގަޅުކަމަށް ބުންޏެވެ. އަނބި ގަބޫލުކޮށްފީމޭ ބުނީ ދެނެވެ. މަންޝާ ދެލޮލުން ކަރުނަ ނީރާލިއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެއް ނޫންކަން ހުދު އޭނާގެ އަމިއްލަ ހިތްވެސް އެއްބަސްވިއެވެ. އޭނާ ހިތް އެދުނީ ކައިވެނިކޮށް ނިމުމާއެކު މަގުމައްޗަށް ނިކުންނާށެވެ. އޭނާގެ އިންތިޒާރުގައި ނަޒާން އަދިވެސް ބޭރުގައި އިންތޯ ބަލާށެވެ. ކައިވެންޏަށްފަހު ދުވަހަކުވެސް ނަޒާން ދުށުމަށް ބޭނުންނުވާކަމަށް ތަކުރާރުކޮށް ހިތް ބުނަމުން ދިޔައިރުވެސް ހުރިހާކަމެއް ބަދަލުވެއްޖެހެން މަންޝާއަށް ހީވިއެވެ. ނަޒާން ދުށުމަށް އޭނާގެ ލޯ އެދެންވީ ސަބަބެއް ނޭނގުނެވެ.

"ކީއްވެ؟ ކީއްވެތަ އަހަރެން ބޭރަށް ނިކުންނަން ބޭނުން މިވަނީ؟ އަހަރެން ބޭނުންވިގޮތަށް ކައިވެނިކުރެވިއްޖެ. މަންމަ، ބައްޕަ، ދޮންބެ. އެކަކުވެސް ހުރީ އުފަލަކުން ނޫން. ހުރިހާ މީހުން އިސްކަންދިނީ އަހަރެންގެ އުފަލަށް. މިހާބޮޑު އުފަލެއް ލިބުނުއިރު އެކަން އަހަރެންގެ ހިތް ބަލައިނުގަންނަނީ ކީއްވެތަ؟" ކައިވެނީގެ ހުރިހާކަމެއް ނިމި ގެއަށް ދާން ނިކުންނަންދިޔަ މަންޝާގެ ހިތް އޭނާއާ ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ އެއްފަރާތުގައި ހަމްރާ ހުއްޓެވެ. ކައިވެންޏަށްފަހު މަންޝާގެ މިޒާޖަށް ބޮޑު ބަދަލެއް އައިކަން ފާހަގަވީ ހަމައެކަނި ހަމްރާއަށެވެ.

"ޑޮކްޓަރަށް ދައްކާލަން ދާންވީނުން. އެހެންނޫނީ މާބޮޑުވަރު ވެދާނެ" ޝައިހާނު ކައިރީގައި ހުރި މިހާދު ބުންޏެވެ. މިހާރު ކޮންމެގޮތެއް ވިޔަސް ޝައިހާނަކީ އެ ދެމަފިރިންގެ ދަރިއެކެވެ. މަންޝާއަކީ އެ ދެމަފިރިންގެ މޭގެ އެތިކޮޅެވެ. އެ ދަރިފުޅާއެކު މުޅި ހަޔާތް ވެއަތުކުރަން ހުރި އިންސާނަކީ ޝައިހާނެވެ. ބޭނުންނުވިޔަސް ޝައިހާނަށް ދަރިއެއްގެ ދަރަޖަދޭން އެބަޖެހެއެވެ. އެ ދެމަފިރިންގެ ފަރާތުން ޝައިހާނަށް ލޯތްބާއި އޯގާތެރިކަން ދިންވަރަކުން ނޫނީ ޝައިހާންގެ ފަރާތުން މަންޝާއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. މަންޝާއަށްޓަކައި ނަމަވެސް ހުރިހާކަމެއް ބަދަލުކުރަން އެބަޖެހެއެވެ.

"އަހަރެން މިދަނީ ޑޮކްޓަރަށް ދައްކަން ދާން. އެންމެން ގެއަށް ދާންވީނުން. ޑޮކްޓަރަށް ދައްކާފަ އަހަރެން ޖޮއިންކުރާނަން" ޝައިހާން ބުންޏެވެ. މައިންބަފައިން ދޭނެ ޖަވާބަކަށް އޭނާ ނުވިސްނައެވެ. ހަމްރާ ކައިރީގައި ހުރި މަންޝާގެ ކޯތާފަތުގައި ފިރުމާލާފައި އޭނާ ހިނގައިގަތެވެ.

"ހިނގާ. އެ ބުނާހެން އޭނައަށް އެހާވަރުވެފަ ހުރީމަ އެދަނީ. ޔަގީން ވަރަށް ދެރަވާނެކަން. އެކަމުވެސް އެބުނީނު އަންނާނަމޭ" އާއިލާއާއެކު މަންޝާ ހިނގައިގަތެވެ. އޭނާ އެރީ މިހާދާއި ދިލްޝާދާއެކު ކާރަށެވެ. ފަހަތުން ޔަލާއާއި ޒަވީ އަދި ނަވާލާ ތިއާ ސައިކަލުގައި ދިޔައެވެ.

*****

"ކީއްވެ މިތަނަށް ތިމަޑުކުރީ" ތިއާ ބުންޏެވެ. ގެއަށް ދިއުމުގެ ބަދަލުގައި ނަވާލް ސައިކަލު މަޑުކޮށްލީ ހޮސްޕިޓަލް ކައިރީގައި ހިތްފަސޭހަކޮށްލުމަށް މީހުން މަޑުކޮށްލައިގެން ތިބޭ ހިސާބެއްގައެވެ. ސައިކަލު މަޑުކޮށްލި ގޮތަށް ނަވާލް ނެގީ ފޯނެވެ. އޭނާ ގުޅީ ނަޒާނަށެވެ. ނަވާލްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.

"ކިހިނެއްވީ؟ ދޮންބެއަށް ތިގުޅަނީ ކީއްކުރަން؟" ތިއާ ބުންޏެވެ.

"ދެރަވަނީ. އިނގޭ ތިއާއަށް ހުރިހާ އެއްޗެއް އިނގޭކަން. ފެނުނެއްނު ދޮންބެ އިންގޮތް. ދޮންބެ ހާދަ ވަރެއްވެފައޭ އެހުރީ. އެހެންނޫނަމަ މިޒަމާނު ތިމާ ލޯބިވާ އަންހެންކުއްޖާ ސައިކަލު ފަހަތަށް ލައިގެން ކައިވެނިކޮށްދޭ މަންޒިލަށް ގެނެސްދޭނީ ކާކު؟ މަންޝާގެ ނިންމުމަށް ދޮންބެ ކިހާ އިހުތިރާމެއް އެކުރީ؟ އަމިއްލަ ހިތްމަތީގައި ހިލަގަނޑެއް ބާއްވައިގެން ދޮންބެ އިސްކުރީ މަންޝާގެ އުފާ. ދޮންބެގެ ހިތް ފަޅައިގެންގޮސް ހަށިގަނޑު ލޭގެ ކޯރަކަށްވެފައި އޮތްއިރުވެސް މަންޝާއަށް ދެއްކީ ހިނިތުންވުން. އަހަރެން ހިތަށް އަރާ ދޮންބެ މަންޝާ ދެކެ އެވާ ލޯތްބަށް ބަލާފައި އަހަރެންނަށް....."

ނަވާލަށް ޖުމުލަ ފުރިހަމަ ނުކުރެވުނެވެ. ހުއްޓާލާފައި ނަވާލް ބަލަން ފެށީ ދިމާލަށް ފެންނަން އޮތް އެއްވެސް އަލިކަމެއް ނެތް މާސިންގާ ބޮޑުކަނޑަށެވެ. އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުތަކުގެ ލައިޓުތަކުގެ އަލިނޫން އެހެން އެއްވެސް އަލިކަމެއް ކަނޑުމަތިން ނުފެނެއެވެ.

