މިރޭ ހުޅުވި ގދ. ފަރެސްމާތޮޑާ އެއާޕޯޓާއެކު ކައިރި ރަށްރަށަށް އިޖުތިމާއީ ހަމަޖެހުން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުއްވައިދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓާއެކު ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަ ކަމެއް ނޫން ކަމަށެވެ.
"އިގުތިސޯދީ އެތައް މަންފާއެއް ލިބޭނެ. އަދި އެ ރަށްތަކަށް އިޖުތިމާއީ ހަމަޖެހުން އަންނާނެ. އެއާޕޯޓާއެކު އުފެދުނު ވަޒީފާތަކުގެ ސަބަބުން މިހާރުވެސް މިރަށުގައި ރައްްޔިތުންނަށް އެ މަންފާ އެބަ ލިބޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ލޯންޗު ދަތުރުތައް އިތުރުވާނެ ކަމަށެވެ. އަދި ފަރެސްމާތޮޑާގައި އެންމެ އަވަހަށް ދެން ކުރިއަރާނީ ޓެކްސީގެ ވިޔަފާރި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަރެސްމާތޮޑާ އާއި ކައިރި ރަށްތަކުގައި ގެސްޓްހައުސްއާއި ޓޫރިޒަމް ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ ރައްޔިތުންނަށް މިހާރު އޮތީ އެކަން ކުރަންވީ ވަގުތު އައިސް ޖެހިފައި ކަމަށެވެ.
"ގެސްޓްހައުސްއާ ޓޫރިޒަމް ވިޔަފާރި ފަށަން ވިސްނާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާނީ މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައޭ، ލަސްނުކުރައްވާށޭ އަވަހަށް ފަށްޓަވާށޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކީ 20 މިނެޓާއި 30 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓުތައް ތަރައްގީކުރުން ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މ. މުއްޔާއި ފ. މަގޫދޫއާއި އަދި ރ. އަތިލުފުށީގައި ހަދާ އެއާޕޯޓުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި ނ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ކުރިއަށް ކުރީކޮޅުގައި ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހދ. މަކުނުދޫއާއި ށ. ބިލެއްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ހަދާ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ އެންމެ ފަހު މަރުހަލާގައި ކަމަށާއި ލަސްތަކެއް ނުވެ އެކަންވެސް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރ. އަތޮޅުގެ އުތުރު ބިތުގައި ހަދާ އެއާޕޯޓުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު