އެމްޓީސީސީގެ ކެޕޭސިތީ އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ސަަބަބުން ރާއްޖޭގެ އިގްތިސޯދުގައި 100 މިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރު ފައިސާ މިހާތަނަށް ހިފެހެއްޓިފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ތަރައްްގީކުރި ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، މި ސަރުކާރުން އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގައި 100 މިލިއަން ޑޮލަރަށްވުރެން ގިނަ ބޭރުފައިސާ، މިހާތަނަށް ހިފެހެއްޓިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މަނިކުފާނުގެ ތަސައްވުރުގައި މިކަންކަން މި ގޮތަށް ނެތްނަމަ، އެ ފައިސާއަކީ، ބޭރު ކުންފުނިތަކުން، ރާއްޖޭގެ އިގްތިސާދުން، ބޭރުކުރާނެހާ ފައިސާ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓަކީ ތާރީހީ އެއާޕޯޓެއް ކަމަށެވެ. އެގޮތުން އެ އެއާޕޯޓަކީ ފަރެސްމާތޮޑާ ސަރަޙަށްދުގައި އޮތް، ފަސް ފަޅު ރަށެއް ވެސް، އެއާޕޯޓާ ގުޅާލެވިގެން ހެދި އެއާޕޯޓަކަށްވާތީ ކަމަށް ވިދާޅުވިއެވެ.

"އެއީ، މި ފަޅުތެރޭގަ އޮތް، ކަންޑަށް ދުއާއި ހަނޑައިދުއާއި ދޫނިރެހާ އާއި ކާޅަ ހުއްޓާއި މާރެހާ. މި ރަށްތަކުގެ ގުދުރަތީ މުއްސަނދިކަން، ރަންވޭގެ ދެ ކޮޅުންނާ، އެއާޕޯޓުގެ އެކި ސަރަހަށްދުތަކުން، ފެންނާން އޮތުމުން، ފަތުރުވެރިކަން، ތަރައްގީ ކުރެވެން އޮތް، ސަރަހަށްދު ތަކެއް، އޭގެ ބޭނުން ހިފޭ ގޮތަށް، އޮތް އޮތުމަކީ، އެއާޕޯޓަށް ލިބިގެންދިޔަ، އިތުރު ފަހިކަމެއް" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މި ދައުރުގައި ކޮންމެ 11 ދުވަހަކުން އެމްޓީސީސީން ޕްރޮޖެކްޓެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގެ ތެރޭގައި އެމްޓީސީސީން އެކަނި 140 ވުރެ ގިނަ ޕްރޮޖެކްޓް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.