"އަހަރެންވެސް ވަރަށް ދެރަވޭ. މަންގެ އެ ނިންމުމާ އެކަކުވެސް ހެޕީހެނެއް ހިއެއް ނުވޭ. ބޮޑުމަންމަވެސް ފާޑަކަށް އިނީ. ދުށީމެއްނު. އަނެއްކާ އެ ޝާއިހާނު އައިމަ އަހަރެން އެވީ ފޫއްސެއް. ހުންއައިސް ބަލިވެ އިން މީހަކަށް ވުރެ ބޮޑަށް އަހަރެންނަށް އޭނަ ވައްތަރުވީ އެއްޗެއް ބޯލައިގެން އައިސް އިން މީހަކާ. ބޭސްގުޅައެއް ދިނީމައެއްނު އޭނައަށް އަނބި ގަބޫލުކުރެވުނު ކަމަށްވީ. އަހަރެން ހިތަށް އަރަނީ އެ ކައިވެނީގެ މުއްދަތު ކިހާ އަވަހަކަށް ހަމަވާނެބާވައޭ"

ނަވާލަށް ހެވުނެވެ. ޝައިހާނަކީ ކޮންކަހަލަ މީހެއްކަން އޭނައަށް އެއްވެސް މީހަކު ކިޔައިދޭކަށް ނުޖެހޭނެއެވެ. އޮފީސްތެރެއިން ކޮންމެ ދުވަހަކު ޝައިހާންގެ ބަހުގެ އެތައް ހަމަލާއަކާ ނަވާލް ކުރިމަތިލައެވެ. މަންޝާއަށް ހަގީގަތް އަންގައިދޭން އޭނާ މަސައްކަތްކުރިއެވެ. ގަބޫލުނުކުރީ މަންޝާއެވެ. އެހެން އެވީވެސް ނަވާލްގެ ސަބަބުންނެވެ. މަންޝާ ނުބައި މަގެއް ހިޔާރުކުރީ ނަވާލްގެ ސަބަބުން މަންޝާ ވެއްޓިގެންދިޔަ އަނދަވަޅެއްގެ ސަބަބުންނެވެ.

"ދޮންބެ ނުނަގައޭ ފޯނު. އެކަމު ރިންގުވޭ" ނަވާލް ބުންޏެވެ.

"ދެން ހިނގާ. އެގޭގަ ޑިނާ އެބައޮތެއްނު. މިހާރު މަންމަމެން ތިބޭނެ. ދޮންބެވެސް ހުރެދާނެއްނު" ތިއާ ބުންޏެވެ.

"ނަވާލް ސައިކަލަށް އަރާ އިށީނެވެ. އައިކޮޅަށް ސައިކަލް އަނބުރާލިއެވެ. ނަޒާނާ މެދު އަދިވެސް އޭނާ އިނީ ކަންބޮޑުވެފައެވެ.

"މިހެން މިވީ އަހަރެންގެ ސަބަބުން. ދޮންބެއަށް ދޮންބެގެ ލޯބި ހާސިލުނުވީ އަހަރެންގެ ސަބަބުން. ދޮންބެ އެކުރާ ހިތާމަތަކުގެ އެންމެބޮޑު ސަބަބަކީ އަހަރެން. އެކަމަކު އަހަރެން މަންޝާއަށް ބޭވަފާތެރިވުމަކީ ދޮންބެއަށް އަދަބު ލިބެންވީ ސަބަބެއް ނޫން. ކިހިނެއް ހަދާނީ؟ އެ ހިތާމަތަކުން ދޮންބެ ނެރެން އަހަރެންނަށް ކޮންކަމެއް ކުރެވޭނީ؟ އެ ހުރިހާ ވާހަކައެއް ކިޔައިދެވޭކަށްވެސް ނެތް. އެ ހުރިހާ ވާހަކައެއް ކިޔައިދީގެން އެކަކު ރުޅިނަޔަސް ތިއާ ރުޅި އަންނާނެ. އެއީ މަންޝާގެ ހިތް ހަލާކުކޮށްފަ އަހަރެން ތިއާގެ ކައިވެންޏަށް އެދުނީމަ" އެ ހުރިހާ ވާހަކަތަކެއްވީ ނަވާލްގެ ހިތުގައެވެ.

"މަ.....ން.....މާ.... ނަވާލް" ވިސްނުންތަކެއްގައި އިނދެ ވަންވޭ ފާޅާލެވުނުކަމެއް ނަވާލް ނުދެނަހުއްޓެވެ. ގޯޅިއަކުން ނިކުތް ކުޑަ ޕިކަޕެއްގެ ދަށުނުވެ ނަވާލްގެ ދެމަފިރިން ސަލާމަތްވީ ޕިކަޕުގައި އިން ޑްރައިވަރުގެ ހުޝިޔާރުކަމުންނެވެ.

"ތަދުވިތަ؟" ނަވާލް އެހިއެވެ.

"ތަދެއް ނުވޭ. އެކަމު ވަރަށް ބިރުގަނެއްޖެ"

"ސޮރީ ލަވް..." ނަވާލް ބުންޏެވެ.

****

ދެފަރާތުގެ އައިލާ ގޭތެރެއަށް ޖަމާވުމާއެކު ކެއުން ފެށުނެވެ. މަންޝާ ކައިރީގައި ހަމްރާ އިނެވެ. އެ ދެކުދިން ނޫން އެހެން ހުރިހާ މީހުން ކެއުމައިގެން މަސްއޫލުވެފައެވެ. ހިތް ނޭދުނަސް މަންޝާއަށް އިރުކޮޅަކާ ދޮރާ ދިމާލަށް ބަލައިލެވެއެވެ. އެންމެން ހަމަވެއްޖެއެވެ. ނަޒާނެއް ނުފެނެއެވެ. ނަޒާން ކޮބައި ހެއްޔެވެ؟ އޭނާ ވީ ކޮންތާކު ހެއްޔެވެ؟ އޭނާގެ ހާލު ރަނގަޅު ހެއްޔެވެ؟ މިހާރު ހުންނާނީ ވަރަށް ދެރަވެފައެވެ. މަންޝާގެ ނަޒާންގެ އެކި ވިސްނުންތަކުން މަންޝާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ.

"ހިނގާ ކާން ދާން. މަން ދާން ނޫޅޭތީވެ މަވެސް ނުދާން މި އިންނަނީ" ހަމްރާ ބުންޏެވެ.

"ކާހިތެއް ނެތް. ބަނޑުހައެއްވެސް ނުވޭ. ބޯހަމަޖައްސާލަން ނިދާލަން ބޭނުމީ"

"ނުއެއް ނިދޭނެއްނު މިރެޔަކު. ޝައިހާނެއްނު މިރޭ ހުންގާނުގަ ހުންނާނީ" މަޖާވެފައި ހަމްރާ ބުންޏެވެ.

"ޝައިހާން ބައްޔެއްނު. އެހެންނޫނަސް އަހަރެންނަށް މަނާ" މަންޝާ ބުންޏެވެ.

ކުއްލިއަކަށް މަންޝާ ތެދުވީ އޭނާއާ ދިމާލަށް އައި ނަޒާންގެ މައިންބަފައިން ފެނިފައެވެ. އޭނާ ހިނިތުންވުމެއް ދިނެވެ.

"ދެކުދިންނަށް މަރުހަބާ. އެސޮރު ދައްތަމެންނަށް ފެންނާނެގޮތެއް ނުވީތާ. އަދި ބައްދަލުވާނެ" މަންޝާގެ ގައިގައި ބައްދައިލަމުން މާޝިތާ ބުންޏެވެ. ލޯތްބާއި ކުލުނުން ފުރިގެންވީ ބެލުމަކުން މަންޝާއަށް ބަލަހައްޓައިގެން ހުރެފައި އާމިރުވެސް ހިނިތުންވެލިއެވެ. މަންޝާގެ ބޮލުގައި ފިރުމާލިއެވެ.

"މަންޝާ ހިތްހަމަނުޖެހޭ ކަމެއް ޒާންއަށް ކުރެވިފައި އޮތިއްޔާ އެކުއްޖާގެ ފަރާތުން ދައްތަމެން މައާފަށް އެދެން" މާޝިތާ ބުންޏެވެ.

މަންޝާ ހައިރާންކަމާއެކު ހަމްރާއަށް ބަލައިލިއެވެ. މާޝިތާ އެހެން ބުނަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ މަންޝާގެ ހިތުގައި ސުވާލު އުފެދުނެވެ.

"ވެދާނެއްނު އޭނަގެ މަންމަމެނަށް ހުރިހާ ވާހަކައެއް ކިޔައިދީފަކަމަށްވެސް..... ކޮބާ އޭނަ؟ ނުފެނޭ ދޯ. ކީއްކުރާނީ؟ ހިތްހަލާކުވީމަ އަންނާނެ ހިތްވަރެއް ނުހުންނާނެތާ..."

