މޯލްޑިވްސް މެރިން އެކްސްޕޯގެ އަށްވަނަ އެޑިޝަން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. މިއަހަރުގެ މެރިން އެކްސްޕޯ ހުޅުއްވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ގައުމީ ބޯޓިން ޖަމިއްޔާ ބޯޓިން އެސޯސިއޭޝަން (އެންބީއެމް)ގެ ރަސްމީ ފެއާއަށް މިއަހަރު މުޅިން އާ ތިން ބައެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން އިތުރު ކުރީ ދިވެހިން އުފައްދާ ބީޗް ވެއާ ދައްކާލާ ފެޝަން ރަންވޭއެކެވެ.

ދެވަނައަށް އިތުރުކުރި ބަޔަކީ ގޯލްޑެން ވޭވްސްގެ ނަމުގައި ސްޕޮންސަރުންނަށް ހާއްސަކޮށް ބާއްވާ ހާއްސަ މެންދުރުގެ ކެއުމެކެވެ.

ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އޯނަރުންނާއި ޓޮޕް އެގްޒެކެޓިވްއާ ބައްދަލުވާން ލިބޭ މި އިވެންޓުގައި ފެއާގެ މެއިން ސްޕޮންސަރު، އެމްޓީސީސީ އަދި ކޯ-ސްޕޮންސަރ ގަލްފް ކްރާފްޓުން އެ ކުންފުނިތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް މި ފެއާގެ ތެރެއިން ދޭނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޔޮޓެއްގައި ހާއްސަ ނެޓްވޯކިން އިވެންޓެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ. މި ނެޓްވޯކިން ސެޝަންގައި އެގްޒިބިޓަރުންނަށް ބައިވެރިވެ، އެހެން އެގްޒިބިޓަރުންނާ ގުޅުން ގާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މިއަހަރުގެ އެކްސްޕޯގައި 100 އަށްވުރެގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދަނީ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި އަހަރުގެ ފެއާގެ އެއް މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.