********

އެއްވެސް ފޫހިކަމެއްނެތި ތިއާގެ ފޯނަށް ގުޅަމުން ޒަރޫކް ދިޔައެވެ. އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ތިއާ އަންނާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. އޭނާ ފަހުގެ އިންޒާރު ތިއާއަށް ދީފިއެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު އޭނާ ތެދުވިއެވެ. ލިބުނު ކާމިޔާބީއަށް އުފާކުރަމުން ގޮސް އޭނާ ދޮރު ހުޅުވިއެވެ. އެއީ އަންނާނެކަމަށް އޭނާ އުންމީދުކުރި އިންސާނާއެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. އެތެރެއަށް ވަންނަން ތިއާއަށް އޭނާ ޖާގަ ދެއްކިއެވެ.

"މި ދޮރު ބަހައްޓަންޖެހޭނީ ހުޅުވާފަ" ދެތިން ފިޔަވަޅު ކުރިއަށް އަޅާފައި ތިއާ ބުންޏެވެ.

"އެހާ އަވަހަށް ފަޟީހަތްވާކަށް ބޭނުމެއް ނޫން. އެހެންވީމަ ދޮރު ހުޅުވާފައެއް ނުބެހެއްޓޭނެ" ޒަރޫކް ބުންޏެވެ. ދޮރުލައްޕައި ޒަރޫކް ލޮކް އެޅުވުމާއެކު ތިއާ ލޮކް ހުޅުވިއެވެ. ޒަރޫކް ހޭން ފެށިއެވެ.

"އަހަރެން މިތަނަށް މިއައީ ކަލޭގެ ސަބަބުން އަހަރެންގެ ބޮލަށް ތުރާވެގެން. އަހަރެން މީހަކާ އިނދެގެން ދިރިއުޅުމެއް ފަށައިފިން. ކަލޭ މަށަށް ކޮން އުނދަގުލެއް ތިކުރަނީ؟ އަހަރެން ކަލޭ ދޫކޮށްލާފަ އަންނާނީ ކަލެއާއެކު އުޅެން ބޭނުންނުވީމައެއްނު. އެވަރު ނުވިސްނޭތަ؟"

ޒަރޫކް ހީލިއެވެ. އޭނާ ތިއާ ކުރިމަތީގައި ހުއްޓުނެވެ. ތިއާއަށް ވުރެ އޭނާ އިސްކޮޅުން ދިގުކޮށް ހުރުމުން ކުޑަކޮށް ތިއާގެ މޫނާ ހަމައަށް ގުދުވެލިއެވެ. ނަފްރަތުގެ ބެލުމަކުން ޒަރޫކަށް ބަލައިލާފައި ތިއާ ދުރަށް ޖެހިލިއެވެ.

"ރިވެންޖް.... ހެހެހެ.... އަހަރެންނަކީ ސޯލިހު މީހެއް ނޫން. ރައްޓެހިވެގެން އުޅެފަ. ލޯބިން އެތައް މާތަކެއް ފޮޅުވާފަ. އެކީގަ އުޅޭނެކަމަށް އެތައް ވައުދެއްވެފަ. ކައިވެނިކުރަން ތާރީހެއް ކަނޑައަޅާފަ. ހެދުން ފަހާފަ. ލޮކޭޝަން ބުކްކޮށްފަ. އިންނަން ރަން ކިޔާފަ، ނުވީތާކަށް އަހަރެންގެ އާއިލާ އެތައް ތައްޔާރީއެއްވީމަ ފިލީ. ސަބަބެއް ނުބުނެ އަހަރެންނަށް ފިލައިގެން އައިސް ސިއްރުން ކައިވެނިކޮށްލީ. އަހަރެން މައިތިރިވެގެން ހުންނާނެހެން ހީވޭތަ؟"

ތިއާ ޒަރޫކަށް ދެލޯ އަޅާލިއެވެ. އޭނާގެ ގައިގައި އަތްލަން އުޅޭހެން ހީވާއިރަށް ދޮރާ ގާތަށް ތިއާ ޖެހިލައެވެ.

"އެއީ ކަލޭ އަހަރެން ދެކެ ލޯބިނުވެ އަހަރެންގެ ޖިސްމު ދެކެ ލޯބިވާކަން އިނގުނީމަ. ކައިވެނި ނުކުރެވެނީސް އަހަރެންގެ އިތްފަތްތެރިކަން ފޭރިގަންނަން ކަލޭ މަސައްކަތްކުރީމަ. އަހަރެންނަށް އަނިޔާވި. އަހަރެން ލައިގެން ހުރި އެއްޗެހި ކަޓަރަކުން އިރާލިއިރު އަހަރެންގެ ގައިގަވެސް ކަޓަރު ހުރީ އެޅިފަ. އެ ތަންތަނުން ލޭވެސް އައި. ދިލަވެސް ނެގި. ކައިވެނިކުރަން އެންމެ ދެތިން ދުވަހަށް ކުރުވެފަ އޮއްވައި އަހަރެން ދެކެ ކަލޭ އެހާ ލޯބިވާއިރު ޖަނަވާރު އުސޫލުން އަހަރެން ނޮޅައިގެން ކާލަން މަސައްކަތްކުރާނެތަ؟ އަހަރެން ފިލީ ބިރުން. އަހަރެންނަށް އިނގޭ ދެވަނަ ފަހަރަށްވެސް ކަލޭ ތެޅޭނީ އެ ވައްތަރަށްކަން. އެހާ ދުވަސްކޮށްފަ މިތަނުން ކަލޭ ފެނުނީމަ ދެންވެސް އަހަރެންގެ ހިތް ބިރުގަތް. އެކަމަކު މިހާރު ބިރެއް ނުގަނޭ. އަހަރެން މިދަނީ. ދެން އަހަރެންނާ ބައްދަލުކުރަން މަސައްކަތް ނުކުރާތި"

ތިއާ ހިނގައިގަތެވެ. ދޮރާ ހަމައަށް ނުދެވެނީސް އޭނާގެ ކަންފަތުގައި ޖެހުނީ އަންހެނެއްގެ އާހެއްގެ އަޑެވެ. ތިއާއަށް ވީ ނުބައި ގޮތެކެވެ. ތިއާ ފަހަތަށް އެނބުރި ބަލައިލިއެވެ. އަތުގައި އޮތް ފޯނުން ވީޑިއޯއެއް ޕްލޭކޮށްގެން ތިއާ އާ ގާތަށް ޒަރޫކް ފިޔަވަޅު އަޅަމުން ދިޔައެވެ. އެއީ ކޮންކަހަލަ ވީޑިއޯއެއް ކަން ތިއާއަށް އިނގުނީ އޭނާގެ ލޮލާ ފޯނު ގާތްކޮށްލުމުންނެވެ. ހެއްދެވި ހާލަށް ޒަރޫކްގެ އަތުގެ ތެރޭގައި އޮތް އަންހެންކުއްޖާ މޫނު ފެނުމާއެކު ތިއާއަށް ހީވީ ދެފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ބޮލުގައި މަރުތޭލަކުން ޖެހިޔަސް އެވަރުގެ ސިހުމެއް ނުލިބޭނެއެވެ. މޭނުބައިކޮށް ހޮޑުލެވިދާނެހެންވެސް ހީވިއެވެ. މުޅި ގައިން ދާހިއްލާ ކޮޅަށް ހުންނަންވެސް އޭނާއަށް ދަތިވިއެވެ.

"ސަޕްރައިޒްޑް ދޯ. މިއީ އަދި ފުރަތަމަ ރޭގެ. މިހާރު އެތައް ރެއަކު އެތައް ތަނެއްގަ އަހަރެންނާއެކު. މި ވީޑިޔޯ އަހަރެންގެ އެތައް ރައްޓެހިންނަކަށް ޕާސްކޮށްފިން. އެކަމަކު އަދި ލީކެއް ނުކުރަން. އަހަރެންގެ އިޝާރާތެއް ނުވަނީސް އެއިން އެއްވެސް މީހަކު ރިއެކްޓެއް ނުކުރާނެ. އިނގެއެއްނު ހަމްޕެ، ޖަންކީ، އަލޯ، ޑޭވިޑް، ސުމޭ... "

ތިއާ ކިޔާނެ ބަހެއް ނޭނގިފައި ހުއްޓެވެ. އޭނާ ހުރީ ހިތުގައި ޖެހިފައެވެ. ހަދާނެގޮތެއް ނޭނގިފައެވެ. ވެގެން އެ ދިޔައީ އޭނާ އުންމީދުކުރި ފަދަ ގޮތެއް ނޫނެވެ. ސިކުނޑީގެ މަސައްކަތް ހުއްޓިފައިވާ މީހަކު ފަދައިން ތިއާ ހުއްޓެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއް އޭނާއަށް އިހުސާސު ނުވާ ކަހަލައެވެ.

******

ގަޑިން އެގާރަޖަހަން ފަނަރަ މިނެޓް ހުއްޓެވެ. ގޭތެރޭގައި ތިބީ އާއިލާ މީހުން އެކަންޏެވެ. ބޮޑުކޮޓަރީ ސޯފާގައި މިހާދާއި ދިލްޝާދާ ދެމެދު މަންޝާ އިނެވެ. އޭރުވެސް އޭނާގެ އަތުގައި އޮތް ފޯނުން ޝައިހާންގެ ނަންބަރަށް ގުޅަމުން ދިޔައެވެ.

"ކިހިނެއްވީބާ އަނެއްކާ؟" މަންޝާ ބުންޏެވެ.

"ދެން މަންކޮ މިރޭ ދާނެކަމެއް ނެތް. އަނބިމީހާ ބޭނުންވަންޏާ ބަލާ އަންނާނެއްނު. އެހެންޏަ ދެން މީހަކު ރުޅިނައިއްޔާ ދެރައެއްނު" ޒަވީ ހިތްހަމަނުޖެހުނެވެ.

"ދޮންބެ ހިނގާބަލަ އެގެއަށް އަޅުގަނޑު ގެންގޮސްދޭން" މަންޝާ ބުންޏެވެ. ދިލްޝާދު ބަހެއްވެސް ނުކިޔާ އިނެވެ. ކަންތައްތައް ވަމުންދާ ގޮތް ރަނގަޅު ނޫންކަން އޭނާއަށް އިނގެއެވެ.

"ކީއްކުރަން އެވަރަކުން މަންކޮ ތިއުޅެނީ. ތިކުރީ ކައިވެންޏެއްތަ؟" ޒަވީގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވިއެވެ. މަންޝާ ދެރަވިއެވެ. ކައިރީގައި އިން ދިލްޝާދުގެ މޫނަށް ބަލައިލާފައި މަންޝާ ތެދުވިއެވެ.

"ހެޔޮ އެކަކުވެސް ނުދިޔަސް. އަޅުގަނޑު އެކަނި ހިނގައިދާނަން"

ޒަވީ ތެދުވެގެން މަންޝާގެ ފަހަތުން ހިނގައިގަތެވެ. ފަހަތުން މަންޝާގެ އަތުގައި ހިފައި ހުއްޓުވިއެވެ. މަންޝާއާ އެތައް ވާހަކަތަކެއް ދައްކާފައި މަންޝާގެ ކޮނޑަށް އަތްލައިގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރާ ހަމައިން ހުއްޓި ފަހަތުގައި ތިބި މައިންބަފައިނާ ފަހަރިއަށް އަތްހޫރާލިއެވެ. ދިލްޝާދު ރޮއެގަތީ މަންޝާ ނިކުތް ފަހުންނެވެ.

"އަހަރެމެންނަށް މިކުރެވުނީ ރަނގަޅު ކަމެއްހެން ހިއެއްނުވޭ. އަހަރެންނަކަށް ބުނާކަށް ނޭނގޭ. އެކަމަކު އަހަރެންގެ ހިތް އެބަ ބުނޭ އަހަރެމެން އަމިއްލަ އަތުން ހުރި ހަމައެކަނި އަންހެން ދަރިފުޅު ކޮށްޕައި އަލިފާންގަނޑަކަށް ވައްޓާލެވިއްޖެއޭ. އަހަރެންގެ ހިތް ވަރަށް ބާރަށް އެބަތެޅޭ. މިހާދު... މަންޝާއަށް ކަމެއްވިއްޔާ އަހަރެން ދުނިޔޭގައި ނުހުންނާނެ. ހަމަތެދެއް މިބުނީ. އަހަރެން ބޭނުން ޝައިހާނާއި މަންޝާ އެއްތާ ތިބެގެން ވާހަކަދައްކަން. އެހެންނޫނީ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ" ދިލްޝާދު ކިޔަމުން ދިޔައެވެ. މަންޝާ ނިކުމެގެން ދިޔަ ދޮރާ ދިމާލަށް ބަލަހައްޓައިގެން މިހާދު ހުއްޓެވެ. އޭނާ ލައިގެން ހުރި ގަމީހުގައި ހިފަހައްޓައިގެން ހުރެ ދިލްޝާދު ވާހަކަދައްކަމުން ދިޔައިރު މިހާދު ހުރީ ހިމޭނުންނެވެ. ވެދާނެއެވެ. ދިލްޝާދަށް ކުރެވޭ އިހުސާސް އޭނާއަށްވެސް ދަނީ ކުރެވެމުންނެވެ.

*******

ދޮރުގައި މަންޝާ ޓަކިޖަހާލިއެވެ. ތަޅުގައި ހިފައި އެތެރެއަށް އަނބުރާލީ މީހެއްގެ ހަބަރެއް ނުވުމުންނެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސިޓިންރޫމު ފަސްދީ، ގޯޅިގަނޑެއްހެން އޮތް ހިމަ މަގެއް ހުރިގޮތަށް ދަނިކޮށް މަންޝާގެ ކަންފަތުގައި ޖެހުނީ ދޮރެއްގައި މީހަކު ތަޅާ އަޑެވެ. އެ އަޑަށް ސަމާލުކަންދީގެން ހުރެ މަންޝާ ދިޔައީ އެ ދިމާލަށެވެ. އަޑު އައި ކޮޓަރި ދޮރުމައްޗަށް މަންޝާ އެރުމާއެކު ލިބުނީ ހައިރާންކަމެވެ. ފާހާނައިގެ ދޮރުގައި ހުރެ ތަޅަމުން ދިޔައީ ސަމާހާއެވެ.

"މަންމާ..." މަންޝާ ގޮވާލިއެވެ. ސަމާހާ ލަސްލަހުން ފަހަތް އެނބުރި ބަލައިލިއެވެ.

"ކިހިނެއްވީ؟ ޝައިހާން ދޯ އެތެރޭގަ. އަނބުރައިގަތީ ކަންނޭނގެ. ވަރަށް ބަލިވެފަ ހުރީ" މަންޝާ ބުންޏެވެ. ޝައިހާންގެ ނަމުން ގޮވަމުން މަންޝާ ދޮރުގައި ޖަހާލިއެވެ. ކުއްލިއަކަށް މަންޝާގެ އަތުގައި ހިފައި ފަހަތަށް ކޮށްޕާލިއެވެ. ސަމާހާގެ އެ އަމަލުން މަންޝާ ހައިރާންވިއެވެ.

"ނުބުނަންތަ؟" ސަމާހާ ރޯންފެށިއެވެ. "ނުބުނަންތަ ކައިވެނި ނުކުރާށޭ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. ދެން ހުރޭ އަހަރެން މިއުޅޭ ގޮތަށް އެއްދުވަހު ހިނިއައިސް ހުރިއްޔާ އަނެއްދުވަހު ރޯން. އެދުވަހު އަހަރެން ދެއްކި ވާހަކަ ގަބޫލުނުކުރީމެއްނު. އަހަރެން އެހެން ބުނީ ސަބަބެއް ނެތިއެއް ނޫނޭ. އަހަރެން ބޭނުމެއް ނުވޭ އަހަރެން މިތެޅޭ ތެޅުން ޝައިހާނުގެ ސަބަބުން އެހެން އަންހެނެއް ތެޅޭކަށް. އަހަރެން މަރުވެގެން ވެއްޓޭނީވެސް މިގޮތަށް ހިތާމަކޮށްކޮށް ހިތްފަޅައިގެން ގޮސްގެން. ދެންވެސް އަމިއްލަ ސަލާމަތައިގެން މިތަނުން ދޭ..." ރޮމުންދިޔަ ސަމާހާ ގައިގައި ހަކަތަ ނެތް މީހަކު ފަދައިން ފާހާނައިގެ ދޮރު ބުޑަށް ތިރިވިއެވެ. މޫނުގައި އަތްއަޅައިގެން އިނދެ ހުއްޓާނުލައި ސަމާހާ ރޮމުން ދިޔައެވެ. ވިސްނަންވީ އެއްޗެއް ނޭނގި ގަބުވެފައި މަންޝާ ހުއްޓެވެ.

(ނުނިމޭ)